ހއ. އުތީމަކީ ނިސްބަތުން ކުށުގެ ރެކޯޑު ދަށް ރަށެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓައި، ކުށުގެ ވެށިން ރައްކާތެރިވެފައިވާ އަމާން މާހައުލެއް އެ ރަށުގައި ގާއިމުކުރުމަށްޓަކައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ.

Ad
d

މި ސިލްސިލާގެ ފުރަތަމަ ސެޝަން މިހާރު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި 87 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތުދެއެވެ. ދެ ގަޑިއިރަށް ދެމިގެންދިޔަ މި ސެޝަނުގައި މައިގަނޑު ގޮތެއްގައި ބަލައިލާފައިވަނީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި، ކުދިންނާ މުއާމަލާތު ކުރާނެ ރަނގަޅު ގޮތްތަކުގެ މައްޗަށެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، އުތީމަކީ ނިސްބަތުން ކުށުގެ ރެކޯޑު ދަށް ރަށެއް ނަމަވެސް، މި ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެ ގޮތުގައި ރަށް ދެމެހެއްޓުން ކަމަށެވެ. އަދި ކުށުގެ ވެށިން ރައްކާތެރިވެފައިވާ އަމާން މާހައުލެއް ރަށުގައި ދެމެހެއްޓުމަށް ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްގެ އަމާޒަކީ "މުތީއެއް ފަދަ އުތީމު" ގެ ނަމާ އެއްގޮތަށް، ރައްޔިތުންނަކީ ދިރިއުޅުމުގެ ކަންކަމަށް ލޯ ހުޅުވިފައިވާ އަދި އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ. އަދި ރައްޔިތުން ގުޅިގެން އެފަދަ އަމާން ވެއްޓެއް ރަށުގައި ގާއިމުކުރުމަށް ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދަރިން ތަރުބިއްޔަތު ކުރުމުގައި ދީނީ ގޮތުން ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ހާއްސަ ދީނީ ދަރުހެއް ވަރަށް އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އުތީމު ކައުންސިލުން ބުނެއެވެ.

Ad
df

މި ސިލްސިލާގެ ދަށުން މިއަހަރުގެ ތެރޭގައި އިތުރު ދެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ހއ. އަތޮޅު ޕޮލިހުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ކައުންސިލްގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ރަށުގެ ސްކޫލާއި، ކްލަބް ޖަމްއިއްޔާތަކުގެ އިތުރުން އެހެނިހެން މުއައްސަސާތަކުން ދެއްވާ އެހީތެރިކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.