ކުއްލި ހާލަތަށް އިޖާބަދޭ ފަރާތްތައް ރާއްޖޭގައިވެސް ގިނައެވެ. އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކާއި، އެނޫންވެސް މުއައްސަސާތައް އެބަ ހުއްޓެވެ. އެކި މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާނެ މުއައްސަސާތަކާއި، އެތަންތަނަށް ގުޅޭނެ ނަންބަރުތައްވެސް އެބަހުއްޓެވެ. އަސްކަރިއްޔާގެ އެކި އެހީތައް ހޯދަން ގުޅާނެ ދެތިން ނަންބަރެއްވެސް އޮވެއެވެ. ތަންތަން އެބަހުއްޓެވެ. ނަންބަރުތައްވެސް އެބަހުއްޓެވެ.
އިމަޖެންސީ ނަންބަރުތަކުގެ ގޮތުގައި ގިނަ އަދަދެއްގެ ނަންބަރުތައް ހުރިއިރު، އެކި ކަންކަމަށް އެކި ނަންބަރަށް ގުޅަން ޖެހުމަކީ އެންމެ ރަނގަޅު ގޮތް ބާވައެވެ؟ ކަމެއް ދިމާވުމުން ހާސްވުމަކީ ނުވެ ނުދާނެކަމަކަށްވާއިރު، އެވަގުތު އެކި ފަރާތްތަކަށް ގުޅާނެ ނަންބަރުތައްވެސް އެންމެ ރަނގަޅަށް ބޮލަކަށްވެސް ނާންނާނެއެވެ.
މިފަދަ އެތައް ކަމެއް ހިނގާފައި އެބަ ހުއްޓެވެ. އެންމެ މަޝްހޫރު އިމަޖެންސީ ނަންބަރަކީ ޕޮލިސް 119 ކަމުގައިވާއިރު، އަލިފާން ރޯވެގެން މި ނަންބަރަށް ގުޅީ މަދެއްކޮށެއް ނޫންކަމަށް، ނުރަސްމީކޮށް ބައެއް ފުލުހުން ބުނެފައިވެއެވެ. ހަމައެހެންމެ، އެކިކަންކަން ރިޕޯޓު ކުރަންވީ ނަންބަރު ހޯދަން ދިރާގު ޑައިރެކްޓްރީ 110 އަށް ގުޅައިގެން، މުހިއްމު އެތައް ވަގުތެއް ދުއްވާލާ ފަހަރުވެސް އާދެއެވެ.
އެހެންވުމުން، މި މުނާސަބު ވަގުތު، ދައްކަން މިއުޅޭ ވާހަކައަކީ، އިމަޖެންސީގައި ގުޅޭ ކޮންމެވެސް އެއް ނަންބަރު ޚާއްޞަ ކުރަން ޖެހޭކަމެވެ. ކޮންމެފަދަ ކަމެއް ދިމާވެގެންވެސް، ގުޅާ ރިޕޯޓުކުރެވޭ، އެންމެ ދަންނަ، އެންމެންގެ ބޮލުގައިވެސް ހަރުލައިފައި ހުންނާނެފަދަ ކޮންމެވެސް އެއް ނަންބަރު އޮންނަން ޖެހޭކަމެވެ. ބައެއް ޤައުމުތަކުގައި އޮންނަ 911 ފަދަ ނަންބަރެކެވެ.
ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު، މި ވާހަކަ ދެއްކުންވަނީ އިތުރުވެފައެވެ. މީސް މީޑިޔާގައި މި ވާހަކަތަކުގެ އަޑުވަނީ އިތުރުވެފައެވެ.
Emergency eh ga gulhaane 1 Number eba ufahdhan jehey. 911 gothah.
-Accidenteh veema emergency responders ah aadheven dhen kan kuran kiyai dhevey fenvarah. Neyngi namaves meehaku move kohgen gellumeh libidhaane
-School thakuga basic first aid subject eh gothah kiyavaidheyn vejje https://t.co/cf4k1CECD7— Moosa Waseem (@MoosaWaseem) September 21, 2019
މިފަދައިން، އިމަޖެންސީތަކަށް ޚާއްޞަ އެއް ނަންބަރު ޤާއިމް ކޮށްފައިވާނަމަ، އިޖާބީ މަސައްކަތްތައް ކުރުމުގައިވެސް އަވަސްތަކެއް ވާނެއެވެ. ކަމާ ނުގުޅޭ ނުވަތަ ކަމެއްގައި ހަރަކާތްތެރިވާ އެންމެ މުޙިއްމު އިދާރާގެ ބަދަލުގައި، އެހެން އިދާރާއަކަށް ގުޅުމުން، އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވާނެއެވެ.
911 މަޝްހޫރު ޤައުމުތަކުގައި މިކަން ހިނގާ ގޮތަށް ބަލާއިރު، އެއީ ހަމައެކަނި ފޯނު ނަންބަރެއް ނޫނެވެ. މި ނަންބަރުން ފޯނު ނަގާ އޮޕަރޭޓަރު، ކަމާ ބެހޭ ފަރާތްތައް، އެ ސީންއަކަށް ދެވެންދެން ދެން ކަންތައް ކުރަންވީ ގޮތް ކިޔައިދެއެވެ. ފުރަތަމަ އެހީގެ ކަންކަން ބުނެދީ ހަދައެވެ. ތަހުގީގަށް އެހީވުމަށް ސީން އަށް ބަދަލުތައް ނުގެނެސް ކުރިއަށް ދިއުމަށް އެހީވެދެއެވެ.
ވާހަކަ ދެކެވުނު ގޮތުގައި، ރާއްޖޭގެ ހުރިހާ އެމްބިއުލާންސް އެއް، އެއް ވިއުގަޔަކުން ގުޅާލާ، އެއް ނަންބަރަކުން އަވަހަށް އެމްބިއުލާންސެއް އަތުޖެއްސޭގޮތް ހެދުމަށް މަސައްކަތްތައް ކުރެވުނެވެ. އެހެންނަމަވެސް، މަސައްކަތް ދިޔަ ހިސާބެއް ނޭނގެއެވެ.
މިއީވެސް ރާއްޖޭގައި ނުކުރެވޭނެ ކަމެއް ނޫނެވެ. ވަރަށް ކާމިޔާބުކަމާއެކުވެސް، ބައެއް ފަރާތްތަކުން، ޚާއްޞަކޮށް ބޮޑެތި ކުންފުނިތަކުން މިހާރުވެސް ރާއްޖޭގައި ދަނީ ބޮޑެތި ކޯލް ސެންޓަރުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!