އެމެރިކާގައި އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ޒިންމާ ނެންގެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ.

އިންތިޚާބުން އެ ޕާޓީ ބަލިވުމުގައި އީރާނަށް އެމެރިކާއިން ދިން ހަމަލާތަކާއި ތެލުގެ އަގު އުފުލުމުގެ އަސަރު އޮތް ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ޓްރަމްޕް ވިދާޅުވީ ނާކާމިޔާބީގެ އަސްލަކީ ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތުމާއި ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ހުރި އުނިކަންތައްތައް ކަމަށެވެ.

Ad
rt

ދަ ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ވޯޓުލާ މީހުން ނެރެން ރިޕަބްލިކަން ޕާޓީއަށް ދަތިވީ އޭނާގެ ނަން ވޯޓު ކަރުދާހުގައި ނެތުމުން ކަމަށެވެ. އަދި އޭނާ ތާއީދުކުރެއްވި ބައެއް ކެންޑިޑޭޓުން އޭނާއާ ދެކޮޅަށް މަސައްކަތްކުރި ކަމަށާއި، ބައެއް ކެންޑިޑޭޓުންގެ ކިބައިގައި ގިނަ އުނިސިފަތަކެއް ހުރުމުން ވޯޓުލީ މީހުން އެ މީހުން ބަލައިނުގަތީ ކަމަށް ވިދާޅުވެ އޭނާ ވަނީ ކެންޑިޑޭޓުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން، ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް އިންތިޚާބުން ބަލިވުމާ ގުޅިގެން ޓްރޫތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވީ، ސިޔާސީ ހަޔާތުގެ ފަހު ހަ މަސްދުވަހު އެބޮޓް ވެގެންދިޔައީ ހަމައެކަނި "ނަމެއްގައި ހުރި ރިޕަބްލިކަން" އެއް ކަމަށާއި، އޭނާ ބަލިވީ އެހެންވެ ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާއި ހަނގުރާމައާ ގުޅޭގޮތުން ވޯލް ސްޓްރީޓް ޖާނަލްއަށް ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ ނިންމެވީ ރަނގަޅު ނިންމެވުމެއް ކަމަށާއި އަލުން އެ ފުރުސަތު ލިބުނަސް ނިންމަވާނީ ހަމަ އެގޮތަށް ކަމަށެވެ. އަދި ފޮކްސް ނިއުސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އިގުތިސާދު ވަރަށް ވަރުގަދަ ނަމަވެސް، ތެލުގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް އެކަން އެންމެ ފުރިހަމައަށް ފާހަގަނުކުރެވުނީ ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވީ އީރާނުގެ ސަބަބުން ކަމަށާއި، އީރާނާ މެދު އޭނާ ގެންގުޅުއްވާ ސިޔާސަތަށް އާންމުން ތާއީދުކުރި ނަމަވެސް ތެލުގެ އަގު ބޮޑުވުމުގެ ކުރު މުއްދަތުގެ އަސަރު ބަލައިގަންނަން ރައްޔިތުން ތައްޔާރުނުވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އިންތިޚާބުގެ ނާކާމިޔާބީއާ މެދު ޓްރަމްޕާ ޚިޔާލު ތަފާތުވެވަޑައިގެންފައެވެ. ވެންސް ލިޔުއްވި ގޮތުގައި ރިޕަބްލިކަން ޕާޓީ ބަލިވި އަސްލު ސަބަބަކީ ހަނގުރާމައެވެ. އަދި ކުރިއަށް އޮތް ހަ އަހަރަށް ސެނެޓުގެ އަޣުލަބިއްޔަތު ގެއްލުމަކީ ފައިދާހުރި ނިންމުމެއް ކަމަށް ދެކޭނަމަ އެގޮތަށް ވަކާލާތު ކުރަންވީ ކަމަށާއި، ބަލިވި ސަބަބު އެންމެންނަށް ވެސް ސާފުކޮށް އެނގޭ ކަމަށް ވެންސް ވިދާޅުވިއެވެ.

ރިޕަބްލިކަން ޕާޓީގެ ސްޓްރެޓެޖިސްޓް ޖޭމްސް ޑޭވިސް އަލްޖަޒީރާއަށް ވިދާޅުވީ، ވޯޓުލީ މީހުން ޑިމޮކްރެޓުންނާ ދިމާއަށް އެނބުރުމުގައި ހަނގުރާމައިގެ ދައުރެއް އޮތް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައަކީ ހަމައެކަނި ހަނގުރާމަ ނޫން ކަމަށާއި، ރައްޔިތުންނަށް އިތުބާރު ލިބޭ ފަދަ ސާފު ސްޓްރެޓެޖީއެއް ކިޔައިދެވިފައި ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހަކަތައާއި ޑީސަލްގެ އަގު އުފުލުމުގެ ސަބަބުން އިގުތިސާދުގެ ހުރިހާ ދާއިރާއަކަށް ނޭދެވޭ އަސަރުކޮށް، ދިރިއުޅުމުގެ ޚަރަދުތަކާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަން ގަސްދުނުކުރައްވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓުންގެ ކޮންޓްރޯލް އޮންނަ ކޮންގްރެސްއިން ފާސްކުރާ ގާނޫނުތައް ހުއްޓުވުމަށް ތައްޔާރަށް ހުންނެވިކަން ދެއްކެވުމުގެ ގޮތުން "ވީޓޯ" ޖަހާފައިވާ އޭނާގެ ރަތް ތޮފީގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވިއެވެ. ޑިމޮކްރެޓުންނާ އެކު ގިނަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވިދާނެ ކަމަށް ވިދާޅުވި ނަމަވެސް، ކުޑަކުދިންގެ ޖިންސު ބަދަލުކުރުން ފަދަ މައްސަލަތަކުގައި އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.