ދިވެހިރާއްޖޭގައި ކެންސަރު ބަލި ދެނެގަތުމާއި ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ޕެޓް ސީޓީ އާއި ރޭޑިއޭޝަން ތެރަޕީ ހިމެނޭހެން ޒަމާނީ ފެންވަރުގެ އޮންކޮލޮޖީ ޚިދުމަތްތައް ދިނުމަށް ޚާއްސަ ޑައިގްނޯސްޓިކް މަރުކަޒެއް (ޑީސީއޯއެސް) ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލާއި ބޭރުގެ ދެ ކުންފުންޏެއް ގުޅިގެންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާ (އެމްއޯޔޫ) ގައި ސޮއިކޮށްފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި، ޔުނައިޓެޑް ކިންގްޑަމްގެ ކުއާންޓަމް ހައިޓްސް ލިމިޓެޑް އަދި އިންޑިއާގެ އެން ވެސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާ ދެމެދުގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް ވެރިންނާއި، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢު ތަންފީޒުކުރުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، އަމާޒަކީ 2026 ވަނަ އަހަރު މަސައްކަތް ފަށައި، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމުމެވެ. މި މުއްދަތުގެ ތެރޭގައި ޑިޒައިން ކުރުމާއި، ފަންނީ ދިރާސާތަކާއި، އިމާރާތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، ޚާއްސަ މެޑިކަލް އިކުއިޕްމަންޓް ހަރުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، އޮޕަރޭޝަނަލް ކޮމިޝަނިންގގެ އެންމެހައި މަސައްކަތްތައް ކުރިއަށްދާނެއެވެ.
އަލަށް ގާއިމުކުރާ މި މަރުކަޒުގައި އެންމެ ޒަމާނީ ފެންވަރުގެ އެކްސްޓާނަލް ބީމް ރޭޑިއޯތެރަޕީގެ ޚިދުމަތްތައް ދިނުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ތްރީ-ޑައިމެންޝަނަލް ކޮންފޯމަލް ރޭޑިއޯތެރަޕީ (3D CRT)، އިންޓެންސިޓީ-މޮޑިއުލޭޓެޑް ރޭޑިއޯތެރަޕީ (IMRT) އަދި އިމޭޖް-ގައިޑެޑް ރޭޑިއޯތެރަޕީ (IGRT) ހިމެނެއެވެ. މީގެ އިތުރުން ބްރެކީތެރަޕީއާއި، ކީމޯތެރަޕީއާއި، ސީޓީ ސިމިއުލޭޝަން އަދި ކެންސަރުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ވެސް މި ސެންޓަރުން ލިބިގެންދާނެއެވެ.
މަރުހަލާތަކަކަށް ބަހާލައިގެން ތަރައްގީކުރާ މި މަރުކަޒުގައި ކެންސަރު ބަލި ދެނެގަތުމަށާއި މަރުހަލާތައް ކަނޑައެޅުމަށް ބޭނުންވާ ނިއުކްލިއާ މެޑިސިން (Nuclear Medicine) އަދި ޕެޓް ސީޓީ (PET-CT) ގެ ޓެކްނޮލޮޖީ ވެސް ގާއިމުކުރެވޭނެއެވެ. އަދި މި ތަނުގައި އެމަޖެންސީ ރޫމްގެ ޚިދުމަތްތަކާއި، އައިސީޔޫ، އެނދުމަތިކޮށްގެން ފަރުވާދޭ ވޯޑުތަކާއި، އޮޕަރޭޝަން ތިއޭޓަރުތަކުގެ އިތުރުން ޚާއްސަ ޕްރޮސީޖަރ ރޫމްތައް ހިމެނޭނެއެވެ.
މި މަރުކަޒުގައި ފަރުވާ ދިނުމުގެ އިތުރުން ޕެލިއޭޓިވް ކެއަރާއި، ބަލީގެ އަލާމާތްތަކަށް ފަރުވާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ހިމެނެއެވެ. އަދި މަލްޓިޑިސިޕްލިނަރީ ޓިއުމަރު ބޯޑުތަކާއި، ފަރުވާ ރޭވުމުގެ ޚާއްސަ ނިޒާމުތައް މެދުވެރިކޮށް، ބަލި ދެނެގަތުމުން ފެށިގެން ދިގު މުއްދަތުގެ ފޮލޯއަޕާ ހަމައަށް ބަލިމީހުންނަށް މެދުކެނޑުމެއްނެތި ފަރުވާ ލިބޭނެ އިންތިޒާމު ކަށަވަރުކުރެވޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މިއީ ސިއްހީ ޚިދުމަތްތަކުގެ ގާބިލުކަން އިތުރުކޮށް، ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ މިންވަރު މަދުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ހިމެނޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކެންސަރުގެ ފަރުވާގެ ޚިދުމަތްތައް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!