މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ހަހަރުވެތި މުދައްރިސުންނަށް އަރިސްކުރަމެވެ. ތިޔަ ލޮބުވެތި މުދައްރިސުންގެ ޤައުމީ ޚިދުމަތަކީ ފާހަގަކުރެވޭ ދުވަހަކުން ނުވަތަ ލިޔެލެވޭ ލަފުޒަކުން އަގުވަޒަން ކުރެވޭވަރަށްވުރެ މާ މަތިވެރި ޤައުމީ ޚިދުމަތެކެވެ. މުދައްރިސުންނަކީ ދިވެހި ޤައުމިއްޔަތުގެ ލޭނާރުކަން ކަށަވަރެވެ. ޤައުމިއްޔަތެއް ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންނަކީވެސް މުދައްރިސުންނެވެ.

މުދައްރިސުން މުޅިދުވަސް ހޭދަކުރަނީ ޤައުމީ ޚިދުމަތުގައެވެ. ބަންދު ދުވަހެއް ރަސްމީދުވަހެއް ތަފާތެއްނެތި، ކޮންމެ ސިކުންތަކުމެ މުދައްރިސުންގެ ސިކުނޑި އޮންނާނީ އަބަދުވެސް ދަރިވަރުންނަށް އުނގަންނައިދިނުމުގެ ކޮންމެސް މަސައްކަތަކާއި ގުޅިފައެވެ. އެސިކުނޑިތައް އަދާކުރާ ޤައުމީ ޒިންމާގެ ބަދަލުގައި ލިބެނީ، މަސައްކަތާ އެކަށޭނަ އުޖޫރައެއްނޫން ނަމަވެސް ޝަކުވާއެއްނެތި އެތިއްބަވަނީ ޤައުމު އާރާސްތުކުރުމުގައެވެ.

Ad
d

ލޯބިވާ ޢާއިލާއާއި، އަމިއްލަ އެތައް އުފަލެއް ދޫކޮށް މުދައްރިސުންގެ ހުރިހާ ހަކަތައެއް ދޫކުރަނީ އުނގަންނައިދިނުމާއި، ދަރިވަރުން ބިނާކުރުމާގުޅޭ މަދަރުސާތަކުގެ ހަރަކާތްތަކަށެވެ. ދަރީންނާއި، އަނބީންނާއި، ފިރީންނާއި އަދި މައިންބަފައިންނަށް ދޭންޖެހޭ ވަގުތު ޤުރުބާންކުރަނީ މަސްއޫލިއްޔަތު އުފުލުމުގައެވެ. އުނގަންނައިދިނުމުގެ ބުރަ ޒިންމާގައެވެ.

މުދައްރިސުންގެ އަގުވަޒަންކުރުމަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަކީ، އެޚިދުމަތުގެ އަގު ވަޒަންކޮށް އެކަށޭނަ އުޖޫރައެއް ފޯރުކޮށްދިނުމެވެ. މިއީ، ވޭތުވި ސަރުކާރުތަކުންވެސް ދޫވެފައި، ނުވަތަ ދޫކޮށްލާފައި އޮތްކަމެކެވެ. މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް މަލުން ވެދުންކުރުމާއި، ކޭކު ފެޅުމާއި، ކެއުންތައްބޭއްވުމާއި އަދި ހަދިޔާ ބަދަލުކުރުމަށްވުރެ ކުލަޖެހެންވީ މުދައްރިސުންގެ އުންމީދުތަކުގައެވެ. ތަފާތު ބުރަ ޒިންމާއެއް އަދާކުރާކަމަށްދެކޭކަން ދައްކަންވީ އަމަލުންނެވެ. މައިންބަފައިންގެ "ލޯ"ތައް ފަދަ ދަރިންގެ އުނގަންނައިދިނުމާ ހަވާލެވެތިއްބަވައި އަދާކުރަމުންދާ ޒިންމާގެ އަގު އަދާކޮށްދޭންވީ ދުވަހަކުން، ކުލައަކުން ނޫނެވެ.

އައު ސަރުކާރަށް އަހަރެއްވާން ކުޑަތަންވެފައިވާއިރު، މުދައްރިސުންގެ އުންމީދުތަކުގައި ކުލަޖެއްސުމުގެ ފުރުސަތުއޮތީ އައު ސަރުކާރުގެ އަތްމަތީގައެވެ. އައު ސަރުކާރުން މުދައްރިސުންނާއި ނުހަނު ކައިރިން މަސައްކަތްކުރައްވާ ކަމުގެ އިހުސާސްކުރަމުންދާތީ، މުދައްރިސުން ތިއްބެވީ އުންމީދުގައި ކުލަޖެހޭނެކަމަށް ދެކިގެންނެވެ.

މުދައްރިސުންނަށް ހަމަ އުޖޫރަ ލިބުމާއި، ރަނގަޅު އިނާޔަތްތައް ލިބުމީ މުދައްރިސުންގެ އެދުމެއްކަމަށް ބެލުމަށްވުރެ ބަލަންވީ ކޮންމެ ބެލެނިވެރިއެއްގެ އެދުމެއްގެ ގޮތުގައެވެ. މުޖުތަމައުގެ އެދުމެއްގެ ގޮތުގައެވެ. މުޖުތަމައާއި، ބެލެނިވެރިންގެ ކުރިމަގަށްޓަކައި ދަރިން މޮޅުތަރުބިއްޔަތުގައި އުނގަންނައިދެއްވާ މުދައްރިސުންނަކީ އުފަލާއި، ހިތްހަމަ ޖެހުމުގައިތިބޭ ބަޔެއްކަން ދެކެން ބޭނުންވަނީ ޤައުމުގެ އެތައްހާސް ބެލެނިވެރިންނެވެ. ޤައުމު ޤައުމަކަށްވާން އޮތީ މުދައްރިސުންގެ މަސައްކަތުންނެވެ.

Ad
df

ޤައުމުގެ ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި މުދައްރިސުންނަށް އޮތީ ހިފެހެއްޓުމެއްނެތް ލޯތްބެވެ. ބެލެނިވެރިންގެ އެދުމަކީ، މުދައްރިސުން އުފަލުގައި ތިބުމެވެ. މުދައްރިސުންނަށް މުޅިމުޖުތަމައުން އެކަށޭނަ މަޤާމާއި، ގަދަރު ފުރިހަމަ މާނާގައި ލިބިގެންދިއުމެވެ. މުޖުތަމައުގެ އެންމެ މުހިންމު ރައުސްމާލަކީ މުދައްރިސުންކަމަށްދެކި، މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަންކުރުމީ، މިޤައުމުގެ ކޮންމެ ފަރުދެއްގެ އެދުމެވެ. އަޑުއައްސަވާ އުފާވެރިކަން ގެނެސް ދެއްވާށެވެ. މިޝުޢޫރުތައް މިދޫކޮށްލަނީ މުދައްރިސުންނަށް ލޯތްބާއެކުގައެވެ.