ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލެއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.

Ad
rt

މިގޮތުން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައެވެ. އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ފަސް ކާރެއް ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ފަސް ކާރުގެ ތެރެއިން ކާރަކުން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.