އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަކީ ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގަޔާއި، އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައިވެސް ކެމްޕެއިން ކުރުމަށް ބޭނުން ކުރެވުނެ ވައުދެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ދިހަ މަސް ވީއިރުވެސް އަދި މަޖިލީހަށް ހަމަސް ވީއިރުވެސް އަދި ހިލަމެއް ނުވެއެވެ.
ވަޒީފާގެ ގާނޫނު މިހާރު އޮތްގޮތުން ހަގީގަތުގައި ރައީސް ސޯލިހަށް ފުރަތަމަ ދުވަހު ހުވާ ކުރުމާއި އެކުވެސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އިއުލާނު ކުރެވުނީހެވެ. ނަމަވެސް ފެނިގެން މިދަނީ އެތަށް މަސްތަކެއް މިކަމުގައި ބަހުސް ކުރުމުގައި ހޭދަ ކުރާ ތަނެވެ. އަނެއް ކޮޅުން މަޖިލީހުގެ ކެމްޕެއިނުގައިވެސް ބޭނުން ކުރެވުނީ ހަމަ އެންމެ ކުޑައުޖޫރައިގެ ވާހަކައެވެ. ނަމަވެސް މަޖިލީހުންވެސް މިކަމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.
މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އާންމުންނަށް އަންގައި މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކެމްޕެއިން މަސައްކަތްވެސް ފެއްޓި ކުރިއަށް ގެންދެވޭތަނެއް ނުފެނެއެވެ.
މިވީހާތަނަށްވެސް ކުރެވުނު ކަމަށް ފެންނަން އޮތް މަސައްކަތަކީ އެންމެ ކުޑަ އުޖޫރައާއި ބެހޭ ލަފާދޭ ބޯޑެއް އެކުލަވާލައި އަދި އައިއެލްއޯގެ ތަޖުރިބާކާރެއް ގެނެވިގެން ބައިވަރު ބައްދަލުވުންތަކެއް ކުރިޔަށް ގެންދެވޭ ތަނެވެ. ޕޮލިސީ ބައްޓަން ކުރެވޭ ހިސާބަކީ އާންމުކޮށް މެނިފެސްޓޯ ލިޔުމުގެ ކުރިޔެވެ.
މެނިފެސްޓޯގައި ހިމެނުމަށް ފަހު މިހާ ބަހުސް ކުރަންޖެހޭތޯ ނުވަތަ މިވެސް މިމަސައްކަތް ދިގު ދައްމާލުމަށް ކުރެވޭ ކަމެއްކަމާއި މެދު ސުވާލު އުފެއްދިދާނެއެވެ. ޚާއްސަކޮށް މިބައްދަލުވުން ތަކުގައި ބައިވެރިވި ބައިވެރިންގެ ފަރާތުންވެސް އަޑު އިވޭ ވާހަކައަކީ މިބައްދަލުވުން ތަކުގައިވެސް މަސައްކަތްތެރިންނަށްވުރެ ވިޔަފާރިވެރިންނަށް ދެވޭ އަހަންމިޔަތު ކަމެވެ. އަދި މިނިމަމް ވޭޖް ބޯޑު އެކުލަވާލުމުގައި ވެސް ނަންހިނގާ މަޝްހޫރު ދެ ވިޔަފާރިވެރިން ބޯޑުގައި ހިމަނައިގެންވެސް ރައްޔިތުންގެ ފާޑު ކިޔުން މީގެ ކުރިންވަނީ އަމާޒުވެފައެވައެވެ. މިހާ ކުޑަ މަސައްކަތެއްގައި އެތަކެއް މަސް ހޭދަ ވުމުން ދެން ކިހާ ހިސާބެއްގަތޯ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅޭނީ ސުވާލު ކުރެވެއެވެ.
މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައެއް އެކުލަވާލުމުގައި ފަހަތު ފަޔައް ބުރެވެވެނީ ކޮން ސަބަބަކާއި ހުރެތޯ ވިސްނާލަންޖެހެއެވެ. އަޅުގަނޑައަށް ބޮޑައް ބުރަވެވެނީ ސަރުކާރުގެ އިގްތިސާދީ ވިސްނުމާއި ފިކުރާއި މިނިމަމް ވޭޖްއާއި ހުރި ނުބައްދަލު ކަމެވެ.
އެމްޑީޕީއަކީ ރައީސް ނަޝީދުގެ ބަހުންނަމަ ”ސެންޓަރ ރައިޓް“ ފިކުރުގެ ޕާޓީއެކެވެ. އަދި އެމްޑީޕީގެ އިސް މަގާމުތަކުގަޔާއި ސަރުކާރަށް އައްޔަނު ކުރެވިފައިވާ މަގާމުތަކުގެވެސް ތިބީ ކަނާތުފިޔައިގެ އިގްތިސާދަކަށް ބުރަވާ މީހުންނެވެ. އިތުރު އެހެން އަމިއްލަފައިދާއެއް ނުވަތަ މަންފާއެއް ނެތި ހަގީގަތުގަވެސް މިނިމަމް ވޭޖަކުން ރާއްޖެއަށް ގެއްލުންވެދާނެ ކަމަށް މިފަރާތްތަކަށް ގަބޫލުކުރެވެނީ ކަމުގައި ވެދާނެއެވެ. ކަނާތުފިޔައިގެ އިގްތިސާދީ މާހިރުންގެވެސް ޚިޔާލާ ފިކުރު ހުންނަނީ މިގޮތަށެވެ.
އިކޮނޮމިކްސް ކޯސްތަކުގައި އާންމުކޮށް ކިޔަވައިދޭ ގޮތުގައި ޕުރައިސް ފުލޯއެއް ނުވަތަ އަގު ވަކި ހިސާބެއްގައި ހިފަހައްޓައިފިނަމަ އެމުދަލެއް ނުވިކި ގިނަވާނެއެވެ. އެހެންގޮތަކަށް ބުނަނީނަމަ މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ ބަޔެއްގެ ވަޒީފާ ގެއްލި ވަޒީފާ ނެތް މީހުން އިތުރުވާނެއެވެ. މިގޮތަށް ސަޕްލައި އެންޑް ޑިމާންޑް ޗާޓު ކުރަހައިގެން ކިޔަވާ އިކޮނޮމިކްސަށް މިކިޔެނީ ނިއޯ-ކުލެސިކަލް އިކޮނޮމިކްސެވެ. މިއީ އާންމުކޮށް ހުރިހާ ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ގިނަ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ގޮތެވެ.
މިނޫން އިގްތިސާދީ ވިސްނުންވެސް އެބަހުއްޓެވެ. ދެން އެންމެ ގަދަޔަށް ދުނިޔޭގައި ހިނގި އެއް އިގްތިސާދީ ވިސްނުމަކީ ކޭންސިއަން ވިސްނުމެވެ. ކޭންސް ބުނާގޮތުގައި އާދައިގެ މުދަލެއްގެ އަގަށް ގެނެވޭ ބަދަލަކާއި މުޅި އިގްތިސާދަށް ގެނެވޭ ބަދަލަކާއި ނަތީޖާ ވަރަށް ތަފާތުވާނެއެވެ. މިގޮތުން މިނިމަމް ވޭޖް މިހަމަޖެއްސެނީ ހުރިހާ އެންމެނަށެވެ.
އެހެންވީމާ މުޅި އިގްތިސާދަށް އަންނާނެ ބަދަލު ވަކި މުދަލެއްގެ ސަޕްލައި އަދި ޑިމާންޑަށް ބިނާކޮށް ޗާޓުކުރަހާގޮތަށް ބަލައިފިނަމަ ނަތީޖާ ހަގީގަތާއި ދިމަލެއް ނުވާނެއެވެ. ހުރިހާއެންމެގެ މުސާރަ ބޮޑުވުމުން އިގްތިސާދަށް އަންނާނީ އިތުރު ޑިމާންޑެކެވެ. ތަކެތި ވިކޭލެއްވެސް ވާނީ ގިނައެވެ. އެހެންވީމާ ވަޒީފާ މަދުވުމުގެ ބަދަލުގައި އިގްތިސާދުގައި ވަޒީފާވާނީ ގިނައެވެ.
މިދެވިސްނުމުގައި މިބުނަނީ ދިމާއިދުކޮޅު ދެވާހަކައެވެ. އެއްބަޔަކު މިބުނަނީ ބަޔެއްގެ ވަޒީފާގެއްލޭނޭ ކަމަށެވެ. އަނެއްބަޔަކު މިބުނަނީ ވަޒީފާ އިތުރުވާނޭ ވާހަކައެވެ. 1990ހައިގެ ކުރީކޮޅާއި ހަަމައަށް އެއިރުގެ އިގްތިސާދީ މާހިރުން ބުރަވަމުންއައީ ވަޒީފާ ގެއްލޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް 1993 ގައި އެލަން ކުރޫގާ އާއި ޑޭވިޑް ކާޑް ކިޔުނު ދެ އިކޮނޮމިސްޓުން އެމީހުންގެ ތަހްގީގީ އަދި ތަހްލީލީ ދިރާސާއިން މިކަން ދޮގު ކުރިއެވެ.
ނިއުޖާސީގެ މިނިމަމް ވޭޖް މައްޗަށް ޖެއްސިއިރު އެމީހުން އެސަރަހައްދުގެ ވަޒީފާއަށް އައި ބަދަލު ވަރަށް ކައިރިން ބެލިއެވެ. އަދި ވަޒީފާ މަދު ނުވާކަން ކަށަވަރު ކުރިއެވެ. އަދި މީގެ ފަހުން އެތައް ފަހަރަކު އެމީހުންގެ ދިރާސާ ރަނގަޅު ކަމަށް ވަނީ ހެކި ވަނީ ލިބިފައެވެ. ވަޒީފާ މަދުވުމުގެ ބަދަލުގައި މިނިމަމް ވޭޖްގެ ސަބަބުން އިގްތިސާދެއްގައި ވަޒީފާވާނީ އިތުރެވެ.
ކަންދިމާ ކުރި ގޮތުން ރާއްޖޭގައި އަދިވެސް މިއޮތީ ކަނާތުފިޔައިގެ އިގްތިސާދީ ވިސްނުމެވެ. ރާއްޖޭގެ މާހިރުން ގަބޫލު ކުރާ ގޮތުގައި މިނިމަމް ވޭޖެއް ގެނެވިއްޖެނަމަ ބަޔެއްގެ ވަޒީފާ ގެއްލޭނެއެވެ. ދެން ދައްކާ ބަހަނާއަކަށް އޮންނަނީ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އަސަރު ކޮށްފާނެ ވާހަކަ އެވެ. ހަގީގަތުގައި ސަރުކާރުން އެކްސްޕޯޓަށް ބާރުއަޅައި އިންވެސްޓު ކުރާނަމަ އެކަންވެސް އެގޮތަކަށް ނުހިނގީހެވެ.
ބޯޅަ މިއޮތީ ސަރުކާރު އަތުގައެވެ. ރައްޔިތުން މިތިބީ އެތަކެއް ދުވަހެއްގެ އިންތިޒާރުގައެވެ. ސަރުކާރުން ވިޔަފާރިވެރިންގެ ބޭނުންތަކަށް ވުރެ މަސައްކަތްތެރީންގެ ބޭނުންތަކަށް އިސްކަންދީ މިބަދަލް އަވަސް ކުރަންވެއްޖެއެވެ. ފާއިތުވާ ކޮންމެ ދުވަހަކީ މަސައްކަތްތެރިއަކަށް ހަމަ މުސާރަ ނުލިބި ހިނގާ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!