އަހަރެންގެ ބައްޕަ ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް 5 އަހަރު ފުރުނީއެވެ. ބައްޕަ ނިޔާވި ދުވަހުގެ ކުރީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެހެންކަމުން ޙަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް އަހަންނާ ބައްދަލު ކުރީ ޖެހިޖެހިގެން އައި ދެ ދުވަހުގެ ގޮތުގައެވެ.
އޭރު އަހަރެމެން އުޅެމުންދިޔައީ އަހަރެމެންގެ ރަށުގައެވެ. ޢާއިލާގައި ހިމެނޭ 13 ކުދިންނަށް ކާންބޯންދީ އަންނައުނާއި ބޯހިޔާވަހިކަމާއި ޞިއްހީ ފަރުވާއާއި ތަޢުލީމު ހޯދައިދިނުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރެއްވުމަކީ ބައްޕަގެ 24 ގަޑިއިރުގެ މަސައްކަތެވެ. ވަޒިފާއިން މުސްކުޅިކުރާ އުމުރަށް އެޅުމުން ވެސް މަސައްކަތް ކުރިއަށް ގެންދެވިއެވެ. ދުވާލުދާ ހަތަރުދަމާއި ރޭގަނޑުން ބޮޑުބައެއް ހޭދަ ކުރައްވަނީ މަސައްކަތުގައި ކަމުން ބައްޕައާއި ވާހަކަ ދައްކާލުމުގެ ފުރުޞަތު ހަމަ އެއްގޮތަކަށްވެސް ނުލިބެއެވެ.
ބައްޕައަކީ މަޑުމައިތިރި ބަސްމަދު ބޭކަލެކެވެ. ބޮޑު ޢާއިލާއެއް ބެލެހެއްޓެވުމުގެ ޒިންމާ އުފުއްލަވަން ޖެހޭތީ އެކަމާއި ވަރަށްބޮޑަށް ވިސްނާކަން ބައްޕަގެ ޢަމަލުތަކުން އެނގެއެވެ. ވަޒީފާގެ މަސްޢުލިއްޔަތުތަކުން އަވަދިވެ ގެއަށް ދުރުވުމަށްފަހުވެސް އުޅުއްވާނީ މަސައްކަތުގައެވެ. ގޭގެ ކޮންމެވެސް މަސައްކަތެއްގައެވެ. ގެއަށް އިތުރުކުރަންޖެހޭ ބައެއް ޢިމާރާތް ކުރެއްވުމުގައި، އައު ފާޚާނާއެއް ހެއްދެވުމުގައި ނުވަތަ ތަނެއް ހިޔާ ކުރެއްވުމުގައެވެ.
އެހެނަސް އެއްދުވަހު އަހަންނަށް ވަރަށްބޮޑު ބަދަލެއް ބައްޕަގެ ފުށުން ފާހަގަ ކުރެވުނެވެ. އެދުވަހު ބައްޕަ މަސައްކަތަކަށް ނުދުރުވެއެވެ. އޮފީހުން ޗުއްޓީ ނަންވައިގެން ހުންނެވީ ގޭގައެވެ. އެއީ ބުދަ ދުވަހެކެވެ. ރާއްޖޭގެ ޤައުމީ ދުވަހުގެ ކުރީ ދުވަހެވެ. މޫސުމް ވަރަށް ރީތި ދުވަހެކެވެ. ގޯތި ތެރޭގައި ހުރި ފަޅޯގަހުގައި އިން ކޮވެއްޔެއް ގޮވާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. އެ އަޑުގައި ވަނީ އުފާވެރިކަން ކަމުގައި އަހަންނަށް އިޙުޞާސް ކުރެވުނެވެ.
މިއަދު ގޭތެރެއިން ފާހަގަކުރެވެނީ މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ފަދަ ބޮޑު ބަދަލެކެވެ. ހެނދުނު ސަޔަށް އިންސާފުކުރީ ޢާއިލާގެ ހުރިހާ މެންބަރުން އެކުގައެވެ. ސަޔަށްފަހު ބައްޕަޔާއެކު ހުރިހާ ކުދިން ޓިވީ ބެލުމަށް ވަގުތުކޮޅެއް ހޭދަކުރީމުއެވެ. ބައްޕަގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ. ހުރިހާ ކުދިންނާ ވާހަކަދައްކަވައި މަޖާކުރެއްވެވިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫނެވެ. ފެންނާނެ ކަމަށް އަހަންނަށް އުއްމިދު ކުރެވުނު މަންޒަރެއްވެސް ނޫނެވެ.
މެންދުރުގެ ކެއުމަށް މަންމަ ތައްޔާރު ކޮށްފައި ހުރީ ބައްޕަ އެންމެ މީރު ކަމަށް މަންމަ އަބަދު ވެސް ބުނުއްވާ ބަށި ރިހައާއި ބަތެވެ. ދެން އެއާ ގުޅޭ ތަފާތު ބާވަތްބާވަތުގެ ސަޓަންޏާއި ފޮނި ކެއުންތަކެވެ. ސުފުރާމަތި ވެސް މިއަދު ފެނުނީ މުޅިން ތަފާތު ކޮށެވެ. މެންދުރުގެ ކެއުމަށްފަހު އަހަރެމެންނާއެކު ބެޑްމިންޓަން ކުޅުއްވުމުގައި ބައްޕަ ވަގުތު ހޭދަކުރެއްވެވިއެވެ. އެއީ އަހަންނަށް ވަކިން ބޮޑަށް އުފާވެރިކަން ގެނުވައިދިން ކަމެކެވެ. ހަޔާތުގައި މި ހޭދަކުރި 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަހަރެމެންނާއެކު ބައްޕަ ކުޅުއްވީތީއެވެ. އަދި މަޖާކުރައްވައި ސަމާސާ ކުރެއްވީތީއެވެ.
ބައްޕަގެ ޙަރަކާތްތައް އެހާ އަވަހެއް ނޫނެވެ. އެހެންކަމުން ކުޅުނު އިރު އަހަރެމެންވެސް ކުޅުނީ ބައްޕައަށް ދޫކޮށްގެންނެވެ. އެދުވަހު އަހަރެމެން މުޅި ޢާއިލާ ޓީމު ތަކަކަށް ބަހާލައިގެން ބޭއްވީ މުބާރާތެކެވެ. މުބާރާތުގެ ފައިނަލަށް ދިޔައީ އަހަންނާ ކޮއްކޮގެ ޓީމާއި، ދައްތައާއި ބައްޕަ ހިމެނުނު ޓީމެވެ. މޮޅުވީ ބައްޕައާއި ދައްތަ އެވެ. ޗެމްޕިއަންކަން ލިބުމުން ބައްޕަހުންނެވީ ވަރަށް އުފަލުންނެވެ. އެކަމަކު އަހަރެމެން މޮޅަށް ނުކުޅޭކަން ބައްޕައަށް އެނގިލެއްވިކަން ފަހުން އެނގުނެވެ.
އަހަރެން އަހަރެންގެ ބައްޕަދެކެ ވަރަށް ލޯބިވެއެވެ. އެދުވަހު އެލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ލާ ކޮންމެ ނޭވާއަކުން، ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން އަދި އެސްފިޔަޖަހަލާ ކޮންމެ ފަހަރަކު އަހަންނަށް އިހުޞާސްކުރެވުނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އެދުވަހު ފާހަގަކުރެވުނު އެންމެ ޚާއްޞަ އެއް ކަމަކީ ކުޅެން އުޅުނުއިރު އެއްވެސް ކުއްޖަކު އެހެންކުދިންނާ ނު ތޮޅޭ ކަމެވެ. ޒުވާބު ނުކުރާ ކަމެވެ. އެންމެންވެސް އުޅުނީ ވަރަށް އެކުވެރިކަމާއެކުގައެވެ. އެކަކު އަނެކެއްގެ ބަސް އަހައިގެން އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެންނެވެ. ހުރިހާކުދިންގެވެސް ސަމާލުކަން އަބަދުވެސް ހުއްޓިފައި ހުންނަނީ ބައްޕަ އަށެވެ. ހުރިހާ އުފަލެއް ގުޅިފައިވަނީ ބައްޕައާއި ކަހަލަ އެވެ.
ރޭ ވެއްޖެއެވެ. އެރޭގެ ނާސްތާ ތއްޔާރު ކުރުމުގައި ވެސް މަންމައާއި އެކު ބައްޕަ ހަރަކާތްތެރި ވެލެއްވިއެވެ. އަދި އަހަރެމެންވެސް އަތްގާތް ކޮށް ދިނުމުގައި ބަދިގެ ތެރޭގައި އުޅުނީމެވެ. އަހަރެންގެ މަސައްކަތަށްވީ ހުނި ގޭނުމެވެ. އެއީ ވަރަށް މަޖާ ކަމެކެވެ. ދޮންތަ އުޅުނީ ފިޔާ ކޮށާށެވެ. ބައެއް ފަހަރުރޭގަނޑުގެ ނާސްތާގެ ވަގުތުވެސް ފެނުނީ ހަމަ އެ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އެހެންކަމުން އެންމެންވެސް ބޭނުންވީ އެ އުފަވެރިކަމާއި އެ ހިތްހަމަ ޖެހުމުގައި މުޅި އެރޭ ހޭދަކުރުމަށެވެ. އެހެނަސް އިމްތިހާނުތައް ބޯމަތި ވަމުންއަންނާތީ ފިލާވަޅުތައް މުޠޯލިޢާކުރަންވެސް ޖެހޭނެތީ ފޮތްތައް ކިޔަން ވަޤުތުކޮޅެއް ހޭދަކޮށްލީމެވެ. އެ ވަޤުތު ކޮޅުވެސް އިނދެވުނީ ބޮޑުކޮޓަރީގައި އޮތް އުފާވެރި މާޙަވްލުގެ ތެރެއަށް ހިތް ދޫ ކޮށްލައިގެންނެވެ.
އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.އެއީ ބައްޕަ އަހަރެމެންނާއެކު ވަޤުތު ހޭދަކުރައްވިތަން އަހަރެމެންނަށް ފެނުނު ފުރަތަމަ ދުވަހެވެ. އަހަރެމެންނާ ރަޙުމަތްތެރިކަމާއެކު ވާހަކަ ދައްކަވާ މަޖާކުރެއްވި ފުތަރަމަ ދުވަހެވެ. ކުޅުމުގައި ވަގުތު ހޭދަކުރެއްވި ހަމައެކަނި ދުވަސްވެސް މެއެވެ. އެހެނަސް ހަޔާތުގައިވެސް ލިބުނީ މިފަދަ އެންމެ ދުވަހެކެވެ. އޭގެ އަނެއް ދުވަހު ކުއްލިގޮތަކަށް ބައްޕަ މިދުނިޔެއާއި ވަކިވެގެން ދިޔައީ އެންމެން ރޮއްވާލާފައެވެ. އެންމެންގެ ލޯތަކުން ކަރުނަ ހިލުވާލާ އެންމެންގެ އުފާތައް ވިއްސިވިހާލި ކޮށްލާފައެވެ. ބައްޕައަށް މާތް ﷲ ރަހުމަތް ލައްވާށިއެވެ. އާމީން
ކިޔުންތެރިންނޭވެ!
މިފުރުޞަތުގައި ހުރިހާ ބައްޕައިންނާއި މަންމައިންގެ ކިބައިން އަޅުގަނޑު އެދެނީ ދަރިންނާއެކު ވަގުތު ހޭދަކުރެއްވުމަށެވެ. އެއީ އެކުދިންނަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން ގެނެސްދޭނެ ކަމެވެ. އެކުދިންގެ އުޅުން ހެޔޮގޮތުގައި ބައްޓަންވެ މިއަދު މުޖުތަމަޢުން ފެންނަމުންމިދާ ނޭއްގާނި ޢަމަލުތައް ހުއްޓުވުމަކަށް ކުރެއްވެނޭ އެންމެ މުހިއްމު ކަމަކީ އެއީ އެވެ. ވަކި ޢުމުރަކަށް އެޅުމުން ދަރިންދޫކޮށް ނުލައްވާށެވެ! އެ ދަރިންގެ ކުރިމަގު އުޖަލާވާނީ، މުޖުތަމަޢު އިސްލާޙް ވާނީ އޭރުންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!