ސިއްހީ ދާއިރާގެ ތައުލީމު ކުރިއެރުވުމަށާއި، މި ދާއިރާއަށް އަންނަމުންދާ އައު އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ބުޓީކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން" (އައިސީއެމްއީ) 2026 ރާއްޖޭގައި ފަށައިފިއެވެ.

މި ކޮންފަރެންސް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އެއަށްފަހު ކޮންފަރެންސްގެ ފެށުމުގެ ހިތާބު އިއްވަވައިދެއްވީ ރިފާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ހަސަން މުހައްމަދު ހާނެވެ.

Ad
d

"ޝޭޕިން ދަ ފިއުޗާ އޮފް ހެލްތު ޕްރޮފެޝަންސް އެޑިއުކޭޝަން: އިނޮވޭޝަން، ލީޑަޝިޕް އެންޑް އެކްސެލެންސް" މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާގެ ތައުލީމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ދާއިރާގެ ފަންނީ މާހިރުންނާއި އެކަޑަމިކް ބޭފުޅުން އެއްތަނަކުން ބައްދަލުވެ އިލްމާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

'އައިސީއެމްއީ 2026' ކޮންފަރެންސް ރާއްޖޭގައި ފެށުން، ފޮޓޯ: އެމްއެންޔޫ

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޖީލާ އަލީއެވެ. މި ޖަލްސާގައި ޖީލާ އަލީ ވާހަކަދެއްކެވި އިރު، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީވެސް ވަނީ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ޕާކިސްތާން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ. އަދި އައިސީއެމްއީގެ ރައީސް އަދި ރިފާ ޔުނިވާސިޓީގެ ޑީވީސީ އެކަޑަމިކްސް ޔާވަރު ހަޔާތު ހާން ވަނީ މި ކޮންފަރެންސާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ހުށަހަޅުއްވައިދެއްވާފައެވެ. މި ހަފުލާ ނިންމާލުމުގެ ގޮތުން ޝުކުރުގެ ވާހަކަދެއްކެވީ އެމްއެންޔޫގެ ޑީވީސީ ޑރ. ރަހީމާ އަބްދުއްރަހީމެވެ.

Ad
df

ސިއްހީ ތައުލީމާއި ހިދުމަތްތައް ޒަމާނީ ކުރުމަށްޓަކައި ޓެކްނޮލޮޖީ އާއި ސޮފްޓްވެއާތަކުގެ ދައުރު މުހިންމުވަމުން އަންނައިރު، ކިޔަވައިދިނުމުގެ ކަންކަން ހަރުދަނާކުރުމަށާއި އިދާރީ މަސައްކަތްތައް ލުއިކުރުމަށް ބޭނުންކުރާ ތަފާތު ޑިޖިޓަލް ޕްލެޓްފޯމުތަކާ ގުޅޭގޮތުންވެސް މި ދާއިރާގައި ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އޭގެ ތެރޭގައި ތަމްރީނުތަކާއި އެސެސްމެންޓްތައް ބެލެހެއްޓުމަށް ބޭނުންކުރާ 'ޖީ.ޕްރައިމް' އަދި 'އެޗް.ޕްރައިމް' ފަދަ ޕްލެޓްފޯމުތަކާއި، ލިޔެކިޔުންތައް ބަލަހައްޓާ 'ރެޒްލިބް' އަދި މަސައްކަތްތައް ވިލަރެސްކުރާ 'ޓެޒްސީއެކްސް' ފަދަ އީޖާދީ ހައްލުތައް ފާހަގަކޮށްލެވެއެވެ.