ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ކުޅުދުއްފުށި ސިޓީއިން ވާދަކުރި ތިން ފަރާތަކުން މައުރަޒުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކޮށް އެވޯޑު ހޯދައިފިއެވެ.
ކުޅުދުއްފުށި ސިޓީން މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވަނަތަކެއް ހާސިލުކޮށްފައިވަނީ އެ ރަށު ރެޑިއަމްގޭ ސާމިޔާ އާދަމްއެވެ.
ސާމިޔާ ވަނީ މައުރަޒުގެ ފޮޓޯގްރަފީ ދާއިރާއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދައި، އެ ދާއިރާގެ ހުރިހާ ވަނައެއް ފުރިހަމަކޮށްފައެވެ. މީގެއިތުރުން ކެލިގްރަފީ ދާއިރާއިންނާއި ދީނީ އުފެއްދުންތަކުގެ ދާއިރާއިން ވެސް އޭނާ ވަނީ އެއްވަނަ އަދި ދެވަނަ ހާސިލުކޮށްފައެވެ.
އޭނާގެ ކާމިޔާބީތައް އިތުރަށް ފުޅާކޮށް، ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ ދާއިރާއިން ދެވަނަ އަދި ތިންވަނަ ވެސް ސާމިޔާ ވަނީ ހޯދާފައެވެ. އަދި ޖެވެލަރީ އެންޑް އެކްސެސަރީޒް ދާއިރާއިން ދެވަނަ، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިންގެ ދާއިރާއިން ތިންވަނަ، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މުޅި ދާއިރާއިން ވެސް ސާމިޔާ ވަނީ ދެވަނަ ހާސިލުކޮށްފައެވެ.
މި މައުރަޒުގައި ކުޅުދުއްފުށިން ދެން ވާދަކުރި ފަރާތްތަކުން ވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެ ރަށު އަންދާޒު، މުޙައްމަދު އަލީ ވަނީ ދަތުރުފަތުރުގެ އެހެނިހެން އުފެއްދުންތަކުގެ ގިންތީން އެއްވަނަ، ދަތުރުފަތުރުގެ ގިންތީން ދެވަނަ އަދި އެހެނިހެން އެކުއިޕްމެންޓާއި މެޝިނެރީގެ ދާއިރާއިން ދެވަނަ ހޯދާފައެވެ. އަދި ރެޑިއަމްގޭ އާއިޝަތު އާދަމް ވަނީ ދީނީ އެހެނިހެން އުފެއްދުންތަކުގެ ދާއިރާއިން ދެވަނަ އަދި މަހުގެ އުފެއްދުންތަކުގެ ދާއިރާގެ ވެލިއު އެޑިޝަން ބައިން ތިންވަނަ ހާސިލުކޮށްފައެވެ.
މިފަންނުވެރިންގެ ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ހޫނު މަރްޙަބާ އެއް ކިޔާފައެވެ.
ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، އެކި ދާއިރާތަކުން ފަންނުވެރިންގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މި މައުރަޒު ރަސްމީކޮށް ހުޅުވާފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް މައުރަޒު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ބައިވެރިކޮށްފައިވާއިރު، އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ. މި އެވޯޑުތަކުގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ދިޔަ 95 ފަރާތް އަދި ތިންވަނައަށް ދިޔަ 82 ފަރާތް ހިމެނެއެވެ.
އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ މައުރަޒުން ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ހާސިލުކުރި 76 އެވޯޑުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!