ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް ގާއިމު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އޮފްޝޯ ޕްލެޓްފޯމް ނުވަތަ ކަންނެލި ޖަގަހަ މަސްވެރިންނަށް "ރިސޯޓުތަކެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މެމްބަރު ރާޢީ މިހެން ވިދާޅުވީ ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި ބޭރު ކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން އޮފްޝޯ ޕްލެޓެފޯމްތަކެއް ގާއިމުކޮށްދިނުމަށް ގޮވާލާ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުޅަހެޅުއްވި ގަރާރަށް މަޖިލިސްގައި ބަހުސް ކުރައްވަމުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސައްބީސްވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ ހިނގަމުން މިދާ އެމްޑީޕީގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ސަރުކާރުން 4 ވަރަކަށް ނުވަތަ 5 ވަރަކަށް ކަންނެލިޖަގަހަ ރާއްޖޭގެ އެކި ދިމާލުތަކުގައި ޤާއިމުވެގެންދާނެކަމަށެވެ. އަދި މިއަކީ މަސްވެރިންނަށް ރިސޯޓުތަކެއް ފަދަ ތަން ތަން ކަަމަށް ރާޢީ ވަނީ ސިފަކުރައްވާފައެވެ.
"މީގެތެރޭގައި މި ހުންނަނީ އިއްޒަތްތެރި މެންބަރުން ވިދާޅުވި ގޮތަށް، އައިސް ލިބޭ ގޮތް، ތެޔޮ ލިބޭ ގޮތް، ހޮޓާތައް ހުންނާނެ. ނިދޭ ގޮތް ހުންނާނެ. އޭގެއިތުރުން ސްޕެއަރޕާޓްސްތައް ވެސް ލިބޭނެ. އޭގެ އިތުރުން މަސްވެރިން ބޭނުންވާ އަދި އެ ބޭފުޅުން އަރާމުކުރަން ބޭނުންވާ ހުރިހާ ކަންތައްތަކެއް އޭގެތެރޭގައި މަގުފަހިވެގެންދާނެ." މަޖިލިސްގައި ވާހަކަ ދައްކަވަމުން މެމްބަރު ރާޢީ ވިދާޅުވިއެވެ.
މަޖިލިސްގައި ވާހަކަ ދައްކަވަމުން މެމްބަރު އިތުރަށް ވިދާޅުވީ އެމްޑީޕީއިން މިފަދަ ގަރާރުތައް ހަދައިގެން މި އަންނަނީ 65 މެންބަރުންނާއި ސަރުކާރާއި އެކީ ޢިލްމީ ބޭފުޅުޅުން ހިމަނައިގެން ދިރާސާކޮށްގެންކަމަށެވެ.
ރާޢީ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ދިމަދިމާލުގައި ހެދިގެން މިދަނީ މަސްވެރިންނަށް ރިސޯޓުތަކެއް ކަމަށާއި މިކަހަލަ ތަންތަން އުފެއްދުމަކީ އެއްވެސް ބޮޑު ކަމެއް ނޫންކަމަށެވެ.
"މާތްރަސްކަލާނގެ އިރާދަކުރެއްވިއްޔާ މި ޕްލެޓްފޯމުތައް ވެސް ޤާއިމުވެގެންދާނެ. އަދި އަޅުގަނޑުމެންގެ ދާއިރާގައި އޮންނަ މަކުނުދޫއާ ދިމާގައި ވެސް އޮންނާނެ ވަރަށް ބޮޑުކޮށް އޮންނަ މަސްވެރިކަން ކުރާ ސަރަހައްދެއް. އެތަނުގައި ވެސް ޕްލެޓްފޯމެއް އޮންނާނެ. އަޅުގަނޑު ބޭނުން މަކުނުދޫ ދާއިރާގެ ރައްޔިތުންނަށް މި ވާހަކަ އަންގާލަން. އެހެންވީމާ، މިއަކީ އެއްވެސް ވަރަކަށް ނުވާނެ ކަންތައްތަކުގެ ވާހަކައެއް ނޫން" ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވިގޮތުގައި އިރާދަކުރެއްވިއްޔާ މަސްވެރިންނަށް އޮތީ ފާގަތި ދުވަސްތަކެއް ކަމަށާއި މި ފަސް ގަރާރު ނިމޭއިރު ދިވެހި މަސްވެރިން އުފާވެފައި ތިބޭނެކަމަށެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މި ގަރާރުގައި، ބުނެފައިވަނީ އައިސް އާއި ތެޔޮ އަދި މަސްދޯނި ފަހަރަށް ބޭނުންވާ ސާމާނު، މި ޕްލެޓްފޯމް ތަކުން ފޯރުކޮށް ދިނުމުން، މަސްވެރިން އެނބުރި ރަށަށް ދާން ކުރާ ބޮޑު ހަރަދުން ސަލާމަތްވާނެ ކަމަށެވެ. ގަރާރުގައިވާގޮތުން، މި ޕްލެޓްފޯމް ތަކުން ސައި ހޮޓަލާއި، މަސްވެރިންނަށް ބޭނުންވާނޭ އެހެނިހެން ހިދުމަތްތައް ލިބޭނެއެވެ.
އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް މިފަދަ ކަންނެލި ޖަގަހަތައް ގާއިމް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. މި ގަރާރުގައި ވަނީ، ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ދިވެހި މަސްވެރިންގެ ނަފާވެރިކަން އިތުރު ކުރުމަކީ، ސަރުކާރާއި، އެމްޑީޕީިގެ މައި ވައުދު ކަމަށެވެ.
މި ގަރާރަށް ވޯޓަށް އެހުމުން ގަރާރު ބަލައިގެންފައިވަނީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!