އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ބޭރުން ފަރުވާ ހޯދަންޖެހިފައިވާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަފާހު ބޯޑަރު ހުޅުވައިދިނުމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަނެއްކާވެސް ގޮވާލައިފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި ފަރުވާއަށް ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދަނިކޮށް، ބޯޑަރު ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާއިން ބޭރުން އަވަސް ސިއްހީ ފަރުވާ ބޭނުންވާ 21،468 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި އެންމެ އިސްކަންދޭންޖެހޭ ހާލަތްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ 6،430 މީހުން ހިމެނެއެވެ. ބޯޑަރު ތަކުރާރުކޮށް ބަންދުކުރުމާއި، މީހުން ބޭރަށް ގެންދިއުމުގެ މަރުހަލާތައް ގަސްދުގައި ލަސްކުރުމުގެ ސަބަބުން ބަލިމީހުންގެ ހާލަތު އިންތިހާއަށް ގޯސްވެ، އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ނިމިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް ފަރުވާއަށް ބޭރަށް ފޮނުވިފައިވަނީ އެންމެ 3،056 މީހުންނެވެ. އޭގެ ތެރެއިން 2،614 މީހުން ރަފާހު މަގުން މިސްރަށް ފޮނުވިއިރު، 442 މީހުން ފޮނުވުނީ ކަރަމް އަބޫ ސާލިމް ބޯޑަރު ހުރަސްކޮށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހުން ޝަހީދުވެ، 38 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. ބުރާސްފަތި ދުވަހު ވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ޑްރޯން ހަމަލާތައް ދީފައިވާއިރު، މެދުތެރޭ ޣައްޒާގެ މަޣާޒީ ރެފިއުޖީ ކޭމްޕުގައި އާންމުން ދަތުރުކުރި ކާރަކަށް އިންޒާރަކާ ނުލައި ދިން ދެ މިސައިލް ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާގައި ޒަޚަމްވި މީހުން އަލްއަޤްޞާ މާޓިއާސް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހުގެ ހެނދުނު ޚާން ޔޫނިސްގެ ނާޞިރު ހޮސްޕިޓަލުގައި ވަނީ އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި ޝަހީދުވި ހަތަރު މީހެއްގެ ޖަނާޒާ ބާއްވާފައެވެ. އެމީހުން ޝަހީދުވީ ރަފާހުގެ އަލް މަވާސީ ސަރަހައްދު ކައިރީގައި ދިން ހަމަލާއެއްގައެވެ. ޝަހީދުވި މީހުންނަކީ ކަރަމް އަބޫ ސާލިމް ބޯޑަރުން އެތެރެވާ އެހީގެ ލޮރީތައް މޮނިޓާކުރުމުގައި ހަރަކާތްތެރިވި އިޤްތިޞާދާ ބެހޭ ވުޒާރާގެ އާންމު މުވައްޒަފުންނެވެ. އިޒްރޭލުން މީގެ ކުރިން "ރައްކާތެރި ސަރަހައްދެއް" ކަމަށް ބުނެފައިވާ މަވާސީއަށް ދިން މި ހަމަލާގައި އިތުރު 30 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ޣައްޒާގެ އުތުރު ސަރަހައްދުތަކަށް ބަލާއިރު، ޖަބަލިއާގައި ދިން ހަމަލާއެއްގައި އަނިޔާވި މީހަކު ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ޖަބަލިއާގެ އިރުމަތީގައި އޮންނަ ހަލާވާ ކޭމްޕަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. "ޔެލޯ ލައިން" ސަރަހައްދުގައި ފޯރިމަރަމުންދާ އިޒްރޭލު ސިފައިން ވަނީ އެ ކޭމްޕުގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ފޭލިގެތަކަށް ސީދާ ބަޑީގެ ހަމަލާތައް އަމާޒުކުރަން ފަށާފައެވެ.
އަނެއްކޮޅުން، ޣައްޒާ ސިޓީގެ އިރުމަތީ އަވަށްތައް ކަމަށްވާ ޝުޖާޢިއްޔާ، ތުއްފާޙު، އަދި ޒައިތޫން ސަރަހައްދަށް އިޒްރޭލުގެ ބޮޑުބަޑީގެ ވަރުގަދަ ހަމަލާތައް އަމާޒުވެ، ބާރުގަދަ ގޮވުންތަކުގެ އަޑު ވަނީ އިވިފައެވެ. އަދި ޣައްޒާ ސިޓީގެ އިރުމަތީ ގެއަކަށް ދިން ބޮޑުބަޑީގެ ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 11 މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޔެލޯ ލައިން ފަހަތުގައި އިޒްރޭލުގެ ބާރުގެ ދަށުގައިވާ ޑީރް އަލްބަލަޙާއި، ޚާން ޔޫނިސް އަދި ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކުގެ އިތުރުން އުތުރުގެ ބައިތު ލާހިޔާގައި ގެދޮރާއި އިންފްރާސްޓްރަކްޗާ ތަޅާ ސުންނާފަތި ކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް އިޒްރޭލު ސިފައިން ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!