މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީ އާއި ރ. ދުވާފަރުން ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންތަކުގައި މި ދެ ރަށުން ޖުމްލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ބުނި ގޮތުގައި، ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، އާސިމީމަންޒިލް، އަޙްމަދު އަފާފު ޢާރިފް (32އ) އާއި، އެ ރަށު ދޫޑިގަން، ލާލުގެ، އަޙްމަދު ވިޝާން (37އ) އެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޑްރަގް މައްސަލާގައި ފުވައްމުލަކުން ހައްޔަރުކުރި ދެމީހުން، ފޮޓޯ: ޕޮލިސް
ފުވައްމުލަކުން ހައްޔަރުކުރި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރ. ދުވާފަރުން ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ހިރުނދުގެ، ހަޒާރު އިސްމާޢީލް (24އ) އެވެ.
ދުވާފަރު ފުލުހުން އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި، ފިލްމު ހުސްކުރި ދަޅެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!