ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅީފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް މިއަދު އަޅައި، އެ ދެ ރަށް އެއްކޮށް ގުޅާލައިފިއެވެ.

މިކަން ހާމަކުރެއްވީ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

Ad
d

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެ އަދި ގުޅީފަޅާ ދެމެދު އެޅޭ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް މިއަދު އެޅިގެން ދިޔުމަކީ މި މަޝްރޫޢުގައި ހާސިލުކުރެވުނު މުހިންމު އަދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އެންމެ ފަހުގެ ސެގްމަންޓް ބެހެއްޓުމާއެކު ދެ ރަށް އެއްކޮށް ގުޅިގެން ގޮސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ އިތުރަށް ގުޅިލާމެހިފައިވާ މުސްތަޤުބަލަކާ ދިމާއަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި މުހިންމު ކާމިޔާބީއާ ގުޅިގެން ވަޒީރު ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށާއި ޓީމުތަކަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން މި މަސައްކަތް ކުރަމުން އަންނަ އެފްކޮންސްއާއި، އޭރަޕްގެ އިތުރުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ޓީމަށް ވަޒީރު މަރުހަބާ އަދާކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އިންޑިއާ ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad
df

ވަޒީރުގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ، ބުރަ މަސައްކަތާއި އިޚްލާޞްތެރިކަމާއެކު މި ލަނޑުދަނޑި ހާސިލުކޮށްދިނުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.