ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
އެގޮތުން، މި ތަމްރީނުތަކުގައި ބަށިބޯޅައިގެ ޤަވާއިދުތަކާއި މައިގަނޑު އުޞޫލުތަކާ ގުޅޭ މަޢުލޫމާތުތައް ބައިވެރިންނަށް އުނގަންނައިދީފައިވަނީ ތިއަރީ އަދި ޢަމަލީ ބައިތައްވެސް ހިމަނައިގެންނެވެ.
މާއުނގޫދޫ އތމ ކޮމިޓީން ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމް ހިންގުމުގެ އެންމެ މައިގަނޑު ބޭނުމަކީ ވަރަށް ކުރިން އެ ރަށުގައި ފޯރިއާއެކު ކުޅެފައި، ފަހުން މެދުކެނޑިފައިވާ މި ކުޅިވަރު އަލުން ރަށުގައި ދިރުވައި އާލާކުރުމެވެ.
މީގެއިތުރުން، މި ތަމްރީނުތަކާއެކު ރަށުގައި ތަމްރީނު ލިބިފައިވާ އޮފިޝަލުން ތިބުމަކީ ކުރިއަށް އޮތް ތަނުގައި ރަސްމީ ޤަވާއިދުތަކާ އެއްގޮތަށް ބަށިބޯޅަ މެޗުތަކާއި މުބާރާތްތައް މާއުނގޫދޫގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުޞަތެއް ކަމަށްވެސް އެ ކޮމިޓީން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!