ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ، ކޯލިޝަން ސަރުކާރު ގެނައުމަށްޓަކައި ވެސް ވަރަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ޖަލްސާގައި، މަލީޙްގެ އިތުބާރުގެ މައްސަލާގައި ބަހުސް ކުރައްވަމުން ރިޔާޟް ވިދާޅުވީ، އޭނާ ދެކިވަޑައިގަންވާ ގޮތުގައި މަލީޙަކީ ވަރަށް އިޚްލާޞްތެރި، ތަޢުލީމީ، ޤާބިލް ބޭފުޅެއް ކަމަށެވެ.

Ad
rt

ސަރުކާރުގައި މަލީޙް ފުރުއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ސްލޮޓެއް ކަމަށާއި، މަލީޙްގެ އިތުބާރުގެ މައްސަލަ މަޖިލިސްގެ ތަޅުމާއި ހަމައަށް އައިސް، ގޮތެއް ނިންމުމާއި ހަމައަށް ދިޔައިރުވެސް މަލީހް މަސްއޫޫލިއްޔަތު އަދާނުކުރަށްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕަށް ވެސް އަދި ޕާޓީގެ މެންބަރަކަށް ވެސް ސަރުކާރުން އަންގާފައި ނުވާކަމަށް ރިޔާޟް ވިދާޅުވިއެވެ.

''އަޅުގަނޑު ތަކުރާރުކޮށްލަން، ވަރަށް އިޚުލާޞްތެރި، ތެދުވެރި، ޤާބިލު ބޭފުޅެއް މަލީއަކީ. މަލީހް ސަރުކާރުގެ ވަޒީރުކަމުގެ މަޤާމުގެ އެ ސްލޮޓަށް، ޖުމްހޫރީ ޕާޓީއަށް ލިބިފައި އޮތް ސްލޮޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ހުށަހަޅުއްވާފައިވަނީ، މިހާހިސާބަށް އައިއިރު ސަރުކާރުގެ ފަރާތުން މަލީހުގެ ވާޖިބު އަދާނުކުރާ ކަމަށް އެއްވެސް ހިސާބަކުން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާ ހަމައަށް ވެސް އަދި ޕާޓީގެ މެންބަރަކާ ހަމައަށް ވެސް
ހިއްސާކޮށްފައިނުވޭ'' ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލާގައި މަލީހް ޤަވާޢިދުތަކެއް ނަހަދާ ވާހަކަ ފާހަގަ ކޮށްފައިވާ ކަމަށެވެ/

''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުށަހެޅިފައި އޮތް މައްސަލައިގައި ފާހަގަކޮށްލަންޖެހޭ ހަމައެކަނި އެއް ވާހަކައަކީ، ގަވާއިދުތަކެއް ނަހަދާ ވާހަކަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިސްޓަރެއް، އެ މިނިސްޓަރެއްގެ މަސްއޫލިއްޔަތު، ނުވަތަ އެ މިނިސްޓްރީއެއްގެ ވާޖިބު އަދާކުރުމަށް ޓަކައި ހަދަންޖެހޭ ގަވާއިދު ނަހަދައިގެން ޖަވާބުދާރީކުރުމުގެ ނަމުގައި މިއަދު މި ކުރާ މަސައްކަތަކީ އެ މަނިކުފާނު ވަކިކުރުމަށް މަޖިލީހުން މި ކުރާ މަސައްކަތަކީ، އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑު އެކަމަށް ތާއީދެއް ވެސް ނުކުރަން. މިހެން މި ދަންނަވަންޖެހުނީ، އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުން އެއަށް ވުރެ، ކޯލިޝަން ސަރުކާރެއް. ކޯލިޝަން ސަރުކާރު ގެނައުމަށްޓަކައި ވެސް ވަރަށް އިޚުލާޞްތެރި މަސައްކަތްތަކެއް މަޖިލީހުން ކުރައްވާފައިވާ ބޭފުޅެއް އެ މަނިކުފާނަކީ، އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރެއްވި. އިޚުލާޞްތެރި މަސައްކަތްތަކެއް ކުރައްވާފައި ހުރި ބޭފުޅެއް. އަދި އެމަނިކުފާނާ ދޭތެރޭގައި އިތުބާރު ނެތްކަމަށް މިހާހިސާބަށް ވެސް ނެތް ކަމަށް ސަރުކާރުން ވިދާޅުނުވާކަން އަޅުގަނޑު މި
ފުރުޞަތުގައި ފާހަގަކޮށްލަން، މިއީ އިއްޒަތްތެރި ރައީސް، ހަމަ ސިޔާސީ މަސައްކަތެއް. މި މަޖިލީހުގައި ކުރާނީ ސިޔާސީ މަސައްކަތް.'' ރިޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރުއޮތް މަޖިލީހަކީ އެމް.ޑީ.ޕީގެ މެންބަރުންގެ ސުޕަރ މެޖޯރިޓީ އޮތް ތަނެއްކަން ގަބޫލު ކުރަށްވާ ކަމަށެވެ. އަދި މެންބަރުން މިއަދު ބޭނުންފުޅުވާ ކަމެއް، ބޭނުންފުޅުވާ މީހަކާ ދޭތެރޭގައި، ވަޒީރަކާ ދޭތެރޭ ވިޔަސް އަދި އެހެނިހެން ވެސް މަޖިލީހުން ރުހުން ދޭންނުޖެހޭ މީހަކަށް ރުހުންދިނުމާއި، ވަކިކުރަން ފެންނަ މީހަކު ވަކި ކުރުމުގެ ބާރު އެބައޮތް ކަމަށެވެ. އެކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް މަލީހް މަގާމުން ވަކިކުރަނީ މަސައްކަތެއް ނުކޮށްގެން ނޫންކަމަށާއި، އެއީ ސަރުކާރުގެ ހުށަހެޅުމެއް ނޫން ކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ކޯލިޝަން ސަރުކާރެއްގައި ކަން ހިނގައިގެންވާނެ ގޮތެއް ނޫންކަމަށާއި، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމް ވެސް އެ މައްސަލާގައި ރައީސް ޞާލިޙާއި މަސްވަރާ ކުރައްވަން ޖެހޭނެ ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.

އެއްވެސް ވަޒީރެއްގެ މައްސަލަ އުޅޭކަމަށްވަންޏާ މަގާމު ބަދަލުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، މަލީޙްގެ އިތުބާރުގެ މައްސަލައަކީ އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅައިގެން އުޅޭ މައްސަލައެއް ނަމަ، އެކަމުގައި ދައްވާނެ އިތުރުވާހަކައެއް ނެތް ކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ. އަދ ވެރިކަންކުރާ ކޯލިޝަންގެ ތެރެއިން، އެންމެ ގިނަ މެންބަރުން ނިސްބަތްވާ ޕާޓީން އެކަން ކުރަމުންދާތީ ހިތާމަ ކުރަށްވާ ކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.