ސްޕޭސްއެކްސްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ކަމަށްވާ ސްޓާލިންކް ބޭނުންކުރާ ފަރާތްތަކަށް ޖާސޫސުކުރުމަށްޓަކައި، އިސްރާއީލުގެ އިޝްތިހާރު ޓެކްނޮލޮޖީ ކުންފުންޏަކުން އަމާޒުކޮށްގެން ފާރަލަމުންދާ ކަމަށް ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ބުނެފިއެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ހަ ފަރާތަކާ ހަވާލާދީ ހާމަވެފައިވާ ގޮތުގައި، 100 އަށް ވުރެ ގިނަ ގައުމުގައި ސްޓާލިންކް ބޭނުންކުރާ ފަރާތްތަކަށް މި ނުރައްކާ ވަނީ ކުރިމަތިވެފައެވެ.
ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ސައިބާ ސެކިއުރިޓީ ކުންފުނި ޓްރެންޑް މައިކްރޯގެ ދަށުން ހިންގާ ޓްރެންޑް އޭއައި (TrendAI) ގެ ދިރާސާވެރިން ވަނީ އިސްރާއީލުގެ 'ޑިސްކަވާ-ޓެކް' (Discover-Tech) އަކީ ސްޓާލިންކް ބޭނުންކުރާ މީހުންނަށް ޑިޖިޓަލް އިޝްތިހާރުތައް ފޮނުވި އެންމެ ބޮޑު އެއް މަސްދަރު ކަމަށް ނިންމާފައެވެ. އަދި އެ އިޝްތިހާރުތައް ބޭނުންކޮށްފައިވަނީ އެ ފަރާތްތައް ތިބި ތަން ދެނެގަތުމަށާއި އެހެނިހެން ގޮތްގޮތުން ފާރަލުމަށް ކަމަށް ބެލެވޭ ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.
ޑިޖިޓަލް އިޝްތިހާރުތައް ދެއްކުމަށް ވެބް ބްރައުޒާތަކާއި އެޕްލިކޭޝަންތަކުން ޖާގަ ހޯދުމަށް ބޭއްވޭ ނީލަން ނުވަތަ 'ބިޑިންގ' ސިސްޓަމްގެ ތެރެއިން، ސްޓާލިންކްގެ ޓްރެފިކަށް ބިޑްކުރުމުގައި 100 އަށް ވުރެ ގިނަ ގައުމުގައި އެންމެ ކުރީގައި އޮތީ ޑިސްކަވާ-ޓެކް އެވެ. މީގެ ތެރޭގައި ސްޓާލިންކްގެ ޚިދުމަތް މަނާކޮށްފައިވާ އަދި ހުރަސްތައް އަޅާފައިވާ ގައުމުތައް ވެސް ހިމެނެއެވެ. މި ތުހުމަތުތަކާ ގުޅިގެން ސްޕޭސްއެކްސް އިން އަދި ޑިސްކަވާ-ޓެކްގެ އިސްވެރިޔާ ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޓްރެންޑް އޭއައި އިން މިދިޔަ އޮކްޓޫބަރު މަހުގެ 15 ގައި ނެރުނު ރިޕޯޓުގައި ސީދާ ޑިސްކަވާ-ޓެކްގެ ނަން ބޭނުންކުރުމުގެ ބަދަލުގައި، އެ ކުންފުންޏަށް ދީފައިވާ ކޯޑު ނަމަކީ "ޝެޑޯ-އާތު-79" އެވެ. ނަމަވެސް، ހަމަ އެ ދުވަހު ކެނެޑާގެ ސައިބާ ވޮޗްޑޮގް ސިޓިޒަން ލެބް އަދި ނިއުޔޯކްގެ ކޮންފިއަންޓް ކުންފުނިން ވަނީ ޑިސްކަވާ-ޓެކްގެ ނަން ފާޅުގައި ހާމަކޮށް، އެ ކުންފުނިން އިޝްތިހާރު ނީލަންތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މިގޮތަށް ލީކުވާ ޑޭޓާތައް އެއްކޮށް، އިންޓަނެޓް ބޭނުންކުރާ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެ، އެމީހުންނަށް ފާރަލުމުގެ ސޮފްޓްވެއާތައް އަމާޒުކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ސިޓިޒަން ލެބް އަދި ކޮންފިއަންޓުން ބުނި ގޮތުގައި މީޑިއާ އިދާރާތަކާއި، ސަރުކާރުތަކާއި އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ ނާޒުކު ނެޓްވޯކްތަކުގެ ތެރޭގައި ވެސް މި އިޝްތިހާރުތައް ވަނީ ދައްކާފައެވެ. މި ތަހުގީގުތަކާ ގުޅިގެން ގޫގުލް އަދި ކޮމްކާސްޓް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެމީހުންގެ އިޝްތިހާރު ޕްލެޓްފޯމްތަކުން ޑިސްކަވާ-ޓެކް ބޭރުކޮށްލާފައެވެ. އަދި އެމެރިކާގެ ބޮޑު ޓެކް ކުންފުންޏަކާއި ބައިނަލްއަގުވާމީ ޖަމާއަތަކުން ވަނީ އެ އިދާރާތަކުގެ މުވައްޒަފުންނަށް މި އިޝްތިހާރުތައް އަމާޒުކޮށްފައިވޭތޯ ބެލުމަށް އެތެރޭގެ ތަހުގީގެއް ފަށާފައެވެ.
ޓްރެންޑް އޭއައިގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ހަރަކާތްތަކަކީ ވިޔަފާރި އުސޫލުން ހިންގާ އިޝްތިހާރުތަކަކަށް ވުރެ ބޮޑަށް، އަމާޒުކޮށްގެން ފާރަލުމަށް ހިންގާ ނިޒާމެކެވެ. އެގޮތުން ހުޅަނގުގެ ސައްހަ އިޝްތިހާރުތަކުގެ ޑިމާންޑް އެއްގޮތަކަށް ވެސް ނެތް ސޫރިޔާ، ލީބިޔާ، ޔަމަން އަދި ދެކުނު ސޫދާން ފަދަ ހަނގުރާމަވެރި ގައުމުތަކުގައި އެންމެ ގިނައިން އިޝްތިހާރު ގަތް ފަރާތަކީ މި ފަރާތެވެ. އަދި އަފްޣާނިސްތާނުގައި ދެވަނައަށް އެންމެ ގިނައިން ބިޑްކުރި ފަރާތަކީ ވެސް މިއީ ކަމަށްވާއިރު، ހަންގޭރީ، އިސްރާއީލް، މިސްރު، އަޒަރުބައިޖާން އަދި ވެނެޒުއެލާގައި ވެސް މިފަދަ ގިނަ ބިޑްތަކެއް އެ ފަރާތުން ކާމިޔާބުކޮށްފައިވެއެވެ.
ގައުމުތަކުގެ ރެގިއުލޭޓަރީ މުވާސަލާތީ ނެޓްވޯކްތަކުގެ ބަދަލުގައި ސްޕޭސްއެކްސްގެ ސެޓެލައިޓްތައް މެދުވެރިކޮށް ޑޭޓާ ދައުރުވާތީ، ސަރުކާރުތަކުގެ ހުރަސްތައް ފަހަނައަޅައި، ނުރައްކާތެރި ހިސާބުތަކާއި ހަނގުރާމައިގެ މައިދާންތަކުގައި މުވާސަލާތު ކުރުމަށް ސްޓާލިންކް ބޭނުންކުރެއެވެ. ޚާއްސަކޮށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ކުރީ ސަފުގެ މުވާސަލާތަށާއި ޑްރޯން ހަމަލާތައް އަމާޒުކުރުމަށް މި ޚިދުމަތް ބޭނުންކުރަމުންދެއެވެ. އެހެންކަމުން ސްޓާލިންކް ބޭނުންކުރާ ފަރާތްތައް ދެނެގަތުމަކީ ބޮޑު ވިޔަފާރިއަކަށް ވެފައިވާއިރު، އިސްރާއީލުގެ ކުންފުނިތަކުން އިޝްތިހާރު ޑޭޓާ ބޭނުންކޮށްގެން މިފަދަ ޚިދުމަތްތައް ކަސްޓަމަރުންނަށް ހުށަހަޅަމުންދާ ކަމަށް މީގެ ކުރިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!