2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ދަރިފުޅު ހޯދި ހީނުކުރާހާ މޮޅު ނަތީޖާއިން އަހުމަދު ހުރީ ވަރަށް އުފަލުންނެވެ. ދަރިފުޅަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކާއި، އިސްނެގުމާއި އަދި ލީޑަރޝިޕަށްވެސް ނަމޫނާ ދަރިއެކެވެ.
އުތުރުގެ އުތުރު ބިތުގެ އާބާދީ ކުޑަރަށެއްގެ ސްކޫލަކުން އޯލެވެލް ހަދައިގެން އޯލެވެލްގެ ގަދަ 10 ގައި ގުނާ ލެވުމީ އަހުމަދުމެނަށް ދެރަވަރެއްނޫނެވެ. މިއީ އުމުރު ދުވަހު އަތްވާއި ވާރޭގައި ލޯބޯ ފިއްސައިގެން ދަރިން "މީހުންނަށް" ހެދޭތޯ އަހުމަދު ކުރަމުން އައި މަސައްކަތުގެ ނަތީޖާއެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ދަރިފުޅަށް އިތުރަށް އުނގަންނައިދޭން ރަށުން ބޭރަށް ފޮނުވާހާ ހަކަތައެއް އަހުމަދުގެ ނެތެވެ. އެހެންކަމުން ދެން އުންމީދުކުރެވުނީ ރަށުން ރަނގަޅު ވަޒީފާއެއް ދަރިފުޅަށް ލިބޭނެ ދުވަހަކަށެވެ.
ދަރިފުޅުގެ ނަތިޖާ ލިބުނު ފަހުން ފުރަތަމަވެސް ރަށުން ޢިއުލާނުކުރީ ފެނަކައިގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމެވެ. އެވަޒިފާއަށް ކުރިމަތިލީ ކުދިންތެރެއިން ނަތީޖާގެ ގޮތުން އަހުމަދު ދަރިފުޅާ ކައިރިކުރާނެ ކުއްޖަކުވެސް ނެތުމުން އަހުމަދު ހުރީ ނިކަން އުންމީދުގައެވެ. ނަމަވެސް ވަޒީފާ ލިބުނީ އިންޓަރވިއުއަށްވެސް ނާންނަ ރިސޯޓެއްގައި ހުރި ކުއްޖަކަށެވެ. ރަށުގެ ސިޔާސީ ބޮޑެއްގެ ދަރިއަކަށެވެ. ފޯނުން އިނަޓަރވިއު ކުރީކަމަށް އަޑުއިވުނެވެ.
2017 ވަނަ އަހަރު ފަހުކޮޅު ރަށުގެ ސިއްޚީ މަރުކަޒުން އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމު ޢިއުލާނުކުރުމުން އަޙުމަދުގެ ދަރިފުޅު ކުރިމަތިލިއެވެ. ސިވިލް ސަރވިސްގެ އުސޫލުތައް އޮންނަގޮތުން ސިޔާސީ ބޮޑުންނަށް އެކަމުގެ ތެރެއަށް ނުވަދެވޭނެ ކަމަށް ހީކޮށެވެ. އެވަޒީފާ ދެފަހަރު ޢިއުލާނުކުރިފަހުން އިންޓަރވިއުކޮށް ކުއްޖަކު ނަގައިފިއެވެ. މިފަހަރު ދާއިރާގެ މެންބަރުގެ މާގާތްމީހެއްގެ ދަރިއަކަށެވެ.
އިންޓަރވިއު ޕެނަލުން ނިންމީޔޯލައެވެ. އިންޓަރވިއުޕެނަލް ނެގީ ދާއިރާގެ މެންބަރުގެ ނުފޫޒުން ބޭނުންވި ގޮތަށޭވެސް ކިޔައެވެ. ދެން އަހުމަދުގެ ދަރިފުޅު ކުރިމަތިލީ ރަށުސްކޫލްގެ ޕްރިނޓަރގެ މަޤާމަށެވެ. ދެފަހަރަކު މިމަޤާމްވެސް ޢިއުލާންކޮށް އިންޓަރވިއު ކުރިއެވެ. އެތައްދުވަހެއްފަހުން އެނގުނީ މިފަހަރުވެސް އަހުމަދުގެ ދަރިފުޅަށް ލައްވައިނުލިކަމެވެ. ދަރިފުޅަށް ވަޒީފާ ހޯދާދޭނަމަ އަޙުމަދަށް ޖެހެނީ ސިޔާސީ އެކްޓިވިސްޓަކަށްވާން ކަން އެހިސާބުން ކަށަވަރު ވިއެވެ.
2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އަހުމަދު ފަދައިން އެތަށްބަޔަކު ބަދަލަކަށް ނިންމީ ތަފާތުކުރުމެއްނެތި ހައްޤުތައް ކަށަވަރުކޮށްދޭނެ ކަމާއި، ކުލައެއް ބެލުމެއްނެތި ހައްޤުމީހާއަށް ހައްޤުމިންވަރު ކަށަވަރުކޮށްދޭނެކަމަށް ކީ ވަޢުދުގެ ފަރިހިއަހާފައެވެ. ސިޔާސީ ނުފޫޒެއްނެތި ހައްޤުމީހާ ވަޒީފާގެ ކަށަވަރުކަން ހޯދުމުގެ ނިޔަތުގައެވެ. ދާއިރާތަކުގެ މެންބަރުންނާއި އެހެނިހެން ސިޔާސީ މީހުން "އަތް ނުބާނައި" ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދޭނޭކަމަށް ދެކިތިބެއެވެ. ރަށުގެ ސިޔާސި ބޮޑުން "ހަޑި ހާވަން" ފުރުސަތުނުދީ ހައްޤުމީހާއަށް ހައްޤުމިންވަރު ކަށަވަރުކޮށްދޭނެކަމަށް ދެކިގެންނެވެ.
އެދުވަހާއި މިއަދާއި ތަފާތެއް ނެތްނަމަ މިނިވަން ރައްޔިތުމީހާ ވާނީ މާޔޫސެވެ. ސިޔާސީ ކަންކަމުގައި އުޅެން ބޭނުން ނޫން މީހާއަށް އެމިނިވަންކަން އޮންނަންވާނެއެވެ. ވަޒީފާއާއި ބޭސްފަރުވާ ފަދަ އަސާސީ ކަންކަމަކީ ދާއިރާގެ މެންބަރާއި ސިޔާސީ ބޮޑުންނަށް ސަލާންޖަހައިގެން ވާންޖެހޭ ކަންކަމެއް ނޫނެވެ.
ކޮންމެ ކަމެއްގައި ސިޔާސީމީހުންގެ ގާތަށް ސަލާންޖަހަން ދާންޖެހޭގޮތަށް އޮތް ސަގާފަތު ބަދަލުނުވާނަމަ އަދި ހެޔޮ ބަދަލަކަށް އިރެއް ނާރައެވެ. މޮޅު ސެޓުފިކެޓެއްގެ ބޭނުމެއްވެސް ނެތެވެ. އިންތިޚާބުތަކުގައި ނަގައިދޭ ދޮގު ފިލާވަޅުތަކުން އެބުނެދެނީ ދޮގުވާހަކަތަކެވެ. ރައްޔިތުން ދެކެއްބޭނުންވާ ހަމަހަމަ ކަމާއި، ޕްރޮފެޝަނަލްކަމާއި، އިންސާފު އުފަންވެއްޖެ ކަމަށް ބަލާނެ ޖާގައެއްނެތެވެ. މިއަދު ތިބާ ތިކުރާ ތަޖުރިބާއާއި، ފެންނަ ފެނުމާއި އިވޭއިވުމަށް އިންސާފުކުރާނީ ތިބާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!