ށ. މިލަންދޫގައި އަޅަމުންދާ 50 ހައުސިން ޔުނިޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިއްޖެއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓްތަކުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

Ad
rt

މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކުރީ 03 ޖުލައި 2022 ގައެވެ. އެ މަސައްކަތް ފެށިރު ހަވާލުކުރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.

ދައުލަތުގެ އެ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ހަވާލުކުރީ ނުވަ މަސްދުވަހުގެ (270 ދުވަސް) ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ މި މަސައްކަތް ވަނީ 5 އަހަރަށްވުރެ ގިނަ ދުވަސްވެ ދިގުލައިގެން ގޮސްފައެވެ.

2022 ވަނަ އަހަރު ފެށި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއީ ކުރީގެ ސަރުކާރުގައި ފެށި ނަމަވެސް، ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި އޮތުމަށްފަހު، މިހާރުގެ ސަރުކާރުން ބާކީ ފައިސާ ދައްކައި އަލުން ފަށައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މިލަންދޫގައި އިމާރާތްކުރާ 3 ކޮޓަރީގެ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހަދާނެ ކަމަށް ވެސް މިނިސްޓްރީން އެއިރު ވަނީ ބުނެފައެވެ.

މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި އިތުރު 50 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ވަނީ ހަވާލުކުރައްވާފައެވެ. ވުމާއެކު، މިހާރު ކުރިއަށްދާ މަޝްރޫއު ނިމި، އަލަށް ހަވާލުކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމުން، ށ. އަތޮޅުގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ އަދި 2،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ މިލަންދޫގައި ޖުމްލަ 100 ހައުސިން ޔުނިޓް ގާއިމްވެގެންދާނެއެވެ.