ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އެކުލަވާލުމަށް މަޝްވަރާކުރެވުނު މި ކޮމިޝަން ދާދި އަވަހަށް އެކުލަވާލެވި، އޭގެ ފުރަތަމަ ބައްދަލުވުން މިއަހަރު ނިމުމުގެ ކުރިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވެފައިވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، މިއީ ކުރު ދަތުރުފުޅެއް ނަމަވެސް ދިވެހިރާއްޖެއިން އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި، މިކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އަޚުވަންތަ ގުޅުން ކަމަށެވެ.
މީގެއިތުރުން، ފަލަސްޠީނުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ތަޢުރީފް ކުރައްވާފައެވެ.
ދެ ޤައުމުގެ ޚާރިޖީ ސިޔާސަތަކީ ދާދި އެއްގޮތް ސިޔާސަތުތަކެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!