ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތަކުގެ ބޭނުން އާންމު ދިރިއުޅުމުގައި ހިފަމުން އަންނައިރު، މި ވަސީލަތްތަކާ ދައްކާ ވާހަކަތަކަކީ ގާނޫނީ ގޮތުން ސިއްރު ހިފެހެއްޓޭ ކަންކަމެއް ނޫނެވެ. ވަކީލުންނާއި މުވައްކިލުން، ނުވަތަ ޑޮކްޓަރުންނާއި ބަލިމީހުންގެ މެދުގައި އޮންނަ ފަދަ ސިއްރު ހިފެހެއްޓުމުގެ އިމްތިޔާޒު އޭއައި ޗެޓްބޮޓްތަކާ ދައްކާ ވާހަކަތަކަށް ނޯންނާތީ، މީހުން ކުރާ ކުށްތަކަށް ޗެޓްބޮޓްތަކުގެ ކުރިމަތީގައި އިއުތިރާފުވުމުން އެ ވާހަކަތައް ކޯޓުތަކުގައި ހެއްކެއްގެ ގޮތުގައި ބައެއް ޤައުމުތަކުގައި ވަނީ ބޭނުންކުރަން ފަށައިފައެވެ. އަދި މިފަދަ އިއުތިރާފުތައް ތަހުގީގީ އިދާރާތަކަށް ރިޕޯޓްކުރުން ލާޒިމުކުރާ ގާނޫނީ އޮނިގަނޑުތަކެއް ނެތުމުގެ ސަބަބުން މިކަމާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
މިފަދަ ކަންކަން ހާމަވި އެއް ހާދިސާއަކީ ޔުނިވާސިޓީ އޮފް މިސޫރީގެ 19 އަހަރުގެ ދަރިވަރަކު، ކެމްޕަހުގައި ޕާކުކޮށްފައި ހުރި 17 ކާރަކަށް ގެއްލުންދިން ކަމަށް ޗެޓްޖީޕީޓީ ގާތު އިއުތިރާފުވި މައްސަލައެވެ. މިދިޔަ އޮގަސްޓް މަހު ހިނގި މި ހާދިސާގައި، ޖަލަށް ދާން ޖެހިދާނެތޯ އޭނާ އެހުމުން، އަތުވެދާނެ ނަތީޖާތަކުގެ މައުލޫމާތު ޗެޓްޖީޕީޓީން ދިން ނަމަވެސް، މެސެޖުތައް އިތުރަށް ގޯސްވާން ފެށުމުން 911 އަށް ގުޅުމަށް ޗެޓްބޮޓް ބާރުއެޅިއެވެ. އޭނާގެ ފޯނު ބަލައިފާސްކުރަން ފުލުހުންނަށް ހުއްދަ ދިނުމުން ފެނުނު ޗެޓް ރެކޯޑުތައް، އޭނާގެ މައްޗަށް ކުރި މުދަލަށް ގެއްލުން ދިނުމުގެ ދައުވާގައި ކޯޓުގައި ވަނީ މުހިންމު ހެއްކަކަށް ވެފައެވެ.
މީގެ އިތުރުން، ފްލޮރިޑާގައި ކިޔަވާ ދެ ދަރިވަރަކު މިދިޔަ އެޕްރީލް މަހު ގެއްލި، ފަހުން މަރުވެފައި އޮއްވައި ފެނުމުގެ ދުވަސްކޮޅެއް ކުރިން، އެ ކުދިންނާ އެކު އުޅުނު ރޫމްމޭޓް، "މީހަކު ކަޅު ކޮތަޅަކަށް ލައި ޑަމްޕްސްޓަރަކަށް އެއްލައިލުމުން ވާނީ ކިހިނެއްތޯ" ޗެޓްޖީޕީޓީ ގާތު އެހިކަން ކޯޓުގެ ރެކޯޑުތަކުން ވަނީ ހާމަވެފައެވެ.
މި މައްސަލައިގައި ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގެ ސަރުކާރުން ވަނީ ޗެޓްޖީޕީޓީ އުފެއްދި 'އޯޕަންއޭއައި' ކުންފުންޏާ ދެކޮޅަށް ފެބްރުއަރީ މަހު ދައުވާ ވެސް އުފުލައިފައެވެ. އެއީ ގިނައިން ކުޑަކުދިން ހިމެނޭ ގޮތަށް 9 މީހުން މަރުވެ، 27 މީހުން ޒަހަމްވި ސްކޫލެއްގެ ބަޑިޖެހުމުގެ ހާދިސާއަކާ ގުޅިގެންނެވެ. އެ ދައުވާގައި ބުނެފައިވަނީ ހަމަލާދިން މީހާ ޗެޓްޖީޕީޓީއާ ދެއްކި ވާހަކަތައް ތަހުގީގީ އިދާރާތަކަށް ހިއްސާކުރި ނަމަ އެ ހަމަލާ ހުއްޓުވުނީސް ކަމަށެވެ. މިކަމާ ގުޅިގެން އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ސިޓީއަކުން މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، 2025 ވަނަ އަހަރުގެ ޖޫން މަހު އެ މީހާގެ ވާހަކަތައް ފާހަގަވެފައިވަނިކޮށް، ފުލުހުންނަށް ރިޕޯޓްކުރުމަށް ސޭފްޓީ ޓީމުން ލަފާދިނުމުން ވެސް އޮލްޓްމަން އާއި ކުންފުނީގެ އިސްވެރިން އެކަމަށް ހުރަސްއެޅި ކަމަށް ވިސްލްބްލޯވަރުން ވަނީ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހަށް މައުލޫމާތު ދީފައެވެ.
އޭއައި ވަސީލަތްތަކާ ދައްކާ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމުގެ ގާނޫނީ ރައްކާތެރިކަމެއް ނޯންނާތީ، ޓެކް ކުންފުނިތަކަށް މި މައުލޫމާތުތައް ތަހުގީގީ ފަރާތްތަކާ ހިއްސާކުރެވެއެވެ. އޮސްޓްރޭލިއާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ކުޑަކުދިންނަށް ލިބޭ ޖިންސީ ގޯނާތަކުގެ ވާހަކަ ބޮޑެތި މީހުންނަށް ކިޔައިދިނުމަށް ވުރެ ބޮޑަށް އޮންލައިން ޗެޓްބޮޓްތަކަށް ކިޔައިދޭ މިންވަރު އިތުރެވެ. ނަމަވެސް ޗެޓްބޮޓްތަކުން ކުށްތައް ރިޕޯޓްކުރަން ޖެހޭނެތޯ ކުރެވޭ ބަހުސްގައި، އެލްގޮރިޒަމްތަކަށް މީހުންގެ މަގުސަދު ނުބައިކޮށް ދެނެގަނެވޭ މައްސަލަ ވެސް ބޮޑެވެ. މިގޮތުން އެންތްރޮޕިކް ކުންފުނީގެ "ކްލޯޑް 5" އޭއައި އިން ވަނީ މިދިޔަ ޖުލައި މަހު އެމެރިކާގެ ފުލުހުންގެ ހޮޓްލައިނަކަށް، ހައްލުނުވެ އޮތް މަރުގެ މައްސަލައަކާ ގުޅޭ ނުބައި މައުލޫމާތެއް ރިޕޯޓްކޮށްފައެވެ.
ޖަރުމަނުގެ ގޮއެތާ ޔުނިވާސިޓީގެ އެމެރިކާގެ ގާނޫނީ ދިރާސާވެރިޔާ މެތިއު ޓްރެއިލް އަނަދޯލޫ އަށް ވިދާޅުވި ގޮތުގައި، ޗެޓްބޮޓްތައް އުފައްދާ ކުންފުނިތަކުން ތަފާތު އުސޫލުތައް ގެންގުޅޭއިރު، މީހުން މެރުން ފަދަ ކަންކަން ރޭވުމަށް މި ޗެޓްބޮޓްތައް ފަރުމާކޮށްފައެއް ނުވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައުޟޫއުތަކުން ދުރުހެލިވުމަށާއި އިންސާނުން ލައްވައި އެފަދަ ވާހަކަތައް ބެލުމަށް ޗެޓްބޮޓްތައް ތަމްރީނުކޮށްފައި ވީނަމަވެސް، ޚިޔާލީ ވާހަކަ ލިޔަން އެހީތެރިވާ ކަމަށް ހެދިގެން މި ފިލްޓަރުތައް ފަހަނައަޅައި ޖަވާބު ހޯދަން ބައެއް މީހުން އުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޗެޓް ހިސްޓްރީ ހޯދަން ފުލުހުންނަށް އެދެވުނު ނަމަވެސް، ކުށް ކުރުމުގެ ކުރިން އެކަން ދެނެގަތުމަކީ އޭއައިގެ މައިގަނޑު އަމާޒަކަށް ހަދައިގެން ނުވާނެ ކަމަށާއި، މިކަމާ ގުޅޭ ގާނޫނުތަކާއި ސިޔާސަތުތައް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުށް ކުރުމުގެ ފުރުސަތު ދެނެގަތުމަށްޓަކައި މިހާރަށް ވުރެ ގިނަ ޑޭޓާ އެއްކުރުމަށް އޭއައި މޮޑެލްތަކަށް ހުއްދަ ދިނުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެތައް ބަޔަކު ސިއްހީ ކަންކަމާއި ނަފްސާނީ އެހީތެރިކަމާއި އަމިއްލަ ދިރިއުޅުމުގެ ލަފާ ހޯދަން އޭއައި ބޭނުންކުރަމުން ދާއިރު، ސިއްރު ހިފެހެއްޓުމުގެ ބަހުސް ދަނީ ވަރުގަދަވަމުންނެވެ. ޗެޓްބޮޓްތަކާ ދައްކާ ވާހަކަތަކަކީ ސިއްރު ހިފެހެއްޓެން ޖެހޭ އެއްޗެއް ކަމަށް 2025 ވަނަ އަހަރުގެ ޖުލައި މަހު ސޭމް އޮލްޓްމަން ވިދާޅުވެފައި ވީނަމަވެސް، ކެނެޑާގެ ތޮމްޕްސަން ރިވާސް ޔުނިވާސިޓީގެ ގާނޫނީ ޕްރޮފެސަރު ރޮބަޓް ޑިއާބް ވިދާޅުވީ، ކުށެއްގައި ބައިވެރިވާ މީހުންގެ މެދުގައި ދެކެވޭ ވާހަކަތައް ގާނޫނުން ސިއްރެއްގެ ގޮތުގައި ނުބަލާ ކަމަށާއި، އިންސާނުންނާއި އޭއައި ޗެޓްބޮޓްތަކާ ދެމެދު ދެކެވޭ ވާހަކަތަކާ މެދު ވެސް އަމަލުކުރެވިދާނެ އުސޫލަކީ އެއީ ކަމަށެވެ. ކުށުގެ އަމަލުތަކަށް މީހުން ލެނބޭކަން ދެނެގަތުމުގެ ގާބިލުކަން ޗެޓްޖީޕީޓީ ފަދަ ވަސީލަތްތަކުގައި ހުރުމުން ފުލުހުންނަށް ރިޕޯޓްކޮށްގެން ކުށް ހުއްޓުވިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ނަމަވެސް، ޝައްކުކުރެވޭ ހުރިހާ މެސެޖަކަށް ފުލުހުން އެލާޓްކުރަން ފަށައިފި ނަމަ ދޮގު އެލާޓްތަކުގެ ސަބަބުން މަސައްކަތުގެ ބުރަ ބޮޑުވާނެ ކަމަށާއި، ކުށް ކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވައިލާނެ ގޮތްތައް މީހުން އަބަދުވެސް ހޯދާނެ ކަމަށް ޑިއާބް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!