ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްޤުތައް ކޮބައިތޯ ސުވާލުކޮށްލުމަކީ ނެއްކަމެއް ނޫނެވެ. ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓުއަރިޒަމް ދާއިރާއިން އަދި ސަރވިސް ޓެކްސް ގެ ގޮތުގަ 4182.8 މިލިއަން ރުފިޔާ ގައުމުގެ ރައުސުލްމާލަށް ވަނީ ލިބިފައެވެ. މާނަ އަކީ ރާއްޖެ އަށް އެންމެ ގިނަ ބޭރުފައިސާ ވައްދަނީ ޓޫރިޒަމް ދާއިރާގެ ތެރެއިންލާފަކަމެވެ. އަހަރެމެން ރިސޯޓް މުވައްޒަފުންނަކީ މުޅި މި ގައުމުގައި ތަންބު ތަކެއްގެ ގޮތުގައި ގައުމުގެ ޖީޑީޕީ ހިފަހައްޓައިގެން ތިބޭ ބައެކެވެ. މިހެން މިގޮތުގައި ތިބޭތާ 45 އަހަރަށް ވުރެ ގިނަދުވަސް މިވަނީ ވެފައެވެ. ގައުމުގެ ބޭންކު ތަކުން ޑޮލަރު ހުސްނުވެ ލިބެން ހުންނަނީ އަހަރުމެން ރިސޯޓް ބޯއީސް ކުރާ ބުރަ މަސައްކަތުންނެވެ.
ވަކި ވަގުތެއް ނުބަލާ ކުރާ ބުރަ މައްސަކަތުން ރާއްޖެ އަށް "ހެވަން އޮން އާރތް" ނުވަތަ "ދުނިޔެ މަތީގެ ސުވަރުގެ" މި ލަގަބު ވެސް މި ވަނީ ލިބިފައެވެ. ނަމަވެސް ސުވާލަކީ މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްޤު މިންވަރަކީ ކޮބައިތޯއެވެ. މާޒީގައި ކަންވެފައިވާގޮތާއި ވަމުންދާގޮތައް ބަލާއިރު އެނގެން އޮތް ހަގީގަތަކީ ސަރުކާރާއި އަހަރުމެންގެ ހައްޤުގައި ވަކާލާތުކުރަން މަޖިލިސްއަށް ހޮވާފަތިބި މެންބަރުން އަހަރުމެންގެ ޝަކުވާތަކަށް ދެނީ ބީރު ކަންފަތެއް ކަމެވެ. މިހެން ބުނަންޖެހޭ ސަބަބުތައް ބައިވަރެވެ. އަބަދާއި އަބަދު ކުރަމުން މިދަނީ އެއް ޝަކުވާއެކެވެ. ހައްލުނުވެ ހުރި ކަންބޮޑުވުންތައް ބަައިވަރެވެ.
ރިސޯޓު ތަކުގައި މަސައްކަތްކުރާ މުއްޒަފުންގެ މަސައްކަތުގެ މާހައުލުގައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވަނީ ވަރަށް ބޮޑުތަނުން ހަނިކުރެވިފައެވެ. ރާއްޖޭގެ މަޝްޙޫރު ރިސޯޓެކެވެ. 10 ޖަހާއިރު ބޭރުގަ އުޅުމަކީ މަނާކަމެކެވެ. އަތުން މޮޑެގެން ކެއުމަކީ މަނާކަމެކެވެ. ތިންމީހަކު އެެއްވެ ވާހަކަ ދެއްކުމަކީ މަނާކަމެކެވެ. މަގުމަތީ ހިނގާފަ ދާންޖެހެނީ ވަކި ގޮތަކަށެވެ. ޤަވާޢިދު އިންތިހާއަށްބޮޑު އެރިސޯޓުގެ ސާވިސްޗާޖުވެސް ހަމަ އެހާބޮޑެވެ. ކަމަކާ ހިއްހަމަ ނުޖެހި އެވާހަކަ ދައްކައިފިނަމަ މެނޭޖަރުގެ ކިބައިން ލިބޭ ޖަވާބަކީ "މިތާ ތެލުލާ ގުޅަ މީރު ނޫނިއްޔާ ގުޅަ މީރުތާކަށް ދޭ" މާނަ އަކީ ކެނޑިގެން ދާށެވެ.
މުސްލިމް ޤައުމެއްގައި ތިބި މުސްލިމު ފިރިހެނުންނަށް ތުނބުޅި ބެހެއްޓުމަކީ މަނާ ކަމެކެވެ. ތެދެކެވެ. ހޮސްޕިޓާލިޓީ ދާއިރާވުމުން އުސޫލްތަކެއް ދަމަހައްޓަން ޖެހޭނެއެވެ. އެއްބަހެވެ. އިންޑިޔާ މީހުންނަށް މަތިމަސް ބެހެއްޓެއެވެ. ސިކް މީހުންތުނބުޅި ބެހެއްޓުން ހުއްދައެވެ. ތަފާތަކީ ދިވެހިން ވީމަތޯއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންގެ ޝަކުވާއަކީ، ސްކޫލުތަކުގެ ބޮޑު ޗުއްޓީ ރިސޯޓްތައް ފުރޭ ދުވަސްވަރާ ދިމާވުމެވެ. ރިސޯޓްތަކަށް ފަތުރުވެރީން އެންމެ ގިނައިން އަންނަ ދުވަސްވަރާ ދަރީންގެ ޗުއްޓީ ދިމާވުމުން ހުރި ކަންބޮޑުވުން ތަކެވެ.
އެއްމަގާމުގަ ހުއްނަ ބޭރު މުވައްޒަފު މީހާ އަށް ތަފާތު މުސާރައެއް، ސިންގަލް އެކޮމަޑޭޝަންއެއް ތަފާތު އެކި އިނާއަތްދިނުމަކީ އާންމު ކަމެކެވެ. ހަމުން ދޮންވެއްޖެ ނަމަ ތަފާތުކުރުން ބޮޑުވާކަން ފާހަގަ ކުރެވެއެވެ. ހީވާކަހަލައެވެ. ސެކިއުރިޓީ ބެލެހެއްޓެނީ ނޭޕާލު މީހުންނަށް އެކަންޏެވެ. އައިޓީ ޑިޕާރޓްމަންޓް އަދި އެކައުންޓްސް ޑިޕާރޓްމަންޓް ލަންކާއާއި އިންޑިއާ މީހުންނަށެވެ. ސޭލްސްގަ ޕިލިޕީންސް މީހުންނެވެ. ފުރަންޓް އޮފީހުގައި ޔޫރަޕް މީހުންނަށް އެކަނި ހުންނަ ވަޒީފާ ތަކެކެވެ.
ކުދި ކުދި ރޫމް ތަކުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އުޅެންޖެހޭ ރިސޯޓުތައް އެބަހުއްޓެވެ. ދެފާހަނައާއި ފެންވަރާބައި 10 މީހުން ސެއަރ ކުރަން ޖެހެއެވެ. މިއީ ގަވައިދާ ޚިލާފު ކަމަކަށް ވާއިރު މިތަން ބަލާނެ މީހަކުވެސް ނެތެވެ.
އަންހެނުންގެ ހައްގު ތަކުގެ ވާހަކަ ދައްކާއިރު ބުރުގާ އަޅައިގެން ހުންނަ ކުދިންނަށް ވަޒީފާ ނުލިބޭ މައްސަލަ އަކީ ސިއްރު ވާހަކަ އެކެވެ. އިންޓަރވިއުއަށް އަންނައިރު ބުރުގާއަޅާފަ ވަޒީފާއަށް ނިކުންނައިރު ބުރުގާ ބާލާފަވެސް އެބަހުއްޓެވެ. މިދެންނެވީ ހުރިހާ ރިސޯޓެއްގެ ވާހަކައެއްނޫނެވެ. ބަޔެއް ރިސޯޓުތަކުގެ ވާހަކައެވެ.
ގިނަ މުވައްޒަފުން 10، 12 ގަޑި އިރަށް މައްސަކަތް ކުރާއިރު އިތުރު ގަޑީގެ ފައިސާ އަކީ ދެއްކުން މަނާ ވާހަކައެކެވެ. ބައެއް ތަންތަނުގަައި ރިސޯޓުގަ 24/7 އެވެ. އޮފް ޑިއުޓީ އަކީ ދެމަހުން އެއްކޮށްލައިގެން ލިބޭ 8 ދުވަހެވެ. އަނބިންނާއި ދަރިން ދެކިލަން ބޭނުންނަމަ އެނޫންގޮތެއް ނެތެވެ.
ޤައުމު ބިނާ ކުރުމަށްޓަކައި އާއިލާއާއިދުރުގަ އެތަކެއް އަހަރު ވޭތުކޮށްލެވޭ އިރު ޓުއަރިޒަމް ދާއިރާގަ މަސައްކަތް ކުރާ ކުދިއްނަށް ހާއްސަކޮށްގެން ފްލެޓް ނުވަތަ ސްކީމެއް ތައާރަފް ކުރެވިފައެެއްނުވެއެވެ. ސަރުކާރުން ނަރުހުނަށް، ސިފައިނަށް، ޕޮލިހުންނަށް، ސިވިލްސާރވިސް މުވައްޒަފުންނަށް، ޓިޗަރުންނަށް އަދި ޑޮކްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާސަކޮށްގެން ފްލެޓް ބަހާނިންމާލިއިރު ދިވެހި ރާއްޖޭގެ އިގްތިޞާދު ހިފަހައްޓަމުން އަންނަ ރިސޯޓް ބޯއީންގެ މަތިން ހަނދާނެތެވެ.
އަހަރެންވެސް މިއީ ފަހުރުވެރި "ރިސޯޓް ބޯއީ" އެކެވެ. އަހަރެންގެ ހަލާލު އަނބިމީހާ އާއިއެކު ނިދި ރެޔަށްވުރެ ރޫމް މޭޓުންގެ ގުގުރީގެ އަޑުއަހަމުން ނިދާރޭތައް ގިނައެވެ. ތިންމަހުން އެއްފަހަރު ރަށައް ނުދެވޭތީ ރޫޅިގެންދާ އާއިލާތައް ގިނަވެއްޖެއެވެ. އަންބިންނާއި ދަރިންނަށް ވަގުތު ދޭންބަލާއިރު ގިނަ ރިސޯޓުތަކުގައި އުޅެންޖެހެނީ މުޅިންތަފާތު ގަޑިއަކަށެވެ. ބައެއް ރިސޯޓް ތަކުގައި 1 ގަޑިއިރު ރާާއްޖެ ގަޑިއަށްވުރެއް އަވަހެވެ. އަނެއްބައި ރިސޯޓް ތަކުގައި 2 ގަޑިއިރެވެ. ކެއުމާ ނިދުމާ އުޅެންޖެހެނީ މިގޮތަށެވެ. ރޭގަނޑުކަނީ ހަވީރެވެ. 7 ޖަހާއިރު ރޭގަނޑު ކެއުން ބަންދުވެއެވެ. އެއްގައުމެއްގައި ދެޓައިމް ޒޯނެއްގައި އުޅުމަކީ ވޭނެކެވެ. ދަރިން ބޮޑުވަނީ ބައްޕަ ނުފެނިއެވެ. ފެންނަނީ ވައިބަރއިން ގުޅާ ފަހަރަކުއެވެ. ކުޑައިރު އެކީ އުޅުން ރައްޓެހިން ގެއްލިއްޖެއެވެ. ސޯސިއަލް ލައިފް ގެއްލިއްޖެއެވެ.
މިދެންނެވުނު ކަންކަމަކީ މިދިޔަ އަހަރާއި މިއަހަރުގެ އިންތިހާބުތަކުގައި ރިސޯޓު ބޯއީންސްގެ ވޯޓު ހޯދުމަށް ޕޯޓިޔަމް ތަކުގައިވެސް ދެެއްކިވާހަކަ ތަކެވެ. ބަހަނާ ނުދައްކަވާ މިކަންކަން ހަލުވި ކޮށްލަދެއްވާށެވެ. މިލިއުން ނިމެންދެން ކިޔާލި އެންމެނަށް ފަށްފަށުން ފަތުރުވެރިކަމުގެ ދުވަހުގެ ތަޙްނިޔާ އަރިސް ކުރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!