ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ކުށްވެރިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންވެ އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނު ވަނީ ކީރިތި ޤުރުއާނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެހެނިހެން ޤައުމުތަކުން އިންޑިއާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާއިރު މި ގައުމުގެ ދައުލަތުން އެކަން ކުށްވެރިކޮށްފައިނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި މައްސަލާގައި ބީޖޭޕީ އިން ވަނީ އެ ޕާޓީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ މިހާރު ސަސްޕެންޑްކޮށް، އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށް ބުނެފައެވެ. އަދި ޝަރުމާ ވަނީ އެ މައްސަލާގައި މަޢާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!