އިންސާނީ ވަގުވިޔަފާރި ފުޅާވެ ސާމިލުވި ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަނބޮޑުވުން ފާޅުކޮށްފިއެވެ.
ބޮޑުފިނޮޅުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޒާމު ފަސާދަކޮށް އިންސާނީ ވަގުފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު، މިއަދާ ހަމައަށްވެސް މިއަނިޔާގައި ބައިވެރިވާ އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވުމަކީ އިންސާނީ ވަގުފާރިއަށް ދެވޭ ހިތްވަރެއްކަމުގައި އެޖަމިއްޔާއިން ދެކޭކަމަށެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ މިފަދަ ކޮންމެ މައްސަލައަކާއި އެކުވެސް ފާހަގަވެގެންދާ އަނެއްކަމަކީ ވަކިވަކި ކަންކަމަށް ވަގުތީ އަވަސް ހައްލެއް ހޯދުމުގެ އިތުރަށް، ދިގުދެމި ތަކުރާރުވަމުންދާ އިންސާނީ ވަގުފާރިއާ، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ދޫކޮށްލެވޭކަމެވެ.
އިންސާނީ ވަގުފާރިއާ، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް، ހުޅުވާލެވިފައިވާ ނެޝަނަލް އިންކުއަރީއެއް ކުރިއަށް ގެންދިއުމަށާއި މިގޮތުން، އިންކުއަރީ ކުރިއަށް ގެންދިއުމުގައި ބިދޭސީންގެ ވަގުފާރިއަށް މަގުފަހިވާގޮތަށް ހުރި ނިޒާމީ ކަންކަން ދެނެގަތުމާއި، ވަގުފާރިއާއި ކޮރަޕްޝަންގައި އެކި މުއައްސަސާތަކުގެ ދައުރާއި، ކަންކަން ހައްލު ކުރުމަށް ކަންކުރާނެ ގޮތުގެ އެކްޝަން ޕްލޭން މުރާޖާކުރުމާއި، ތަންފީޒު ކުރުމާއި، މޮނިޓަރކުރުމުގައި މަދަނީ މުޖުތަމައާއި، މިދާއިރާގެ ފަންނީ ފަރާތްތަކުގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ހޯދުމަށްވެސް އެޖަމިއްޔާއިން ގޮވާލާފައިވެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބ.އަތޮޅުގައި ރިސޯރޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބޮޑުފިނޮޅުގައި ސީލް ކުންފުންޏާއިއެކު މަސައްކަތް ކުރަމުންދިޔަ ރިޒް ކުންފުނީގެ 200 ބިދޭސީ މަސައްކަތްތެރިންނަށް އެތައް މަހެއްގެ މުސާރަނުދީ މަސައްކަތްކުރުވަމުން ގެންދިއުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުށްވެރިކުރާކަމަށެވެ. އަދި މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގައި އިހުމާލުގެ ވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އެޖަމިއްޔާއިންގޮވާލާފައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ބޮޑުފިނޮޅުގައި މިހިނގާދިޔަ ކަމަކީ، ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހަންމަލުކުރަންޖެހިފައިވާ ބޭއިންސާފުގެ ނަތީޖާކަމަށާއި ބޮޑުފިނޮޅުގައި ހިނގާދިޔަކަންތައްތަކާއި އެކު، މިކަމުގައި ހިއްސާވާ ދެ ކުންފުނިން ނެރެފައިވާ ބަޔާންތަކުގެ އަލީގައި މިބިދޭސީ މަސައްކަތްތެރިންނާއި މެދު ވެފައިވާ އިހުމާލާއި އެފަރާތްތަކުގެ ހައްގުތައް ނިގުޅައިގަނެފައިވާލެއް ބޮޑުކަން ހާމަވެގެންދާކަމަށާއި މިގޮތުން، އިންސާނީ ވަގުފާރިއާއި އުޖޫރައިން ވަށްކަން (ވޭޖުތެފްޓް) ކުރުމުގެ އިތުރުން، ފަޅު ރަށެއްގައި ބަންދުކޮށް، ކާބޯތަކެތި ފުރިހަމައަށް ފޯރުކޮށް ދީފައިނުވާކަން ފާހަގަކުރެވެއެވެ. އަދި ބިދޭސީ މަސައްކަތްތެރިން އުޖޫރަ ދިނުމަށް އެދުމުން އިންޒާރުދީ ބިރުދައްކާފައިވާކަމާއި، އެކަން ހައްލުކޮށްދިނުމަށް އެދި ސުލްހަވެރިކަމާއެކު 2019 ވަނަ އަހަރުން ފެށިގެންވެސް އިހުތިޖާޖުކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
މިހާދިސާއަކީ ރާއްޖޭގެ އެންމެހާ ނިޒާމުތައް ބައްޓަންކުރެވިފައިވާ ގޮތުން މަސައްކަތްތެރީންނަށް ނިޒާމުގެ ތެރެއިން ކަންކަން ހައްލުކުރުމަށް ހަގީގީ ފުރުސަތު ނެތުމުން ހިނގަން މެދުވެރިވި ހާދިސާއެއްކަމުގައި ދެކެމެވެ. އެހެންކަމުން، އެތަކެއް ދުވަހެއްވަންދެން އިހުމާލާއި ލާއިންސާނީ ހާލަތަށް ހުށަހެޅުނު މަސައްކަތްތެރިންނަށް އިތުރު އަދަބުތަކެއް ދިނުމުގެ ވިސްނުން ދޫކޮށް، މި މައްސަލަ ބެލުމުގައި 200 ބިދޭސީ މަސައްކަތްތެރިންގެ ނިގުޅައިގަނެވިފައިވާ ހައްގުތަކުގެ ކަންކަން ފުރިހަމަޔަށް ބެލުމަށް މިޖަމިއްޔާއިން ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ގޮވާލަމަވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިމައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކާއި މިކަމުގެ ވަށައިގެންވާ އެންމެހާ ކަންކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދާ، އެބަޔަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށާއި އަދި ހަމަ މިކަމުގައި ހައްޔަރުކުރެވިފައިވާ އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ލިބިދޭ އެންމެހާ ހައްގުތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެޖަމިއްޔާއިން ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!