އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ފިންލެންޑުގެ ސަރަހައްދަކުން ގާތްގަނޑަކަށް 250،000 ގަސް ކަނޑާލުމާ ގުޅިގެން ޓެކްނޮލޮޖީ ކުންފުނި ގޫގުލްއަށް ތިމާވެށީގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މިއާއިއެކު މި މައްސަލައާ ގުޅިގެން ތިމާވެށީގެ ދިރާސާތައް ފުރިހަމަކުރަންދެން އެ މަޝްރޫއުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ފިންލެންޑުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އަންގާފައެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުރާސްފަތި ދުވަހު ޝާއިއުކުރި ތަހުގީގީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގޫގުލްގެ 13 ބިލިއަން ޔޫރޯގެ އޭއައި އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން، ފިންލެންޑުގެ މުހޮސް ސަރަހައްދުން ގާތްގަނޑަކަށް 330 ހެކްޓަރުގެ ޖަންގަލި ވަނީ ސާފުކޮށްފައެވެ. މިއީ އެމެރިކަން ފުޓްބޯޅަ ކުޅޭ 450 ދަނޑަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. މީގެ އިތުރުން، އެ ގައުމުގެ އޮޓަންމާކީގައި ހަދާ ދެވަނަ ސައިޓުން ވެސް 150،000 ގަސް ކަނޑާފައިވާ ކަމަށް ތިމާވެށީގެ މާހިރުން ލަފާކުރާއިރު، ކަނޑާލި ޖުމްލަ ގަހުގެ އަދަދު ގާތްގަނޑަކަށް 400،000 އަށް އަރައެވެ.
ފިންލެންޑުގެ ގައުމީ ބްރޯޑްކާސްޓަރު 'ޔައިލް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޫގުލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓުއިކޭ ފިންލެންޑުން މުހޮސް އަދި ކަޔާނީގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް އަސަރުކުރާނެ މަސައްކަތްތައް ހުއްޓާލަން އަންގާފައިވަނީ ކޮންމެހެން ހަދަންޖެހޭ ތިމާވެށީގެ އެސެސްމަންޓްތައް ހަދައި ނިމެންދެނެވެ. މި މަސައްކަތުގެ ތެރޭގައި ހަމައެކަނި ގަސް ކެނޑުމުގެ އިތުރުން، ބިމުގެ މަތީ ފަސްގަނޑު ނެގުމާއި، މަގުތައް ހެދުމާއި، ފެން ހިންދާ ނިޒާމުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.
މި މަސައްކަތްތަކުގެ ސަބަބުން ވަށައިގެންވާ ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ބިން ސާފުކުރި ސަރަހައްދުން ބޭރުވާ ކިސަޑު ފެންގަނޑުތައް، އޮލުޖޯކީ ކޯރާ ގުޅިފައިވާ ފެން ދައުރުވާ މަގުތަކުގެ ތެރެއަށް ވަންނަމުންދާތީ އެ ސަރަހައްދުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ގާޑިއަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ގޫގުލް އިން ކުރިން ބުނެފައިވަނީ އެ ކުންފުނިން އަމަލުކުރީ ފިންލެންޑުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް، ފަހުން އެ ކުންފުނީގެ ފިންލެންޑް ކަންޓްރީ މެނޭޖަރު އަންޓީ ޔާރްވިނެން ވަނީ ގަސްތައް ކަނޑާލި މައްސަލައިގައި މައާފަށް އެދިވަޑައިގެންފައެވެ. އަދި ގޫގުލް އިން މަސައްކަތް ކުރަމުން ދިޔައީ ގަވާއިދުތަކުގެ ތެރެއިން ކަމަށް އޭރު ގަބޫލުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ދިރުންތަކުގެ ނިޒާމު ރައްކާތެރިކުރުމުގެ މަސައްކަތުގެ ދަށުން މުހޮސްގެ 130 ހެކްޓަރުގެ ބިމުގައި އަލުން ގަސް އިންދުމުގެ ޕްލޭނެއް އޮތް ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ގޫގުލްގެ ޖެމިނައި އަދި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ ޒަމާނީ އޭއައި ހިދުމަތްތައް ހިންގުމަށްޓަކައި ބޮޑެތި ޕްރޮސެސަރުތައް އެކުލެވޭ ބިޔަ ޑޭޓާ ސެންޓަރުތަކާއި، ބޮޑެތި ބިންތަކާއި، ކަރަންޓު އަދި ފިނިކުރާ ނިޒާމުތައް ބޭނުންވެއެވެ. ފިންލެންޑުގެ ފިނި މާހައުލަކީ ސާވަރުތައް ހޫނުވުމުން ސަލާމަތްކުރުމަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ގައުމަކަށް ވާތީ ޓެކްނޮލޮޖީ ކުންފުނިތަކަށް އެ ގައުމު ވަނީ މަގުބޫލު ވެފައެވެ. އެހެންނަމަވެސް، އޭއައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށްޓަކައި ސަތޭކަ ހާހަށް ވުރެ ގިނަ ގަސްތައް ކަނޑައި ބޮޑެތި ޖަންގަލިތައް ހަލާކުކުރުމަކީ، ތިމާވެށި ހިމާޔަތްކުރުމަށް ކުންފުނިތަކުން ވެފައިވާ ވައުދުތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެ މިހާރު ދަނީ ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!