އޭނާ މާދަމާ ހޭލާއިރު އުންމީދުކުރާ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އުފާވެރި ވަގުތުކޮޅަކަށް އުންމީދުކުރާނެ ހެއްޔެވެ؟ ލިބޭނެ ހެއްޔެވެ؟
ދުވަހުގެ ކޮންމެވެސް ވަގުތެއްގައި މައިންބަފައިންނާއި އާއިލާގެ ލޯތްބާއި އަޅާލުމުގެ ފޮނި އިސްހާސް ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮންނާނެ ހެއްޔެވެ؟ އެކަމަށް މަގުފަހިކޮށްދިނުމަށް ތިހިރީ ތައްޔާރުވެގެން ހެއްޔެވެ؟
ކުދިން އެކުދިންގެ މާދަމައާއިމެދު ކުރާ އުންމީދުތަކާއި އިތުބާރަކީ ފިހާރައެއްގެ ހަރުގަނޑުން ގަނެފައިދެވޭނެ އެއްޗެއް ނޫނެވެ. އެއީ މައިންބަފައިންނާއި މުދައްރިސުންނާއި އާއިލާއަށް އެކުދިން ކުރާ އިތުބާރާ ގުޅިފައިވާ ކަމެކެވެ.
ކާމިޔާބު ކުއްޖަކަށްވުމަށް ބޭނުންވާ އެހީތެރިކަމާއި ހިތްވަރުދިނުމާއި މަގުދައްކައިދިނުން ލިބޭނެކަމުގެ ޔަގީންކަން އޮތުމަކީ، މާދަމައަށް އޭނާ އިންތިޒާރުކުރާނެ ސަބަބެވެ.
ދަރިފުޅަކީ ފުޓްބޯޅައެއް ނޫނެވެ. ފަޚުރުވެރިވާނެ ގޯލުތަކެއްނުޖެހިގެން ސައްޕެއް ޖަހާ ހަވަޔަށް ފޮނުވާލާކަށް ނުޖެހެއެވެ. ހަސްފަސްނެތިދަންދެން ތަޅާބާލާކަށް ވެސް ނުޖެހެއެވެ.
މާދަމާއަކީ ކުދިން "ލުކްފޯވަރޑް ކުރާ" ހޭލުމަށްބޭނުންވާހާ އިންތިޒާރުކުރާ ދުވަހަކަށް ހެދުން އޮތީ މައިންބަފައިންނާއި މުދައްރިސުންގެ އަތްމަތީގައެވެ. ފޮނި ހުވަފެންތަކެއްގެ އުންމީދު ގެނެސްދޭނެ ބައެއްގެ އަތްމަތީގައެވެ.
އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޭނުންާވާ ބުންވަރު އެކުދިންގެ އެބަހުއްޓެވެ. އެކަން ގަބޫލުކުރުމަކީ އެކުދިން އުދުހެން ދެވޭ ފިޔަތަކެކެވެ.
އުޖާލާކުރިމަގެއް ބިނާކުރެވޭނީ، މާދަމާ ހޭލާއިރު ކުދިން ކުރާ އުންމީދަކީ، އުފާވަރިކަމާއި ހިތްހަމަޖެހުން ކަށަވަރުކޮށްދޭ އުންމީދުތަކަކަށް ހެދިގެންނެވެ.
ލޯތްބާއި އަޅާލުމަކީ ކޮންމެ ކުއްޖެެއްގެ ހައްގެކެވެ. ތިބާގެ ދަރިފުޅުގެ ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!