މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ މުހިންމު ދެ ސިނާއަތް ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2027 ވަނަ އަހަރުގެ ތެރޭގައި އިތުރު 11،400 ޓަނުގެ ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ. މީގެއިތުރުން މެރިކަލްޗަރ ފުޅާކުރުމަށްވެސް ވަނީ ރޭވިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ބަހައްޓާ އައިސްޕްލާންޓްތައްވެސް ހިމެނެއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި އަލަށް ޤާއިމުކުރެވޭ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އެ ދާއިރާ ކުރިއެރުވުމަށް "ފުޑް ސެކިއުރިޓީ" އަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ފަސްގަނޑުގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކޮށް، ދިވެހި ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!