ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން މި ހަފުތާ ބަންދުގައި މަކުނުދޫގައި ތިން ދީނީ ދަރުސެއް ބާއްވަން ނިންމައިފިއެވެ.
މިގޮތުން އެރަށުގައި ބާއްވާ ފުރަތަމަ ދަރުސް މާދަމާ އަސުރުނަމާދަށްފަހު އެރަށުގެ މަސްޖިދުއް ޞިއްދީޤުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ދަރުސްގެ މައުޟޫއަކީ ''މުއުމިނުންގެ ސިފަތައް'' އެވެ.
ދެވަނަ ދަރުސް އަމާޒުކޮށްފައި ވަނީ އެރަށުގެ އެންމެހާ ރައްޔިތުންނަށެވެ. ''ހުރިހާ ނުބައިކަމެއްގެ މަންމަ'' މި މައުޟޫއަށް ކުރިއަށްގެންދާ މި ދަރުސް އޮންނާނީ މާދަމާރޭ 20:15 ގައި މަކުނުދޫ ސްކޫލްގެ ހޯލުގައެވެ. އަދި އެމްވައިއެމްއިން އިންތިޒާމުކުރާ ތިންވަނަ ދަރުސް، ''އުންމަތުގެ މައިބަދަ'' ޚާއްޞަކޮށްފައި ވަނީ ކަނބަލުންނަށެވެ. މި ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00ގައި މަކުނުދޫ ސްކޫލް ހޯލްގައެވެ.
މިދަރުސްތައް ދެއްވަނީ އައްސައިޚް އާޒިމް ޚާލިދެވެ.
މި ދަރުސްތައް ބޭއްވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަށްވަމުން އެމްވައިއެމްގެ ރައީސް އަޝްފާޤް އާދަމް ''ތިލަދުން''އަށް ބުނީ، އެ ޖަމިއްޔާއިން އެންމެ އިސްކަމެއްދީގެން ހިންގާ ހަރަކާތްތަކަކީ ދީނީ ގޮތުން މަކުނުދޫ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް އެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެރަށުގައި ދީނީ ދަރުސް ދިނުމުގެ ހަރަކާތްތައް ހިންގަމުން ދާކަމަށް އޭނާ ބުންޏެވެ.
''މިއީ މިއަހަރު މިޖަމިއްޔާއިން ހިންގާ ފުރަތަމަ ހަރަކާތް، ފުރަތަމަ ބާއްވާ މިސްކިތު ދަރުސް އަމާޒުކޮށްފައި ވާނީ މުއުމިނުންގެ ސިފަތަކަށް، މި ދަރުސްގެ ސަބަބުން އީމާންކަން ވަރުގަދަވެ ދީނީ ރޫހު އާލާވެގެން ދާނެ ކަމަށް އުންމީދު ކުރަން، މާދަމާ ރޭ އޮންނަ ބޮޑު ދަރުސް އަމާޒުކޮށްފައިވާނީ މިހާރު މުޖުތަމައުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާ ތަކެއްޗަށް، މި ކަމުގައި ގިނަ ޒުވާނުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަން''
އަޝްފާގް ބުންޏެވެ.
އަޝްފާގް ބުނީ ހޮނިހިރު ދުވަހު އެރަށުގެ ކަނބަލުންނަށް ޚާއްޞަ ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށާއި، އަދި އެރަށު ސްކޫލްގެ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ''ކާމިޔާބު ދަރިވަރު'' ނަމުގައި ވެސް ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އަޝްފާގްވަނީ އެ ދަރުސްތައް ބޭއްވުމަށް މަކުނުދޫ ކައުންސިލުން ހުއްދަ ދެއްވައި ދެއްވާ އެއްބާރުލުމަށާއި، މަކުނުދޫ ސުކޫލުން ދެއްވާ އެއްބާރު ލުމަށާއި، އަދި ދަރުސްތައް ދެއްވާ ސެއިޚް އާޒިމް ޚާލިދު ދެއްވާ އެއްބާރުލުން ފާހަގަ ކުރަށްވައި ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާ ވަނީ އެހަރަކާތްތައް ހިންގަނީ އެ ޖަމިއްޔާގެ މެންބަރުންގެ އަމިއްލަ ޚަރަދުގައިކަން ފާހަގަކޮށް އެޖަމިއްޔާގެ މެންބަރުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.
މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އަކީ މަކުނުދޫގައި ހަރަކާތްތެރިކަމާއިއެކު އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން އެޖަމިއްޔާއިން ވޭތުވި އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރެއިން މައިބަދާގައި ޓިއުމަރެއް އުފެދުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ އެރަށު އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް ''ސާރާއާއިއެކު މަކުނުދޫ'' ނަމުގައި އެ ޖަމިއްޔާއިން ވަނީ ނަމޫނާ ކާމިޔާބު ކެމްޕެއިނެއް ހިންގައި، އެ ކެމްޕެއިނުން ލިބުނު 146،785.45 ދިވެހި ރުފިޔާއާއި ،100 ޔޫއެސް ޑޮލަރާއި އަދި 4175 އިންޑިއަން ރުޕީސް ސާރާގެ ޢާއިލާއާއި ހަވާލުކޮށްފައެވެ. ދީނީ ދަރުސް ހަރަކާތް ހިންގުމުގެ އިތުރުން ގިރާއަތު ލެވެލް 2، ގާރީ ކޯހެއް ވެސް އެޖަމިއްޔާއިން އެރަށުގައި ހިންގާފައިވާއިރު، ކޯވިޑްގެ ތެރޭގައި ވެސް އެ ޖަމިއްޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!