ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ "ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ޞިއްޙީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ޒަމާނީ އާލާތްތަކާއި މެޑިކަލް ޓެކްނޮލޮޖީ މުހިންމުވި ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި ޞިއްޙީ ޚިދުމަތްތެރިންނެވެ. މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ފަންނުވެރިޔަކަށްކަން އެކަމަނާ ސިފަކުރެއްވިއެވެ.
ޒަމާނީ ނިއޯނޭޓަލް ޔުނިޓެއްގައި ކުރިއަރާފައިވާ އާލާތްތައް ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެކަމަނާ ގޮވާލެއްވިއެވެ.
މި މަސައްކަތުގައި "ނިއޯކެއަރ" އިން އަދާކުރާ ދައުރު ފާހަގަކުރައްވަމުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މިއީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު އަގުހުރި މަންސައެއްކަމަށާއި، މާލެއިން ފެށިގެން އަތޮޅުތަކަށް އަދި ޞިއްޙީ ޚިދުމަތްތެރިންގެ އެކި ޖީލުތަކަށް މިފަދަ ފުރުޞަތުތައް ފުޅާކުރުން މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ޙާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަމާއި، އެބޭފުޅުންގެ ކިބައިގައިވާ ފަރުވާތެރިކަމާއި އޯގާތެރިކަމަށް އެކަމަނާ ވަނީ ތަޢުރީފުކުރައްވާފައެވެ.
އާއިލާއަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، އިންޓެންސިވް ނުވަތަ ޚާއްޞަ ފަރުވާ ހޯދަމުންދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި، އެހީތެރިކަމާއި، ސާފު މަޢުލޫމާތާއި، ޤަދަރާއި އިޙްތިރާމް އަދި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް ވާނެކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. އަދި ޞިއްޙީ ޚިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާދިނުން ނޫންކަމަށާއި، އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުންކަމަށް އެކަމަނާ ވިދާޅުވިއެވެ. މިއަހަރުގެ "ނިއޯކެއަރ 2026" ކުރިއަށްދަނީ "އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން" މި ޝިޢާރުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!