ހއ. ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އެ ދެ ރަށުގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ބުނެފަވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

Ad
rt

އަމިއްލަ ހަރަދުގައި އެ ތަންތަން ހަދަން ހުޅުވައިލީ އެކޮމޮޑޭޝަން ބްލޮކަކާއެކުގަ އެވެ.

މިގޮތުން އެ ދެރަށުގައި ޖޫނިއާ ކޮލެޖު ހަދައިދީ، ހިންގައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މޭ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، އެ ޢިއުލާނުގައި ބުނެފައިވާ ގޮތަށް އެ މަސައްކަތަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.

މި މަޝްރޫޢުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓު ލިސްޓުކުރާ ބަޔަކަށް ކަމަށް އެ ޢިއުލާންގައި ބުނެފަ ވެއެވެ.

މިއަހަރުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްނިމި، އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވުން އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދިއްދޫގައި މަތީ ތަޢުލީމު ފުޅާކުރުމަށް، 2021 ވަނަ އަހަރުގެ ދައުލަތުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ޖޫނިއަރ ކޮލެޖްގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި، ހއ އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ސިރާޖް ހިމެނޭހެން އިންތިޒާމްކުރެއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި، ދިއްދޫގައި މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތަކަށް އެދޭ ޒުވާނުން ގިނަކަމަށާއި، އެހެންވެ އެ ފުރުޞަތު އެ ރަށުން ފަހިކޮށްދެއްވުމަށްޓަކައި ދިއްދޫ ޖޫނިއަރ ކޮލެޖް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރު ވަނީ 2022 ވަނަ އަހަރު އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވަން ފެށޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.