ޒުވާންކަމުގެ އެންމެ ޖޯޝާއެކުވެސް އެއީ ހަމަހިމޭން ދިރިއުޅުމެކެވެ. އެކަނިވެރިކަމާއެކުވެސް އެއީ އުފާވެރި ދިރިއުޅުމެކެވެ. އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ވަށައިގެން އޮތް އެކަނިވެރި ހިމޭން ދުނިޔެ، އެ ބަދަލުކޮށްލީ ނަލަ ރީތީ މާބަގީޗާއަކަށެވެ. އެއީ އޭނާގެ މަސައްކަތެވެ. ހިތްވަރެވެ. އެއީ ހަމައެކަނި އައިމަން ޚާއްޞަވި ސަބަބެއްނޫނެވެ. ހުރިހާ ގޮތަކުންވެސް އެއީ ޚާއްޞަ ކުއްޖެކެވެ.

ހދ ވައިކަރަދޫ ތޮރާމާގޭ އައިމަން ޢަބްދުލް ވާހިދަކީ އުފަންވި އިރުވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެންކަމުން އައިމަން ބޮޑުވަމުން އައީ އެންމެންގެ ލޯތްބާއެކު، އުފާވެރި މާހައުލެއްގައެވެ. ކުޑައިރު މާލެއަށް ބަދަލުވެ، އިމާދުންދީން ސުކޫލުން ތަޢުލީމު ހާސިލްކުރަން ފެށީ ފޮނި އުންމީދުތަކަކާއެކުއެވެ. ނަމަވެސް އުމުރުގެ ވަކި ހިސާބަކުން އައިމަނަށް ޞިއްޙީ އެހެން މައްސަލައަކާ ކުރިމަތިލާން ޖެހުނެވެ. ފަޔާއި، އަތުގެ ނާރުތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ހިނގާބިނގާވެ، އުޅެން ދަތިވީއެވެ. އަތް ހަރަކާތްކުރަން ދަތިވިއެވެ. އެކަނި ކޮޅަށްވެސް ނުހުރެވެއެވެ. އެހެންކަމުން ޑޮކްޓަރ ގެ ލަފައާއެކު، އައިމަން ކިޔެވުން ދޫކޮށްލިއެވެ.

Ad
d

ސްކޫލައް ދާން ނުޖެހޭތީ އައިމަންގެ ހުރިހާ ވަގުތެއްވެސް ހޭދަކުރަން ޖެހުނީ ގޭގައެވެ. އެހެންނަމަވެސް ކުރިއަށް އޮތީ އައިމަންގެ ދިރިއުޅުމެވެ. އަދާކުރާނެ ވަޒީފައެކެވެ. ކުރާނެ މަސައްކަތެކެވެ. އެންމެ ކުޑައިރުންސުރެއް އާރޓްގެ ދާއިރާއަށް އޭނާ ޝަޢުޤުވެރިކަން ހުރެއެވެ. ކުލަ ކަރުދާސްތަކާއެކު މާތަކުގެ ތެރެއަށް އައިމަންނަށް ވަދެވުނީ އެހެންވެއެވެ. މަންމަ ވަޒީފާއަށްދާ ވަގުތު، މިހާރު އޭނާގެ މަސައްކަތަކީ ކަރުދާހުން މާހެދުމެވެ.

"އައިމަން ހޭލާނެ ފަތިސް ނަމާދަށް، ދެން ސައިބޮއިގެން މަސައްކަތް ފަށާނެ، ހެނދުނު ހައެއް ޖަހާއިރު އައިމަން އިންނަނީ މާހަދުމުގެ މަސައްކަތުގައި، ދެން މުޅި ދުވަސް އެއްކޮށްވެސް އުޅޭނީ އެކަމުގައި، ވަރުބަލިވީމަ ހުއްޓާލާނެ، އަނެއްކާވެސް މަސައްކަތް ފަށާނެ، އެއީ މިހާރު އޭނާގެ މަސައްކަތަކީ "

ދަރިފުޅުގެ ވާހަކަ ކިޔައިދެމުން މަންމަ ހައްވާ ޔޫސުފް ބުންޏެވެ.

މީގެ ދެ އަހަރު ކުރީން އައިމަން މާހަދަން ފެށީ ވިޔަފަރިއަކަށް ނޫނެވެ. އެކަމަށް ހުންނަ ޝަޢުޤާއެކު، ފޫހި ފިލުވުމަށާއި، އަތުގެ ކަސްރަތަށެވެ. މާތަށް ގިނަވެ، އައިމަން އުޅޭގެ ކަރުދާސްމާތަކުން ޒީނަތްތެރި ކޮށްލިއެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނާނީ ވާސްއަކަށް ޖަހާފައިވާ މާކޯނިތަކެވެ. އެންމަޒަރު ގެއަށް ޒިޔާރަތް ކުރާމީހުންނަށް ފެނި، ރީތިވެގެން ކިޔައެވެ. އެހެންކަމުން އައިމަން އެމީހުންނަށް އެ މާ ދިއްކޮށްލަނީ ހަދިޔާއެއްގެ ގޮތުގައެވެ. ނަމަވެސް އެހެން މީހުން އެ މަލުގައި ހިފަނީ، އެ މަސައްކަތުގެ އަގު ދީފައެވެ. އައިމަންގެ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ވިޔަފާރީގެ ޝަޢުޤާއެކު އައިމަން މާވިއްކަން ނުކުތީ އެ ހިސާބުންނެވެ. ފުރަތަމަ މާވިއްކަން އިނީ ގޭ ދޮރުމަތީގައެވެ. އެހެން އިނަންއިރު މަގުމަތިން ދާމީހުން މާގަނެއެވެ. ވިޔަފާރިވެސް ރަނގަޅެއެވެ. ނަމަވެސް އެއް ދުވަހަކު މަގުމަތީގައި ކުޅެން އުޅުނު ކުދިންތަކެއް ގެންގުޅުނު ބޯޅައަކުން ޖެހި ވާސްއެއް ތަޅައިގެން ދިޔައެވެ. އެހިސާބުން މާތަށް ހިފައިގެން ގެއަށް ވަންގޮތަށް، ދެން ނުކުތީ މީހެއްގެ އުދަކުލެއް ނުފޯރާ ހިސާބަށް މާދުރަށެވެ. ވިލިނގިލީ ފެރީޓާނަލް ސަރައްހައްދު އައިމަންގެ މާތަކުން ޖަރީކޮށްލީ އެހާ ހިސާބުންނެވެ.

" މާހަދަނީ ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން، ބުރާސްފަތި ދުވަހާ ހަމައަށް، ދެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު މިދަނީ މާވިއްކަން، ދެދުވަހުން މާތަށް ވިކި ހުސްވޭ، އަދި ހަދިޔާވެސް ލިބޭ، އެހެންވެ ވަރަށް ހިތްހަމަ ޖެހޭ "

އައިމަންގެ ވިޔަފާރިޔާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.

އައިމަންގެ މާބަގީޗާއަށް ޒިޔާރަތްކޮށް އެތަނުން މާ ގަތުމަކީ އޭނަަގެ އެންމެ ބޮޑު އުފަލެވެ. އެ މަސައްކަތް އެހެން މީހުން ބަލައި ގަންނާތީއެވެ. މަސައްކަތުގައި ކުރިއަށްދާން ހިތްވަރު ލިބޭތީއެވެ. އެހެންކަމުން އައިމަން މިހާރު ހުރީ ވިލިނގިލީ ފެރީޓާމިނަލްއާ ހިސާބުން، މާބަގީޗާ ދޫކޮށްލާކަށް ނޫނެވެ.

" އައިމަންގެ މާތައް ވިއްކަން ފިހާރައެއް އަދި ހުޅުވާނަން، އެއީ މިހާރު އެންމެ ބެނުންވާ ކަމަކީ"

ހީލަމުން ވަރަށް އުންމީދާއެކު އައިމަން ބުންޏެވެ.

މިއީ އައިމަންގެ ހުވަފެނެކެވެ. މުސްތަޤުބަލަށް ކުރަހާލި މަންޒަރެކެވެ. މި ހުވަފެން ހަޤީގަތަކަށް ހަދައިދޭން، އަދި އެމަންޒަރުގައި ކުލަޖައްސައިދޭން ތިބީ އަހަރުމެން ނޫން ދެން ކޮންބައެއް ހެއްޔެވެ؟ ލޯތްބާއެކު އައިމަންގެ މާބަގީޗާއިން ބިނދެލާ އެންމެ މަލަކީވެސް، އޭނާގެ މުސްތަޤުބަލު އުޖާލާކޮށްދިނުމަށް ވެދެވޭނެ ވަރަށް ބޮޑު އެހީތެރިކަމެވެ. އައިމަން ހުރީ އެ މާބަގީޗާގައެވެ. އަހަރުމެންގެ އިންތިޒާރުގައެވެ.

Ad
df

އައިމަންގެ މާބަގީޗާ އެފްބީ ޕޭޖް