ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގައި ސަރުކާރު މެންބަރުންނާއި އެމްޑީޕީ މެންބަރުން ތިއްބަވާ ކަމަށް ނައިފަރުދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ދައުރުން ބޭރުގައި ބާއްވާ 3 ވަނަ ޚާއްޞަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރަށްވާ ޝިޔާމް ވިދާޅުވީ އެ ބިލުން ގެނެވޭ އިޞްލާޙަށް މަސައްކަތް ކުރެވޭއިރު ފެނިވަޑައި ގަންނަވަނީ ސަރުކާރުން އަދިވެސް އިންތިޚާބު ލަސްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ތަންކަމަށެވެ.
''%75 އޮތް މަޖިލީހެއްގައި މިއަދު ވެސް މަޖިލިސް ނުފެށިގެން ސާޅީހަކަށް މިނެޓު ސަރުކާރު މެންބަރުން ނައިސްގެން، ސަރުކާރު މެންބަރުން ނައިސްގެން، އެމް.ޑީ.ޕީގެ ތެރޭގައި ވެސް އެބަ ތިބޭ ސަރުކާރު މެންބަރުންނާއި އެމް.ޑީ.ޕީ މެންބަރުންނާ. އޭގެތެރެއިން ސަރުކާރު މެންބަރުން ވަޑައިނުގެން މި މަޖިލީހުގެ ޖަލްސާ ލަސްވެގެން ދިޔަދިޔުމަކީ ދިވެހި ރައްޔިތުން ހިތާމަކުރާނެ ކަމެއް. އަދި ސަރުކާރުގެ އިޚުލާޞްތެރިކަމާ ދޭތެރޭގައި ރައްޔިތުން އެބަ ސުވާލުއުފައްދާ މިކަހަލަ ކަންތައްތައް ވީމަ.''
ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އެތައް ރައްޔިތެއް ލޯކަލް ކައުންސިލަށް އިންތިޚާބަށް ކުރިމަތިލައިގެން އެބަތިބި ކަމަށެވެ. އެހެންނަމަވެސް، އަދިވެސް އެ އިންތިޚާބު ބޭއްވޭނެކަމާއި ދޭތެރޭގައި އެ ހުރިހާ ރައްޔިތުން ދަނީ ސުވާލު އުފައްދަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކާގައި، އެ ބިލުގެ މަސައްކަތް ނިމި ތަޅުމާއި ހަމައަށް އައިއިރު ފެންނަން އޮތީ ސިޔާސީ ޕާޓީތައް ކޮންޓްރޯލްކުރުމުގެ ބާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އަށް ''ފާޑަކަށް ދޭން އުޅޭ ކަހަލަ ގޮތަކަށް'' ކަމަށް ސިފަވާކަމަށް ވިދާޅުވެފައެވެ.
''ދެން އެޗްޕީއޭއިން ކަންތައް ކުރަމުންދާ ގޮތް ވަރަށް ސިމްޕަލް. މި ދެންނެވީ، ވަރަށް ފާޅުކަން ބޮޑު ގޮތުގައި އެ އޮތީ އެނގެން ސަރުކާރު މެންބަރުންނަށް ދަތުރުކުރެވޭ. އެޗް.ޕީ.އޭއިން ނެރެފައި އޮންނަ އުސޫލުގައި މި އޮންނަނީ، ރާއްޖޭގެ ރަށްތަކަށް ދަތުރުކުރަންޖެހެނީ ޕްރޮޖެކްޓެއް އިފްތިތާހުކުރާށޭ. ޕްރޮޖެކްޓު ހިންގަނީ މިއަދު ސަރުކާރުން. ޖޭ.ޕީ މީހުން ވެސް ދަނީ، އަދާލަތު ޕާޓީ މީހުން ވެސް ދަނީ ސަރުކާރާ އެކީގައި، އެމް.ޑީ.ޕީ މީހާ ވެސް ދަނީ، އެހެންވީމާ، ޕީ.ޕީ.އެމްގެ ޕީ.އެން.ސީ ފިޔަވައި ހުރިހާ އެންމެންނަށް ދެވޭ ގޮތަށް އުސޫލު އެކުލަވައިލާ ބައެއްގެ ވާހަކަ މި އިޞްލާޙުގައި މި އޮތީ އައިއްސާ،''
ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެއީ އިދިކޮޅު ޕާޓީތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ބިލުގެ ބަހުސް ކުރިއަށް ގެންދަވަމުން ޖަލްސާގެ ކޯރަމްގެ ވާހަކައަށް އިޝާރާތް ކުރަށްވާ، ސަރުކާރު މެންބަރުން ނައިސްގެން ޖަލްސާ ނުފެށިލަސްވި ކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު، އެ ޖަލްސާ ފެށުމަށް އެންމެ ފުރަތަމަ ކޯރަމްހަމަނުވުމުގެ ސަބަބުން 15 މިނެޓް މަޑުކުރުމުން ވެސް ކޯރަމްހަމަނުވުމުން މަޖިލީގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ 15 މިނެޓް މަޑުކުރުމުން ވެސް ކޯރަމްހަމަނުވާކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު ރިޔާސަތުން ވަނީ އެ ޖަލްސާއަށް ގަޑިއަށް ހާޒިރުވި މެންބަރުންގެ ނަމާއި ސަލާމުގައި ތިބި މެމްބަރުންގެ ނަން ވެސް އިއްވާފައެވެ. އަދި ޖަލްސާއަށް މެމްބަރުން ހަމަކޮށް ދެއްވުމަށް ރިޔާސަތުން ވަނީ އެދިވަޑައިގެންފައެވެ.
ރިޔާސަތުން ވަނީ މަޖިސްފެށޭ ގަޑިޖެހުނު އިރު ވެސް އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ވެސް ވިޕެއް ވެސް ވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބް ފިޔަވައި އެއްވެސް ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރު ވެސް ޖަލްސާއަށް ވަޑައިނުގަންނަވާކަމަށް އީވާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވުނު މި ޖަލްސާގެ ކޯރަމްގެ މައްސަލަ ދިމާވެ، ކޯރަމް ހަމަވޭތޯ 15 މިނެޓް މަޑުކުރެއްވުމަށްފަހު، ޖަލްސާ 10 މިނެޓަށް މެދު ކަނޑާލެއްވުމަށްފަހު ޖަލްސާ ފަށާފައިވަނީ 24 މެންބަރުންނާއިއެކުއެވެ.
މިޖަލްސާގެ ކޯރަމްގެ މައްސަލަ ދިމާވެ، ގަޑިއަށް ވަޑައިގެންނެވި މެންބަރުންނާއި، ވަޑައިނުގަންނަވާ މެންބަރުންގެ ނަންތައް މަޖިލިސްއިން ޢިއުލާން ކުރަށްވާފައިވާއިރު، ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ އެކަނިވެސް މަޖިލިސްގެ 87 ގޮނޑިތެރެއިން 65 ގޮނޑިއެއް ތަމްސީލް ކުރަށްވައެވެ. އަދި އެ ކޯލިޝަންގައި ހިމެނޭ ޖޭޕީން ވެސް 5 ގޮނޑިއެއް ތަމްސީލް ކުރަށްވައެވެ.
މަޖިލީހުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ތަމްސީލް ކުރަނީ 6 ގޮނޑިއެވެ. އަދި އެކޯލިޝަންގެ އަނެއް ބައިވެރިޔާ ޕީއެންސީ ތަމްސީލު ކުރަނީ 3 ގޮނޑިއެވެ.
އެމްޑީއޭއިން މަޖިލިސްގެ 2 ގޮނޑިއެއް ތަމްސީލް ކުރާއިރު، މަޖިލީހުގައި މިނިވަން މެންބަރުން ތަމްސީލް ކުރަށްވަނީ 6 ގޮނޑިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!