އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް އެމެރިކާއިން އެއްބާރުލުން ދިނުމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނަތީޖާ ކަމަށް އީރާނުން ބުނެފިއެވެ.

މި އިންތިޚާބުގައި އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

Ad
rt

އީރާނުގެ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަންގެ ޑެޕިއުޓީ ހެޑް ސައްޔިދު މަހްދީ ތަބާތަބާއީ ވިދާޅުވީ، ސެނެޓާއި ކޮންގްރެސްގެ އިންތިޚާބުގައި އެމެރިކާގެ ރައްޔިތުން ދިން ވަރުގަދަ މެސެޖު މުޅި ދުނިޔެ އަޑުއަހައިފި ކަމަށެވެ. އަދި ރިޕަބްލިކަން ޕާޓީ ބަލިވީ އެމެރިކާ ސަރުކާރުން އިސްރާއީލުގެ މަސްލަހަތުތަކަށް އިސްކަންދީ، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތަބާތަބާއީ ވިދާޅުވީ، "ޣައްޒާގައި ހިންގި އިންސާނީ ޖަރީމާތަކާއި، ޣައިރުޤާނޫނީ އިސްރާއީލު ސަރުކާރުގެ މަސްލަހަތުތަކަށް ކަނުލޮލަކުން ބަލައި ތަބާވުމާއި، އީރާނާ ދެކޮޅަށް ކުރި ނިމުމެއް ނެތް ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ އިންތިޚާބީ ތާރީޚުގައި ވެސް ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ބަލި ވަނީ ލިބިފައި" ކަމަށެވެ.

އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އެކްސް މެދުވެރިކުރައްވައި ވިދާޅުވީ، އިންސާނީ ޟަމީރަށްޓަކައި ކަމަށް ވިޔަސް ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ކަމަށް ވިޔަސް، އެމެރިކާގެ ރައްޔިތުން ވަނީ ހަނގުރާމައަށް "ނޫނެކޭ" ބުނެފައި ކަމަށެވެ. އަދި ތެހެރާނުން އެ މެސެޖަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ފައިސާވެރިންނާއި ބްލެކްމެއިލްކުރާ ފަރާތްތަކުގެ މަސްލަހަތުގައި އެމެރިކާ ސަރުކާރުން ރައްޔިތުންގެ ނިންމުމަށް ޚިޔާނާތްތެރިވެއްޖެނަމަ، ކުރިމަތިލާން ޖެހޭނީ ބިރުވެރި ހާލަތަކާ ކަމަށް ވެސް ޤާލީބާފް އިންޒާރު ދެއްވިއެވެ.

ޕާލަމެންޓުގެ ނައިބު ރައީސް ޢަލީ ނިކްޒާދު ވިދާޅުވީ، އިންތިޚާބުން ޓްރަމްޕަށް ލިބުނު ނާކާމިޔާބީއަކީ އީރާނުގެ ރައްޔިތުންގެ ކުރިމަތީގައި ޓްރަމްޕް ވެވަޑައިގެންނެވި ބަލީގެ ނަތީޖާ ކަމަށެވެ. އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރުތައް މެދުވެރިކޮށް އީރާން ބަލިކަށިކުރުމަށް އެމެރިކާއިން ކުރި މަސައްކަތްތައް ފެއިލްވެފައިވާކަން މި ނަތީޖާއިން ހާމަވާ ކަމަށާއި، ހޮރްމުޒް ކަނޑުއޮޅީގައި އެއްވެސް އަސްކަރީ ހަމަނުޖެހުމެއް އުފައްދަން އުޅެފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ފެބުރުވަރީ މަހު އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެއްޓެވި ޓްރަމްޕާއި އޭނާގެ ޕާޓީއަށް މި ނާކާމިޔާބީ ކުރިމަތިވިއިރު، އެމެރިކާގެ ކަނޑުގެ އަސްކަރީ ބަންދާއި ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ނުތަނަވަސްކަމާ ގުޅިގެން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު ޤަޠަރުން ދަނީ އަދާކުރަމުންނެވެ. އީރާނުން ބުނެފައިވަނީ މެދުވެރިން މެދުވެރިކޮށް އެމެރިކާއާ ވާހަކަތައް ބަދަލުކުރަމުންދާ ކަމަށާއި، ކަނޑުއޮޅި އަލުން ހުޅުވުން ބިނާވެގެންވަނީ އެމެރިކާއިން އަޅާފައިވާ ބަންދު އުވާލުމުގެ މައްޗަށް ކަމަށެވެ.