ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމަންޓްއަށް ބޭނުންވާ ބިމާބެހޭގޮތުން ހަނިމާދޫގައި ވަކިބަޔަކު އިސްނަގައިގެން ދޮގު މައުލޫމާތު
ފަތުރަމުންދާ ކަމަށާއި، އެގޮތަށް އަމަލުކުރާ ފަރާތްތަކަށާއި، އެރަށުގެ ކްލަބް ޖަމިއްޔާ ތަކާއި އަދި ބައެއް ނޫސް ތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލުން މިހެން ބުނީ މިއަދު އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާންމުކުރި ނޫސް ބަޔާނެއްގައެވެ.

Ad
rt

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމަންޓްއަށް ބޭނުންވާ ބިމާބެހޭގޮތުން ހަނިމާދޫގައި ވަކިބަޔަކު އިސްނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ ކައުންސިލަށް އެނގިފައިނުވާ މައުލޫމާތު އަމިއްލައަށް
ހަގީގަތާ ހިލާފަށް ފަތުރަމުންދާކަން ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަނިމާދޫ ކައުންސިލް ބަދުނާމުވާގޮތަށް ހަނިމާދޫ ކައުންސިލަރުންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަގީގަތާ ހިލާފް ވާހަކަ ނުވަތަ ފޮޓޯ މީސްމީޑިއާގައި ހާމަކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް އެ ނޫސް ބަޔާނުގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދެމުންދާތީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާކަމަށް ވެސް ބުނެފަވެއެވެ.

އެކަން އެގޮތަށް ކުރާނަމަ އެބަޔަކާމެދު މި ކައުންސިލަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ދައުވާކުރެވޭނެ ކަމަށާއި، އަދި މިފަދަ ކަންކަން ނުކުރުމަށް ހަނިމާދޫގައި އުފެދިފައިވާ ކުލަބް ޖަމިއްޔާތަކަށްވެސް ނަސޭހަތްތެރިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

"މިފަދަ ކަންކަން ކުރުމަށް މިއަދު ޖަމިއްޔާތަކުގެ އިސްވެރިން ނިކުމެ މުޒާހަރާތައް ލީޑުކުރުމާއި މިފަދަ މައުލޫމާތުތަށް ފެތުރުމުގައި އެފަރާތްތަށް ހިމެނޭގޮތަށް އަމަލުކުރަމުންދާތީ މިފަދަ ކަންކަން މިގޮތަށް ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި ބައެއް ނޫސްތަކުގައި މިހާރުވެސް 400,000 އަކަފޫޓް ދޭން ނިއްވައިފައިވާކަމަށާއި، ކައުންސިލުން ނޫސްތަކަށް ދީފައިވާ ބަޔާނާ ހިލާފަށް ދޮގުވާހަކަތަށް ލިޔެ ފަތުރަމުންދާތީ، އެފަދަ ނޫސްތަކާ އެފަދަ ފަރާތްތަކާއި ދޭތެރޭ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައްއެޅުމަށް ކުރަންޖެހޭ އެއްމެހައި މަސައްކަތް ކުރާނެ ވާހަކަވެސް ދެންނެވީމެވެ." އެ ނޫސް ބަޔާނުގައި ބުނެފަވެއެވެ.

ހަނިމާދޫ ކައުންސިލުން ނެރުނު ނޫސް ބަޔާން:

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް، ހަނިމާދޫގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމުން ބަޔެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް އިތުރުކުރުމާމެދު ގޮތެއް ނިންމަން ހަނިމާދޫ ކައުންސިލްގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތެވެ. ނަމަވެސް އެ ބިމާއިގުޅޭ ވަކި ނިންމުމެއް ނިންމިކަމަށް އިނގިފައެއް ނުވެއެވެ.

"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އިންފްރާންސްޓްރަކްޗަރއިން ފޮނުވާފައިވާ ސިޓީއާއި ހަވާލާދިނުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކޯވިޑު ޙާލަތު ތަންނުދެތީ، އެޕްރޮޖެކްޓް ލަސްވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާއިއެކު، އެސިޓީގައި ޙަވާލާދެއްވާފައިވާ ބިމުގެ ތެރެއިން އެއަރޕޯޓް ފެންސުން ފެށިގެން ކަސްޓަމު މަގާއިދޭތެރޭގައިވާ ބިމުން ގޮނޑުގޮށުގެ ހޭޅިން ފެށިގެން އެއްގަމަށް 30 (ތިރީސް ފުޓު) ހޭޅީ ސަލާމަތްކުރުމަށް، އަދި އަވަށުންދާ ބޭރުމަގަށް 70 (ހަތްދިހަ ފޫޓު) ނުހިމެނޭގޮތަށް 400000 (ހަތަރުލައްކަ އަކަފޫޓު) ބިމެއް އެއަރޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުއަށް ލޭންޑްޔޫސް ޕްލޭނަށް އިތުރު ކުރުމާއިމެދު މި ކައުންސިލުން ނިންމުމަށާއި، އަދި ބިމުގެ ރަޖިސްޓްރީ ކަންތައް ހަމަޖައްސަވައި ދެއްވާނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް ލޭންޑްޔޫސް ޕްލޭނެއް ނިންމުމަށްފަހުގައި ކަމަށް ފާސްކޮށް ބިމުގެ މައްސަލަ ވީއެންމެ އަވަހަކަށް ނިންމުން." ހަނިމާދޫ ކައުންސިލްގެ އެޖެންޑާގައި ބުނެފަވެއެވެ.

މި ބިން އިތުރުކޮށް ދިނުމާއި ދެކޮޅަށް އެރަށުގައި މިއަދު މުޒާހަރާއެއް ވެސް ރޭވިކަމަށް މައުލޫމާތު ލިބުނެވެ. ނަމަވެސް ކޯވިޑްގެ ހާލަތުގެ ސަބަބުން އެ މުޒާހަރާ ކެންސަލް ކުރިކަމަށް އެކަމުގައި އިސްކޮށްއުޅޭ ބަޔެއް ފަރާތްތަކުން ރޭ މީސް މީޑިއާގައި ހާމަކުރިއެވެ.

ކޯވިޑްގެ ސަބަބުން ހަނިމާދޫ މިވަގު އޮތީ ފުރަބަންދުގެ ހާލަތުގައެވެ.