ރާއްޖޭގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާގެ ސިފައިން ރާއްޖެއިން ރާއްޖެއިން ބޭލުމަށް ގޮވައިލާ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ އޮވެ ހިންގަމުންއަންނަ "އިންޑިއާ އައުޓް" ހަރަކާތަކީ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވައިފިއެވެ.
އެ ޤަރާރުގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައި ވަނީ، އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެ ގަރާރުގައި ފާހަގަކުރައްވާފައިވާ ކަންތައްތައް:
- ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ޤާނޫނުއަސާސީސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލު ފަމުންދާ އަސާސްތައް ދެމެހެއްޓުންކަން،
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއްކަން،
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ކަމުގައިވާ ވިއެނާ ކޮންވެންޝަން އޮން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963) ގެ ދަށުން، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއްކަން،
- އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (1966) ގެ ދަށުން، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ޤައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއްކަން،
- އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކިއެކި މުޢާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވައިލައި އ.ދ. އިން ފާސްކޮށްފައިވާ އެކިއެކި ޤަރާރުތަކަށް ބަލާއިރު، ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން، ނުވަތަ ތަފާތުކުރުމަކީ މަނާކަމެއްކަން،
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 124 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، 615 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅައިފައިވާ ޢަމަލުތަކެއްކަން،
- އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އޮތްކަން،
- މި ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އެމަންއަމާންކަމާއި، ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކައުތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ ރައްކައުތެރިކަމާއި އިޖުތިމާޢީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމުގައި ގަބޫލުކުރެވޭތީއާއި، އަދި ވަކިން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ފާހަގަކުރެވޭކަން،
- މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމެއް ކަމުގައި ވެސް ގަބޫލުކުރެވޭކަން،
- ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަހަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވާކަން،
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން،
ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ޤަރާރު އެކަށައެޅީމެވެ." ރައީސްގެ މި ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
ރައީސްގެ މި ޤަރާރާއި ގުޅިގެން އިދިކޮޅުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެ ޤަރާރު ބާޠިލުކުރަން ކޯޓަށް ދާންވެސް އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!