މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެ މުބާރާތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން އިންތިޒާމްކޮށްގެން، ޢުމުރުން 05 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން އެ މިނިސްޓްރީއަށް ކުރެހުން ހުށަހެޅުއްވުން ވަނީ ފުރުޞަތު ހުޅުވާލައިފަ އެވެ.
މިގޮތުން ކުރެހުން ހުށަހަޅަންވާނީ އީ-މެއިލް education.awareness@islamicaffairs.gov.mv މެދުވެރިކޮށް، އީ-މެއިލުގެ ސަބްޖެކްޓުގައި "ރާއްޖެ އިސްލާމްވީ ދުވަހުގެ ކުރެހުމުގެ މުބާރާތް" ޖެހުމަށްފަހު، ކުއްޖާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު، އެޑްރެސް، އުމުރު އަދި ގުޅޭނެ ފޯނު ނަންބަރު އީ-މެއިލުގައި ޖަހާފައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މި މުބާރާތަށް ވަނީ 3 ތީމެއް ކަނޑައަޅާފަ އެވެ. އެ ތީމު ތަކަކީ ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅެވެ. މިގޮތުން މި ތީމުތަކާގުޅޭ ގޮތުން ހުށަހެޅިދާނެ ކުރެހުންތަކަކީ:
- ނަމާދު، ހުށަހެޅިދާނެ ކުރެހުންތައް: ނަމާދު ވަގުތުތައް ދައްކުވައިދޭ ކުރެހުން، ނަމާދުކުރާ ތަން ދައްކުވައިދޭ ކުރެހުން، ނަމާދުގެ މުހިންމުކަން އަންގައިދޭ ކުރެހުން، ނަމާދަށް ޝައުގުވެރިވާނެ ގޮތްތައް ދައްކުވައިދޭ ކުރެހުން.
- އަހަރެންގެ މަންމައާއި ބައްޕަ، ހުށަހެޅިދާނެ ކުރެހުންތައް: މައިންބަފައިންނަށް އެހީތެރިވުން، މައިންބަފައިންނަށް އަޅާލުން، އޯގާތެރިވުން، މައިންބަފައިނެގް ބަސްއެހުން، މައިންބަފައިންނަށް އިޙްތިރާމްކުރުން.
- ގެފުޅު، ހުށަހެޅިދާނެ ކުރެހުންތައް: ގެފުޅަކީ ކޮން ތަނެއްކަން، ގެފުޅަށް ޒިޔާރަތްކުރުމުގެ ބޭނުން،
މި މުބާރާތައް ހުށަހަޅާ ކުރެހުމާއި އެކު ކުރެހުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީއެއް، ކުރެހުންތެރިޔާގެ ސްޓޭމްޕު ސައިޒުގެ ފޮޓޯއެއް، ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއަކާއި އަދި ކުރެހުމާއެކު ނަގާފައިވާ ފޮޓޯއެއް އީމެއިލް މެދުވެރިކޮށް ''education.awareness@islamicaffairs.gov.mv'' އަށް ފޮނުވަން ޖެހެއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މި މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށް އިންސާފު ކޮށް ވަނަ ހޮވޭނެ ކަމަށެވެ. އަދި އެންމެ މޮޅު 5 ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
މި މި މުބާރާތުން 1ވަނަ 2ވަނަ 3ވަނަ 4ވަނަ އަދި 5ވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން:
- 1 ވަނަ އަށް 1500 ރުފިޔާ އާއި ހަނދާނީ ލިޔުން
- 2 ވަނަ އަށް 1000 ރުފިޔާ އާއި ހަނދާނީ ލިޔުން
- 3 ވަނަ އަށް 700 ރުފިޔާ އާއި ހަނދާނީ ލިޔުން
- 4 ވަނަ އަށް 500 ރުފިޔާ އާއި ހަނދާނީ ލިޔުން
- 5 ވަނަ އަށް 300 ރުފިޔާ އާއި ހަނދާނީ ލިޔުން
މި މުބާރާތައް ކުރެހުން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 ނޮވެންބަރު 2020 ގެ 16:00 ގެ ކުރިން ނެވެ. އަދި ކުރެހުންތައް ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ''education.awareness@islamicaffairs.gov.mv'' އީ-މެއިލް އަށެވެ.
ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު ނަމަވެސް، އެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ފަރީދުގެ ރަސްކަމުގައި 14 އަހަރު އެ ދުވަސް ފާހަގަ ކުރުމަށް ފަހު އެކަން ހުއްޓުނެވެ. އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަސް ވަނަ އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު އެވެ.
މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ދިމާވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއެވެ. ރާއްޖެ އިސްލާމްވި ދުވަހަކީ ހިޖުރީގޮތުން ރަބީޢުލް އާޚިރުމަހުގެ 2 ވަނަ ދުވަހެވެ.
މިއަހަރަށް ރާއްޖެ އިސްލާމްވިތާ މީލާދީ ގޮތުން 867 ފުރޭނެ އެވެ. އަދި ހިޖްރީ ގޮތުން 894 އަހަރު ފުރޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!