ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ޑްރާމާ މުބާރާތުގެ ފޯރިގަދަވެ، ބައިވެރިވާ ޓީމުތަކުން ޑްރާމާތައް އިޝްތިހާރު ކުރުމާއި ފޯރިގަދަ ޕްރެކްޓިސްތައް ކުރިއަށް އެބަދެއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތަކީ މަކުނުދޫގެ މުއްސަނދި ތާރީޚާއި ސަގާފީ އާދަކާދަތައް އާންމުންނަށް ދައްކާލުމާއެކު، މުޅި މުޖުތަމަޢަށް ފައިދާކުރަނިވި މުހިންމު މެސެޖުތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން، މި މުބާރާތުގެ ސަބަބުން ރަށުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޒުވާނުންނާއި މުވައްޒަފުންގެ މެދުގައި ފަންނީ ހުނަރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މި މުބާރާތުގެ އެކި ވަނަތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ގޮތުން 1ވަނަ ޑްރާމާއަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، 2 ވަނަ ޑްރާމާއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި 3 ވަނަ ޑްރާމާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު އެކްޓްރެސް، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ވާހަކަ ހޮވައި އެ ފަރާތްތަކަށް 500ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އެ ރަށު ކާނިމާލަމުގައި ބާއްވާ މި މުބާރާތް ބައްލަވާލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް މަކުނުދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ