މާދަމާ މެންދުރު 12:00 އިން ފެށިގެން 72 ގަޑިއިރު ވަންދެން ހދ. ކުޅުދުއްފުށި ސިޓީ ފުރަބަންދު ކުރަން ނިންމާފައިވާކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ހދ. ކުޅުދުއްފުށި ސިޓީ ކޯވިޑް-19 ޓާސްކްފޯހުން ނިންމި ނިންމުމެއްކަމަށެވެ. އެއީ ސަލާމަތީގޮތުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ލަތީފް ވިދާޅުވިއެވެ.

Ad
rt

ކުޅުދުއްފުށި ފުރަބަންދު ކުރުމުގައި އަމަލު ކުރަމުން ދާނީ މާލޭގައި އަމަލުކުރަމުންދާ ގޮތަށެވެ. އާއްމުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާ އިރު ރަށަށް އަރައި ފޭބޭނީ ޒަރޫރީ ބޭނުންތަކުގައި ހުއްދަ ހޯދައިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހު މި ސިޓީ އަށް ފޭބޭނީ ވަރަށް މުހިންމު ބޭނުންތަކުގައި، ލޭ އަޅަންޖެހޭ ތެލަސީމިއާގެ މީހުންނާއި ޑަޔަލިސަސް ހަދަން ބޭނުން މީހުންނަށް، ލޮކްޑައުންގެ މުއްދަތުގައި ކުޅުދުއްފުއްޓައި އަރައި ފޭބޭނެ. އަދިި ރަށްރަށަށް ކާޑު ފޯރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ، ނަމަވެސް ކުޅުދުއްފުއްޓަށް އަންނަ ދޯނިތަކުގައި ތިބޭ މީހުންނަށް މިރަށަށް ނުފޭބޭނެ

ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ގިނަ ހިދުމަތްތަކެއް ވެސް މި ވަގުތު ވަނީ މަޑުޖައްސާލާފައެވެ. މީގެ އިތުރުން ވިޔަފާރިތަކައި އެހެނިހެން ހިދުމަތްދޭ ތަންތަން ވެސް ލޮކްޑައުން މުއްދަތުގައި ހުންނާނީ ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ދާން ޖެހޭ މީހުންނަށް ކައުންސިލުން ޚާއްސަ ފާހެއް ދޫކުރާނެކަމަށާއި އަދި ފިހާރަތަކުން އޯޑަރުކުރާ ތަކެތި ޑެލިވަރީ ކުރުމުގެ ހުއްދަ ދޫކުރާނެ ކަަމަށް ވިދާޅުވި އެވެ. އެ ހުއްދަ ހޯދަން ކައުންސިލުން ކަނޑައަޅާ ނަންބަރަކަށް މެސެޖު ކުރުމުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ލަތީފް ވިދާޅުވި އެވެ.

މާލެ އިން ބޭރުން ޕޮޒިޓިވްވި ފުރަތަމަ މީހާ އުލިގަމަށް ފުރީ މިމަހުގެ 15 ދުވަހު ހއ. އިހަވަންދޫގެ ކާވިޔާ ބޯޓުގަ އެވެ. މި ބޯއްޓު ހދ އަތޮޅުގެ 2 ރަށަކަށް ޖައްސާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެ ބޯޓުން ދަތުރުކުރި މީހުން ފޭބި ރަށްތައް މިހާރު ވަނީ މޮނިޓަރިން ހާލަތުގަ އެވެ. އޭގެ ތެރޭގައި ހަތް ރަށެއް ހިމެނެ އެވެ. އަދި އެމީހާ މާލޭގައި ހޭދަކުރި ދުވަސް ތަކުގައި އެއްކޮޓަރިއެއްގައި އުޅުނު ހދ. ހިރިމަރަދޫ މީހަކު ކުޅުދުއްފުށީ ސީކުއީން ބޯއްޓުން އެރަށަށް ގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެއިގެ ފަހުންވެސް އެމީހާ ކުޅުދުއްފުއްޓަށް އައިސް އެކި ފިހާރަތަކަށް ވަދެފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ލަތީފް ފާހަގަ ކުރިއެވެ.