ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅު ވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަސް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގެ އިސް ވެރިންނާއި، ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައިއެވެ.

Ad
rt

އެ ބައްދަލު ކުރުމުގައި ރާއްޖޭގެ ފަސް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ހުރި ބައެއް މައްސަލަތަކާއި، އެތަންތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ކޯވިޑް ގެ މި ޙާލަތުގައި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވާކަމަށާއި، ކުރިން ނުދެވޭ ބައެއް ބޮޑެތި ޚިދުމަތްތައް އެތަންތަނުން މިހާރު ދޭން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުންކަމުގައި އެ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލު ވުމުގައި ނައިބު ރައީސް ވަނީ މިފަދަ ދަނޑިވަޅެއްގައި ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެހެން ހެލްތް މިނިސްޓްރީއިން މަސައްކަތްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އަދި ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމާގުޅޭ ހުރިހާ އިދާރާތައް ރަނގަޅަށް މުޢާމަލާތްކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އިންސާނީ ވަޞީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، ޚާއްޞަކޮށް ޑޮކްޓަރުންނާ ނަރުހުން މަދުވުމުން ދިމާވާ ދަތިތަކާއި، ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހޭދަވާ ވަގުތާއި، އެކަށީގެންވާ ޢަދަދަކަށް ބޭހުގެ ސްޓޮކް ލިބުމުގައި ދިމާވާ ދަތިތައް މިބައްދަލު ކޮށްލެއްވުމުގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ވަކި ވަކި ހޮސްޕިޓަލުތަކުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރު ތަފްޞީލުތައް ވެސް ވަނީ ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ނައިބު ރައީސްއާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން ޢަމްރު މުޙައްމަދު ރަޝާދު ވަނީ އަތޮޅުތެރެއަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކުރައްވައި، އެކަމުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓްލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި އެސްޓީއޯގެ އިސްވެރިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.