ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު "ބޮޑުމަގު މައިޒާން" ރަސްމީކޮށް ހުޅުވައިފިއެވެ.
މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ.
މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ "ކޮމިއުނިޓީ ގްރޫޕް"ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާމް "ތިލަދުން"އަށް ވިދާޅުވީ، ރަށުގެ ބޮޑުމަގުގައި ތަރައްޤީކުރެވުނު މި މައިޒާނަކީ ކައުންސިލްގެ ހުއްދައާއެކު ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ބޮޑުމަގަކީ ޢާންމުކޮށް ހަވީރުގެ ވަގުތުތަކުގައި ވެސް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، ވަގުތު ހޭދަކުރަމުން އަންނަ މައި ސަރަޙައްދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މާއުނގޫދޫ ބޮޑުމަގު މައިޒާން ހުޅުވަނީ، ފޮޓޯ: ކައުންސިލް
އިރުފާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް އަމާޒުކޮށްގެން ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން މިފަދަ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާލުމަކީ، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ހާމަކޮށްދިން ރީތި ނަމޫނާއެއް ކަމުގައި ކައުންސިލުން ދެކެއެވެ.
މި މަސައްކަތަށް އެކި ދިމަދިމާލުން ލިބުނު އެއްބާރުލުން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ: "މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކުރެވުނު މަސައްކަތެއް. ޢަމަލީގޮތުން އެއްބަޔަކު މަސައްކަތް ކުރި އިރު ރަށުގައި ދިރިއުޅުއްވާ ފަރާތްތަކާއި، ރަށުން ބޭރުގައި ދިރިއުޅުއްވާ ރަށުގެ ގިނަ ބައެއްގެ ފަރާތުންނާއި، އެކިއެކި ތަންތަނުން ވެސް ފައިސާގެ އެހީތެރިކަން ލިބިފައިވޭ. މީގެއިތުރުން ރަށުގެ މުއައްސަސާތަކުންނާއި އާންމުންގެ ފަރާތުން، އެ މަސައްކަތް ހިނގަމުން ދިޔައިރު ރިފްރެޝްމަންޓާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާކަން އުފަލާއެކު ފާހަގަ ކުރަން."
ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ފެންނަމުންދާ މިފަދަ ނަމޫނާ އަދި އަގުހުރި މަސައްކަތްތައް ކައުންސިލުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އިރުފާމް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް، ކައުންސިލާއި މާއުނގޫދޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!