2020 ވަނަ އަހަރުގެ ކައުންސިލް ތަކުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައަޅާފައިވަނީ ތިލަދުންމަތީގެ 28 ކައުންސިލްގެ ތެރެއިން 19 ކައުންސިލަކުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ގެ 108 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ހުށައަޅަން ޖެހެއެވެ. އަދި ހަމަ މި ޤާނޫނުގެ 109 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް އަތޮޅު ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލު އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

Ad
rt

ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތަށް 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލް ތައްޔާރުކޮށް، 2019 އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ހުށައަޅާފައިވަނީ 1 ސިޓީ ކައުންސިލާއި 11 އަތޮޅު ކައުންސިލަކުންނެވެ. އަދި 2019 ޖުލައި 31 ގެ ނިޔަލަށް 97 ރަށު ކައުންސިލަކުން، 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަތޮޅު ކައުންސިލަށް ފޮނުއްވާފައިވެއެވެ.

2020 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށައަޅާފައިވާ ހއ އަތޮޅުގެ ކައުންސިލްތަކަކީ ހއ އަތޮޅު ކައުންސިލް، ހއ ތުރާކުނު ކައުންސިލް، ހއ މޮޅަދޫ ކައުންސިލް، ހއ ހޯރަފުށި ކައުންސިލް، ހއ އިހަވަންދޫ ކައުންސިލް، ހއ ކެލާ ކައުންސިލް، ހއ ވަށަފަރު ކައުންސިލް، ހއ ދިއްދޫ ކައުންސިލް، ހއ ފިއްލަދޫ ކައުންސިލް، ހއ މާރަންދޫ ކައުންސިލް، ހއ ތަކަންދޫ ކައުންސިލް، ހއ އުތީމު ކައުންސިލް އަދި ހއ މުރައިދޫ ކައުންސިލެވެ.

ހދ އަތޮޅު ކައުންސިލު ތަކުން 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށައަޅާފައިވާ ކައުންސިލް ތަކަކީ ހދ ހަނިމާދު ކައުންސިލް، ހދ ނޮޅިވަރަމްފަރު ކައުންސިލް، ހދ ނޮޅިވަރަމް ކައުންސިލް، ހދ ކުރިނބީ ކައުންސިލް، ހދ ވައިކަރަދޫ ކައުންސިލް އަދި ހދ މަކުނުދޫ ކައުންސިލް އެވެ.

ތިލަދުންމަތީގެ 29 ކައުންސިލްގެ ތެރެއިން މަސައްކަތު ތާވަލު ހުށަނާޅާ 9 ކައުންސިލް އަކީ

  1. ހއ އުލިގަމު ކައުންސިލް
  2. ހދ އަތޮޅު ކައުންސިލް
  3. ހދ ފިނޭ ކައުންސިލް
  4. ހދ ނައިވާދޫ ކައުންސިލް
  5. ހދ ހިރިމަރަދޫ ކައުންސިލް
  6. ހދ ނެއްލައިދޫ ކައުންސިލް
  7. ހދ ކުޅުދުއްފުށީ ކައުންސިލް
  8. ހދ ކުމުންދޫ ކައުންސިލް
  9. ހދ ނޭކުރެންދޫ ކައުންސިލް

ގާނޫނުން ލާޒިމް ކުރާ މިފަދަ ރިޕޯޓުތަކާއި ތާވަލުތައް ވަކި ތާރީޙެއްގެ ކުރިން ފޮނުވަން ޖެހުނަސް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މަދު ކަމާއި އޮނިގަނޑުގައިވާ މަޤާމު ތަކަށް މީހުން ނެގުމުގެ ފުރުޞަތު ސަރުކާރުތަކުން ނުދޭތީވެ މިފަދަ ކަންކަން ކައުންސިލުން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. ގިނަ ކައުންސިލްތަކަކީ މުވައްޒަފުން ހަމަނުވާ ކައުންސިލް ތަކެވެ.