ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް މިނިވަންކުރަން ގޮވާލައި، އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އެ ކޯލިޝަނުން ވަނީ ހައިކޯޓްގައި މިއަދު ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔަ ވަގުތުވެސް އެ ސަރަހައްދަށް އެއްވެ، އެ ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވައި، އެމަނިކުފާނުގެ މައްޗަށް އެ މައްސަލާގައި ކްރައިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވަނީ މިއަދުއެވެ.
މި މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށައެޅީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ހައިކޯޓަށް ބަލައިގަތީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ބެއްލެވީ، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ހުސެއިން ޝަހީދެވެ. އޭގެ ތެރެއިން ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒު ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ތާއީދު ކުރި އެވެ. ނަމަވެސް، ފަނޑިޔާރު ޝަހީދުގެ ރައުޔު އެއާ ހިލާފެވެ.
އެ ހުކުމަށްފަހު އިދިކޮޅުގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ދަނީ މާލޭ ސިޓީގެ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަމުންނެވެ. އެ އިހުތިޖާޖުގައި ގޮވައިލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!