މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓު ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކުން ގޮވާލަމުންދައިރު އެއަމަލު ހއ.އިހަވަންދު އަދި ހދ.ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ.

މި ލޮބުވެތި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެމްޑީއެންގެ ރިޕޯޓުގައި މިއުއްމަތުގެ މާތް ސާހިބާއަށާއި މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި މަލާމާތާއި ފުރައްސަރަކޮށްފައިވާތީ އެކަން ނޮޅިވަރަންފަރު ކައުންސިލުންނާއި ރަށުގެ ރައްޔިތުން ކުށްވެރިކުރާކަމަށް އެރަށު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

Ad
rt

ހަމައެއާއެކު އިހަވަނދޫ ކައުންސިލުން މި ރިޕޯޓް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ރިޕޯޓްގައި ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމަށާއި އެއިލާހުގެ ރައްބާނިއްޔަކަމާއި މެދު ސުވާލު އުފައްދާ ކީރިތި ޤުރުޢާނުގައި ބަޔާންވެގެން ވާކަންކަމަށް ފާާޅުގައި ދެކޮޅު ހަދާފައި ވުމަކީ އެކައުންސިލަށް ބަލައިގަނެވޭނެކަމެއްނޫން ކަމަށާއި އެހެން ކަމުން އިހަވަންދޫ ރައްޔިތުންނާއި އެކައުންސިލުން އެންމެ ހަރުކަށި އިބާރާތުން މިކަން ކުށްވެރިކުރާކަމަށެވެ.

އެހެންކަމުން ދީނީއެއްބައިވަންތަކަން ނަގައިލާ، މީސްތަކުންގެ މެދުގައި ފިތުނައުފެއްދުމަށް އެފަރާތުން ކޮށްފައިވާ މިއަމަލާއި ގުޅިގެން މި ދެ ކައުންސިލުންވެސް ވަނީ އެމްޑީއެން އުވާލާ އެ ރިޕޯޓް އެކުލަވާލުމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތް ތަކަށް އިލްތިމާސް ކުރައްވަފައެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަ އިރު، ރިޕޯޓުގެ މައްސަލައިގައި މިހާރު އެ ޖަމިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ.