ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި އެމެރިކާގައި އުފައްދާފައިވާ އެމްކިއު-1 މަރުކާގެ ޑްރޯނެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހުއްޓުވައި ގޮއްވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީ "އިސްނާ" އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައެވެ.
އިސްނާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތިން، އީރާނުގެ ސިރީކް އައްސޭރިފަށާ ދިމާލު ވައިގެ ސަރަހައްދުގައެވެ. އައިއާރްޖީސީން ބުނީ މިއީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ހުއްޓުވައި ވައްޓާލި އެމްކިއު-1 މަރުކާގެ 14 ވަނަ ޑްރޯން ކަމަށެވެ. އެމްކިއު-1 އަކީ އެމެރިކާގެ އުފެއްދުމެއް ނަމަވެސް، މި ޑްރޯން އޮޕަރޭޓްކުރީ ކޮން ފަރާތަކުން ކަމެއް އައިއާރްޖީސީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް އަސްކަރީ އާ ހަމަލާތަކެއް ދޭން އުޅޭކަމުގެ އަލާމާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ނޮވެމްބަރު 3 ގެ މިޑްޓާމް އިންތިޚާބަށްފަހު، ތެހެރާނާ ދެކޮޅަށް "ކުރު އަދި ވަރުގަދަ އަސްކަރީ ހަރަކާތަކަށް" ތައްޔާރުވުމަށް ވޮޝިންގޓަނުން ޚަލީޖުގެ ބައެއް އަރަބި ގައުމުތަކަށް އަންގާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން އަންގާރަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ވާގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިކަމުގައި ފަހުގެ ނިންމެވުމެއް ނުނިންމެވި ނަމަވެސް، އިންތިޚާބަށްފަހު ބޮޑު ހަމަލާއެއް ދިނުމުގެ ވިސްނުމަކަށް އެމަނިކުފާނު ގެންދަވަނީ ބުރަވެވަޑައިގަންނަވަމުންނެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތައް ދީގެން ރައްދު ދީފައެވެ. އަދި ދުނިޔޭގެ ހަކަތައިގެ މައި ދޮރާށި ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި އީރާނުން ވަނީ ގާތްގަނޑަކަށް ބަންދުކޮށްލާފައެވެ.
މި ހަމަނުޖެހުންތަކަށް ހައްލެއް ހޯދައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި މިދިޔަ ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ހޮރުމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ކަންކަމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ އެކު އެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!