ކަނޑުގެ ސައިންޓިފިކް ދިރާސާތަކަށް ހާއްސަކޮށްގެން، މަތިންދާބޯޓު އުފުލާ މަނަވަރެއްގެ ސައިޒަށް ޗައިނާއިން ބިނާކުރާ ދުނިޔޭގެ ފުރަތަމަ އަމިއްލައަށް ދަތުރުކޮށް ބެލެހެއްޓޭ 'ފްލޯޓިން އައިލެންޑް' ނުވަތަ ކަނޑުމަތީގެ މަސްނޫއީ ރަށުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ބިޔަ ވަސީލަތަކީ ކަނޑުގެ ސައިންޓިފިކް އިންފްރާސްޓްރަކްޗާގެ ދާއިރާއިން އެ ގައުމުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

Ad
d

މި މަޝްރޫއުގެ މައި ޑިވެލޮޕަރު ކަމަށްވާ ޝަންހާއީ ޖިއާއޯ ޓޮންގް ޔުނިވާސިޓީ (އެސްޖޭޓީޔޫ) އިން ވަނީ މި ޕްލެޓްފޯމް ބިނާކުރުމަށް ޗައިނާ ސްޓޭޓް ޝިޕްބިލްޑިން ކޯޕަރޭޝަންގެ ދަށުން ހިންގާ ބޯޓު ބަންނަ ކުންފުންޏަކާ އެކު އޮކްޓޯބަރު 18 ގައި އެއްބަސްވުމެއްގައެވެ. ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2.7 ބިލިއަން ޔުއާން (ގާތްގަނޑަކަށް 405 މިލިއަން އެމެރިކާ ޑޮލަރު) ގެ މި މަޝްރޫއު އެއްކޮށް ނިންމައި 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް ޝަންހާއީ އޮބްޒާވާ ނޫހުން ވަނީ ބުނެފައެވެ.

"ޑީޕް-ސީ އޯލް-ވެދާ ރެޒިޑެންޓް ފްލޯޓިން ރިސާޗް ފެސިލިޓީ" ނުވަތަ "ފާ-ސީ ފްލޯޓިން މޯބައިލް އައިލެންޑް" ގެ ނަން ދީފައިވާ މި އޮނިގަނޑަކީ ޗައިނާގެ 14 ވަނަ ފަސްއަހަރުގެ ޕްލޭންގައި ހިމެނޭ ގައުމީ ސައިންޓިފިކް މަޝްރޫއެކެވެ. އެސްޖޭޓީޔޫއިން ބުނި ގޮތުގައި މިއީ 10 އަހަރުގެ ދިރާސާއާއި ޕްލޭނިންގ އަށްފަހު ފެށި މަސައްކަތެކެވެ. މި ޕްލެޓްފޯމްގެ ދިގުމިނުގައި 138 މީޓަރު (453 ފޫޓު) އަދި ފުޅާމިނުގައި 85 މީޓަރު ހުންނާނެއެވެ. އަދި އޭގެ މައި ޑެކް ކަނޑުގެ ލޮނުގަނޑުން ފެށިގެން 45 މީޓަރު އުހުގައި—ގާތްގަނޑަކަށް 15 ބުރީގެ އިމާރާތެއްގެ އުސްމިނުގައި ހުންނައިރު، 20 މީޓަރުގެ ބޮޑެތި ރާޅުތައް އުފެދޭ ހާލަތްތަކުގައި ވެސް މައި ލެބޯޓްރީތަކަށާއި ދިރިއުޅޭ ސަރަހައްދުތަކަށް ލޮނުގަނޑު ނުވަންނާނެއެވެ.

މި ޕްލެޓްފޯމްގެ އެންމެ ބޮޑު ޑިސްޕްލޭސްމަންޓަކީ ގާތްގަނޑަކަށް 74،000 ޓަނެވެ. މިއީ ދުނިޔޭގެ އާދައިގެ ހަނގުރާމަމަތީ މަނަވަރުތަކާއި ދިރާސާކުރާ އުޅަނދުތަކަށް ވުރެ މާ ބޮޑު، އަދި ބޮޑެތި މަތިންދާބޯޓު އުފުލާ މަނަވަރަކާ ގާތްކުރާ މިންވަރެކެވެ. ޗައިނާގެ އެންމެ ފަހުގެ އެއާކްރާފްޓް ކެރިއަރު 'ފޫޖިއަން'ގެ ޑިސްޕްލޭސްމަންޓަކީ 80،000 ޓަނަށް ވުރެ މައްޗެވެ. ދެ ބަނޑުފިލާ (ޓްވިން-ހަލް) އެކުލެވޭ މި ޕްލެޓްފޯމަށް 6 އާއި 9 މީޓަރާ ދެމެދުގެ ބޮޑެތި ރާޅުތަކުގެ ތެރޭގައި މަސައްކަތްކުރެވޭނެ ކަމަށާއި، ފޯސް 17 ގެ ބާރުގަދަ ތޫފާންތަކުގައި ވެސް ކެތްކުރެވޭނެއެވެ. މިއީ މަދަނީ ދިރާސާ ޕްލެޓްފޯމެއް ނަމަވެސް، ނިއުކްލިއާ ހަމަލާއެއްގެ ބާރުގަދަ އަސަރުތަކުން ސަލާމަތްވާނެ ފަދަ ޑިޒައިނެއް އިންޖިނިއަރުން ވަނީ ހުށަހަޅާފައެވެ.

ފުން ކަނޑުތަކުގެ ދިރާސާތަކުގައި ބޭނުންކުރާ އާދައިގެ އުޅަނދުފަހަރަށް ގަދަ ވަޔާއި ބޮޑެތި ރާޅުތަކުގެ ސަބަބުން އެއްތަނެއްގައި ގިނަ ދުވަހު މަޑުކޮށްލައިގެން ތިބުމަށް ދަތިވެއެވެ. އަދި އުޅަނދު ތަޅުވާވަރުން އެތެރޭގައި ހުންނަ ނާޒުކު އާލާތްތައް ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އަނެއްކޮޅުން ކަނޑުގައި ހަރުކޮށްފައި ހުންނަ ޕްލެޓްފޯމްތަކަކީ އަމިއްލައަށް ދަތުރުނުކުރެވޭ ތަންތަން ކަމަށްވާތީ ބޭނުންވާ ތަނަކަށް ބަދަލެއް ނުކުރެވެއެވެ. އެހެންކަމުން، މި އައު ފްލޯޓިން ޕްލެޓްފޯމުން ދަތުރުކުރުމުގެ ގާބިލުކަމާއި އެއްތަނެއްގައި ދާއިމީކޮށް ހުރުމުގެ ފަސޭހަ އެއްކޮށްލަދެއެވެ. މިއާއެކު، ތެލާއި ސާމާނުގެ ދަތިކަމެއް ނެތި 200 އަށް ވުރެ ގިނަ ދިރާސާވެރިންނާ އެކު ގަޑިއަކު 11 ނޮޓް (ގާތްގަނޑަކަށް 20 ކިލޯމީޓަރު) ބާރުމިނުގައި މި ރަށަށް ދަތުރުކުރެވޭނެއެވެ.

ކަނޑުގެ އަޑީގެ ދިގު ދިރާސާތަކަށް އެހީތެރިވުމަށްޓަކައި މި ފެސިލިޓީ އެކުލެވިގެންވަނީ މައި ޕްލެޓްފޯމް ސިސްޓަމަކާއި، އެއްގަމުގެ ސަޕޯޓް ނެޓްވޯކެއްގެ އިތުރުން، ބޯޓުގައި ހުންނަ ލެބޯޓްރީ ނިޒާމެއްގެ މައްޗަށެވެ. މީގެ ތެރޭގައި ކަނޑުގެ ބަރު އިކުއިޕްމަންޓްތަކާއި ޓެކްނޮލޮޖީ ދިރާސާކުރުމާއި، މޫސުމީ ކާރިސާތައް ބެލުމާއި، ކަނޑުގެ ދިރުންތަކުގެ ނިޒާމު ދިގު މުއްދަތަކަށް އޮބްޒާވްކުރުމަށް ހާއްސަ ހަ ލެބޯޓްރީއެއް ހިމެނެއެވެ.

Ad
df

މި މަޝްރޫއުގެ ޗީފް ސައިންޓިސްޓް އަދި އެސްޖޭޓީޔޫގެ ސްކޫލް އޮފް އޯޝަނޯގްރަފީގެ ޑީން ޖޫ މެންގް ވިދާޅުވެފައިވަނީ، މަތީ ފަންތީގެ ސާމާނު ޓެސްޓުކުރުމަށާއި، ތޫފާންތައް ގާތުން ދެނެގަތުމަށާއި، ކަނޑުގެ ސައިންޓިފިކް ދިރާސާތަކަށް މި ވަސީލަތް ނުހަނު މުހިންމު ވާނެ ކަމަށެވެ. އަދި މި ބޮޑު ފެސިލިޓީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދިރާސާ އިދާރާތަކަށާއި ވިޔަފާރިތަކަށް ވެސް ހުޅުވާލައި ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.