ހަވީރުގެ ހިތްގައިމު ވަގުތުގައި ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަދެގެން ދިޔައިރު، މުޅި މާޙައުލު އޮތީ އާދަޔާ ޚިލާފު ދިރުމަކުން ފުރިފައެވެ. ފެހި ވިނަގަނޑާއި ބޮޑެތި ގަސްތަކުގެ ހިޔަލުގައި، ކަޅުކުލައިގެ ގްރެޖުއޭޝަން ގައުންތަކުގައި ތިބި ދަސްވެނިންގެ ހިނިތުންވުންތަކުން، ހީވަނީ އުފާވެރި ޕާޓީއެއް ކުރިއަށް ދާހެންނެވެ. ހަމައެއާއެކު، އެ އުފާވެރި ވަގުތުކޮޅު، ކެމެރާމަނުން، އެ މީހުންގެ ކެމެރާތަކުގެ ލެންސުތަކުގައި އެ އުފާވެރިކަން ރައްކާކުރުމުގައި އަވަދިނެތި އުޅުނެވެ.
އެ މާޙައުލުން އޭރު ފެންނަމުން ދިޔައީ، ގްރެޖުއޭޝަން ކެޕް ވައިގެ ތެރެއަށް އެއްލައި، ހިނިތުންވުމާއެކު އެކަކު އަނެކަކު ގައިގާ ބައްދައިލަމުން ދިޔަ މަންޒަރެވެ. އެ ކުދިންގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ފަޚުރާއި، ކުރިމަގާ މެދު އޮތް ފޮނި އުންމީދެވެ. ޑިގްރީ ސެޓްފިކެޓް އަތަށް ލައިގެން، ކެމެރާގެ ލެންސުތަކަށް ފަރިވެފައި ތިބިއިރު، އެއިން ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި އެތައް އިމްތިޙާނަކާއި، އެސައިންމަންޓްތަކުގެ ބުރަ ހަނދާންތައް ވާނެކަން ޔަޤީނެވެ.
ޕާކުތެރެއަށް ވަދެގެން ދިޔަައިރު ފެންނަމުން ދިޔަ މަންޒަރުތައް އިތުރަށް އަސަރުގަދަވެގެން ދިޔައީ، ތުއްތުތުއްތު ކުދިންނާއި، މައިންބަފައިންގެ އިތުރުން އާއިލާތައް އެ މައިދާނުން ފެނުމުންނެވެ. ދަރިފުޅުގެ އަތަށް މާބޮނޑިއެއް ލައިދީ، ކަރުނައިގެ ތެރެއިން ހިނިތުންވެލައިގެން ހުރި މައެއްގެ މޫނު ފެނުމުން، އެ ކާމިޔާބީގެ އަސްލު ބައިވެރިންނަކީ ކޮބައިކަން ހާމަވެއެވެ.
ސެންޓްރަލް ޕާކުގެ މަންޒަރެއް،
އުމުރުން ދުވަސްވީ މަންމައާއި ބައްޕަގެ މެދުގައި ހުރެ، ކެމެރާގެ ލެންސަށް ބަލަހައްޓައިގެން ތިބީ އުފާވެރި ހިނިތުންވުމާއެކުއެވެ. އެ މައިންބަފައިންގެ ލޮލުގައި ވަނީ ދަރިފުޅަށްޓަކައި ވާ ފަޚުރުވެރި ކަރުނައެވެ. އެއްވަރުގެ ތިން ދަރިންނާއި ފިރިމީހާގެ އަތުގައި ހިފައިގެން ގައުނުގައި ހުރި ޒުވާން އަންހެން ކުއްޖާ ފެނުމުން ވެސް، އެ ކުއްޖާގެ ހިތްވަރުގަދަކަން އިޙްސާސްވީކަހަލައެވެ އާއިލާގެ އެންމެން އެކުގައި ފޮޓޯ ނަގަމުން ދިޔައިރު، އެ މީހުންގެ ލޮލުން ވެސް ފެންނަނީ އެތައް އަހަރެއްގެ ޤުރުބާނީގެ ފޮނި ނަތީޖާ ލިބުމުން ވީ އުފަލެވެ.
ދުރުގައި ހުރެ އެ ކުދިންނަށް ބަލަމުން ދިޔައިރު އަހަންނަށް ހިތާހިތާ ބުނެލެވުނެވެ. މިއަދު އެ މޫނުތަކުން އެ ފެންނަ އުފާވެރިކަމަކީ ކިހާ ބުރަ، ކިހާ ދިގު ދަތުރަކަށް ފަހު ހާޞިލުކުރި ކާމިޔާބީއެއް ހެއްޔެވެ؟
ސެންޓްރަލް ޕާކުގެ އުފާވެރި މަންޒަރެއް،
އެ އުފަލުގެ ފަހަތުގައި ވަނީ ނިދިނަގާލި އެތައް ރެޔަކާއި، ތުއްތު ދަރިފުޅު އުރައިގެން އިނދެ އެސައިންމަންޓްތައް ނިންމަން ކުރި ހިތްވަރެވެ. ވިހަން ހޮސްޕިޓަލުގެ އެނދުގައި އޮވެ، ވޭނާއި ތަދުގެ ތެރޭގައި ވެސް އޮންލައިން ކުލާސްތަކަށް ވަދެ، ދެއްކި ސާބިތުކަމެވެ. ރަށްރަށުގައި ދިރިއުޅޭ ކުދިން، އުފަން ރަށާއި ޢާއިލާ ދޫކޮށް، ކަނޑުގަދަ ދުވަސްވަރު ވެސް ނުރައްކާތެރި ދަތުރުތައް ކޮށްފައި ކުލާސްތަކަށް ހާޒިރުވާން ކުރި ބުރަ މަސައްކަތާއި ހޭދަކުރި އަގުބޮޑު ޚަރަދުތަކެވެ. ވަޒީފާގެ ބުރަކަމާއި، ގޭތެރޭގެ ޒިންމާތަކާއި، އަނބިދަރިންނާއި ޢާއިލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރަމުން، ސުންގަޑިއަށް މަސައްކަތްތައް ނިންމަން އޮހޮރުވި ދަލެވެ.
ސެންޓްރަލް ޕާކުގެ އުފާވެރި މަންޒަރެއް،
ޙަޤީޤަތުގައި ވެސް ދަސްވެނިވުމަކީ ސެޓްފިކެޓެއް ޙާޞިލުކުރުމުގެ އިތުރުން، އެތައް ޤުރުބާނީއަކާއި، ބުރަ އުފުލުމަކާއި، ނުގުޑާފަދަ ޢަޒުމެއްގެ ފޮނި ނަތީޖާއެވެ.
ސެންޓްރަލް ޕާކުގެ ހިތްގައިމު މާޙައުލުން މިއަދު އެ ފެނުނު ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް ދާއިރާއަކުން މި ޤައުމަށް ޚިދުމަތްކުރުމަށް ތައްޔާރުވެފައިވާ ދަރިންނެވެ. އަދި އެއީ އެ މަންޒަރު ބަލަން ހުރި ކޮންމެ މީހެއްގެ ހިތަށްވެސް އުފާވެރިކަމާއި އުންމީދުގެ އިހުސާސެއް ގެނެސްދޭނެ ފަދަ ހިތްގައިމު މަންޒަރެކެވެ.
ސެންޓްރަލް ޕާކުގެ އުފާވެރި މަންޒަރެއް،
މިއީ ހަމައެކަނި މިއަދު ފެންނަ ޙަޤީޤަތެއް ނޫނެވެ. ކޮންމެ ދަސްވެނިވުމުގެ ޙަފުލާއަކަށް ފަހު ވެސް، ހަނދާނީ ފޮޓޯތައް ނަގައި އެ އުފާ ފާހަގަކުރުމަށް އެންމެންނަށް ވެސް އެންމެ ހިތްގައިމު މަންޒިލަކީ ހުޅުމާލޭ ސެންޓްރަލް ޕާކެވެ.
އެކި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ ދަސްވެނިވުން ނިންމައިލުމަށް ފަހު، އެ ކުދިން ސެންޓްރަލް ޕާކަށް ޖަމާވެ، އުފާފާޅުކުރާ މަންޒަރު ބަލައިލުމުން ވެސް، ތަޢުލީމުގެ އަގުހުރިކަމާއި، ދިރިއުޅުމުގައި އުއްމީދާއެކު ކުރިއަށްދާން ބޭނުންވާ ހިތްވަރު އާވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!