ށ. ފުނަދޫ ގިރަމުންގޮސް މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް ގިރައި، ގޭގެއަށާއި މީހުންނަށް ގެއްލުންވާން ފެށީމާ މަޑުން ނުތިބެވޭނެ ކަމަށާއި، އެރަށް ގިރަމުންދާ މައްސަލައަށް ހައްލު ބޭނުންވާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މެމްބަރު ޝާހިދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަނުންނެވެ.
މެމްބަރު ޝާހިދު ވިދާޅުވީ ތިނަދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ތިނަދޫއާއި ތިނަދޫ ކައިރިރަށްތަކަށް އުދައަރައި، ރަށްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ވަމުންދާ މައްސަލައަކީ ހަމައެކަނި ތިނަދޫއަށް ދިމާވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ނުކުރެއްވޭ ކަމަށެވެ.
އެމައްސަލައަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އޮތް ބޮޑު މައްސަލައެއް ކަމަށް ފާހަގަ ކުރެއްވޭ ކަމަށާއި، އެމައްސަލައަށް ޙައްލެއް ހޯދުމުގެ މަޝްވަރާ ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދިޔަޔަސް އަވަހަށް އެކަން ވާނެ ކަމަށް ގަބޫލުކުރަން ތަންކޮޅެއް ދަތި ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ތަރައްޤީގެ އެކިއެކި ޕްލޭންތައް ކުރެވެންދާއިރު، ކަމާ ބެހޭ މާހިރުންގެ ލަފާ އެއީ އެންމެ އިސް މަސްދަރު ކަމަށް ބަލަންޖެހޭ ކަމަށާއި، އެހެންނޫންނަމަ، ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. މިސާލެއް ގޮތުން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ ފުނަދޫގައި އެއަރޕޯޓު އަޅަން ބިން ހިއްކުމުން ރަށް ގިރަމުންދާ ދިއުން ޝާހިދު ވަނީ ފާހަގަ ކުރަށްވާފައެވެ. ޝާހިދު ވިދާޅުވީ އެ މަޝްރޫޢު ހިތުގެ އަޑިން އުފަލާއެކު ގަބޫލު ކުރަށްވާ ކަމަށެވެ.
" އެކަމަކު އެ ބިން ހިއްކުމާއިއެކު އިއްޒަތްތެރި ރައީސް، ދަށްފަޅާ ދިމާއިން އެ އޮތް ގިރެނީ. ހަމަ ގިރަމުން ގިރަމުން ގޮސް ވަރަށް ބޮޑު ބައި ގިރައިފި. އެކަން ޙައްލުކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ. މީހުން ދިރިއުޅޭ ގެތަކާ ހަމައަށް ގިރައި، ގޭގެއަށް، މީހުންނަށް ގެއްލުންވާން ފެށީމާ ދެން މަޑެއްކޮށް ނުތިބެވޭނެ. ކަމެއް ޙައްލެއް ހޯދައިދެއްވަންވާނެ. ދެއްވަންވާނެ. ނޫންނަމަ، އެހެން ރަށަކަށް މީހުން ބަދަލުކޮށްގެން ވިޔަސް، ދިރިއުޅެވޭނެ ގޮތެއް ހޯދައިދޭންވާނެ."
މެމްބަރު ޝާހިދު ވިދާޅުވިއެވެ.
" ހަމަ އެގޮތަށް އަޅުގަނޑުގެ ދާއިރާގެ މާއުނގޫދޫ، 2018 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެފައި އޮއްވާ އޭރުގެ ސަރުކާރުން ބަނދަރު ހަދައި ނިމުނީ. ނިމުނުއިރުގައި އެންމެ ގަދަޔަ ރާޅު އަރާ ދިމާލުގައި މި އޮތީ ވެލިފުންޏެއް. އަޅުގަނޑު ހިތުން އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭނެ ކިރިޔާ ކަނޑު ގަދަވެލިޔަސް، ރާޅުތަކުން ވެލިގަނޑު އެއްކޮށް ދަމާ ހުސްވާނެކަން. ބަނދަރަށް ފައިސާ ދައްކާ ނުނިމެނީސް ބަނދަރު ހަލާކުވެއްޖެ. މިހާވަރަށް ދާއިރުގައި ރައްޔިތުންނަކަށް ނުތިބެވޭނެ ސަރުކާރުތަކުން ވެސް މިހާރަށް ވުރެ ބޮޑަށް ސަރުކާރުން އަޅާލަންޖެހޭނެ."
މެމްބަރު ޝާހިދު އިތުރަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އޭނާގެ ދާއިރާގެ ޅައިމަގުވެސް އެއްފަރާތުން ގިރައި ހުސްވަމުން ދާ ކަމަށެވެ. އެ ކަމަށް ވެސް ގޮތެއް ހޯދަން ޖެހޭ ކަމަށާއި، މިއީ މުޅި ރާއްޖެއަށް އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ޝާހިދު ވިދާޅުވީ ހުރިހާ ރައްޔިތުންނާއި ދުނިޔެ އެކުގައި މަސައްކަތްކޮށްގެން ނޫން ގޮތަށް އެކަށޭނަ ރަނގަޅު ޙައްލެއް އެމައްސަލަތަކަށް ލިބެން ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!