އިޒްރޭލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަރުލަމާނީ އިންތިޚާބުގެ ވޯޓު ގުނައި ނިމުނުއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް ކާމިޔާބު ކުރެވުނީ 53 ގޮނޑި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއާއެކު 120 މެންބަރުންގެ މައްޗަށް އެކުލެވޭ ކްނެސެޓް (ބަރުލަމާން) ގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި އެއްވެސް ބަޔަކަށް ހަމަނުވެ، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާއަށް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީއާ ހަވާލާދީ އެ ގައުމުގެ 'ޔައިނެޓް' ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓުކުރި ގޮތުގައި، އިދިކޮޅު އިއްތިހާދަށް 48 ގޮނޑި ލިބިފައިވާއިރު، ޢަރަބި ޕާޓީތަކުން ވަނީ 19 ގޮނޑި ކަށަވަރުކޮށްފައެވެ. އެހެންކަމުން ދެ ބްލޮކުން ކުރެ އެއްވެސް ބަޔަކަށް ސާފު އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. މި ނަތީޖާއާއެކު، ކުރިއަށް އޮތް ތަނުގައި ސަރުކާރެއް އުފެއްދުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ޢަރަބި ޕާޓީތަކުގެ ދައުރު ވަރަށް މުހިންމު ވެގެންދާނެ ކަމަށް ބެލެވެއެވެ.
އިލެކްޝަންސް ކޮމިޓީން ބުނީ "ޑަބަލް އެންވެލޮޕް" ގެ ގޮތުގައި ބެލެވޭ ޚާއްސަ ވޯޓު ކަރުދާސްތައް ގުނައި މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. މި ވޯޓުތަކުގެ ތެރޭގައި ހިމެނެނީ އާންމު ވޯޓުލާ މަރުކަޒުތަކަށް ނުދެވޭ ސިފައިންނާއި، ގައިދީންނާއި، ޑިޕްލޮމޭޓުންގެ އިތުރުން ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ މީހުން ލީ ވޯޓުތަކެވެ. ޖުމްލަ 12,644 ވޯޓުލާ މަރުކަޒަކުން 5,589,836 ވޯޓު ސިސްޓަމަށް އަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ސައްހަ 5,564,764 ވޯޓާއި ބާތިލު 25,072 ވޯޓެވެ.
މި ޚާއްސަ ވޯޓުތައް ގުނުމަށްފަހު ވެސް މައިގަނޑު ތިން ބަޔަށް ލިބުނު ޖުމްލަ ގޮނޑީގެ އަދަދަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ވަކިވަކި ޕާޓީތަކަށް ލިބުނު ގޮނޑިތަކަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް ލިބުނު ގޮނޑީގެ އަދަދު 26 އިން 27 އަށް އިތުރުވި ނަމަވެސް، އޭނާގެ އިއްތިހާދުގައި ހިމެނޭ އަލްޓްރާ-އޮތޮޑޮކްސް ޝާސް ޕާޓީގެ ގޮނޑި ވަނީ ހަތަކުން ހަޔަކަށް ދަށްވެފައެވެ. ނަތަންޔާހޫގެ ފަޅީގައި ދެން ހިމެނެނީ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ ފަރާތްތަކެވެ.
ޢަރަބި ޕާޓީތަކުގެ ތެރެއިން ރާމް (ޔުނައިޓެޑް އަރަބް ލިސްޓް) އިން އެއް ގޮނޑި އިތުރުކޮށް ޖުމްލަ 8 ގޮނޑި ހޯދިއިރު، ޖޮއިންޓް ލިސްޓަށް ލިބުނު ގޮނޑީގެ އަދަދު ވަނީ 11 އަށް ވެއްޓިފައެވެ. އިދިކޮޅު ފަރާތްތަކުގެ އިއްތިހާދު ލީޑުކުރައްވަނީ އިޒްރޭލު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ގާދީ އައިޒެންކޮޓްގެ ޔަޝާރު ޕާޓީންނެވެ. އެ އިއްތިހާދުގައި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ޓުގެދަރ އެލަޔަންސާއި، ޔައިރް ލަޕިޑްގެ ޔޭޝް އާތިދާއި، ޔައިރް ގޯލަންގެ ޑިމޮކްރެޓްސް އަދި އަވިގްދޯ ލީބަމަންގެ ޔިސްރާއީލް ބެއިތެއިނޫ ހިމެނެއެވެ.
މި އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް ވަނީ 77.7 އިންސައްތައަށް އަރާފައެވެ. މިއީ 1999 ވަނަ އަހަރުގެ ފަހުން ވޯޓުލާން އެންމެ ގިނަ ބަޔަކު ނުކުތް ފަހަރު ކަމަށްވާއިރު، މިއީ 2022 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު 7.1 އިންސައްތައިގެ އިތުރުވުމެކެވެ. އިލެކްޝަންސް ކޮމިޓީން ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 4 ގައެވެ. އޭގެ ފަހުން ރައީސް އިސާކް ހެރްޒޮގް ބަރުލަމާނުގެ ފެކްޝަންތަކާ މަޝްވަރާ ކުރެއްވުމަށްފަހު، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު މެންބަރަކާ ހަވާލުކުރައްވާނެއެވެ. އައު ކްނެސެޓް ހުވާކުރުން އޮންނާނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!