ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ވަގުތެއް މި ދުއްވައިލަނީ އެއްވެސް އޮއްޓަރެއް ނެތް މައްސަލައަކަށް ވާހަކަދެއްކުމަށް ކަމަށާއި މި މަޖިލީހަށް އައީ މިގޮތަށް ވަގުތު ނަގާލަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ބިރުދައްކާ، އިންޒާރުދީ، ފްރޭމްކޮށްފައިވާކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ގައި ވާހަކަ ފުޅުދައްކަވަމުންނެވެ.
އޮގަސްޓް ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެއްތިރީސްވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ އެމްޑީޕީއިން އައީ ވަރުނެތްކޮޅަށް ތައްޔާރުވެގެން މަސްވެރިކަމުގެ ބިލަށް ވާހަކަދައްކަން ކަމަށާއި ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކުގައި ސާރވިސް ޗާޖު ލިބޭ ގޮތަކަށް ވަކާލާތުކުރަންމަށެވެ. އަދި އޭގެ އިތުރުން އެމްޑީޕީއިން އައީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި މުހިންމު މައްސަލަތަކަށް މަޝްވަރާކުރަކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ފުރުޞަތު ލިބުމެއް ނެތި، މަޖިލީހުގެ ހުރިހާ ވަގުތެއް މި ދުއްވައިލަނީ އެއްވެސް އޮއްޓަރެއް، "ސަބްސްޓެންސެއް" ނެތް މައްސަލައަކަށް ވާހަކަދެއްކުމަށެވެ. އަދި މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް މެންބަރު އަޙްމަދު ސަލީމް ވަނީ ވިދާޅުވެފައެވެ.
ސަލީމް އިތުރަށް ވިދާޅުވީ، ކުއްލި މައްސަލަ ހުށަހެޅުމުގެ ގަވާއިދަށާއި، އަދި ހަމައެއާއެކީގައި ގަރާރުތައް ހުށަހެޅުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮންނަ ގަވާއިދަށް އިޞްލާޙުގެންނަށް ފެންނަ ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެންނަށް ވަގުތު ނަގައިލެވޭނެ މަޖިލީހެއް ނޫން މި މަޖިލީހަކީ. އަޅުގަނޑުމެންނަކީ ވަރަށް ބޮޑު މެންޑޭޓަކާ އެކީގައި ރައްޔިތުން އިންތިޚާބުކޮށްފައި އޮތް މަޖިލީހެއް"
ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ހުންނެވި އޯގާތެރި ވެރިއެއްގެ ބޭނުން ހިފައިގެން ހިތުހުރި ގޮތަކަށް މެންދުރު ގަރާރެއް، ހަވީރު ގަރާރެއް، ރޭގަނޑު ގަރާރެއް މަޖިލީހަށް ގެނެސް، އެންމެންގެ ވަގުތުތައް ބޭކާރުވާ ކަންތަކާ މެދުގައި ވަރަށް ކަންބޮޑުވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!