އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުބް މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
d

ރައީސް މިމޭރުމުން ވާހަކަފުޅުދެއްކެވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން އިސްލާމީ މަރުކަޒުގައި ބޭއްވި "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓައި، މުސްތަޤުބަލުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމީ ތާރީޚާއި ދިވެހި ތާރީޚަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ. އެގޮތުން އިސްލާމީ ތާރީޚު ދުށް ޒުވާން ޝަޚްޞިއްޔަތުތަކުގެ ޛިކުރާ އާކުރައްވައި، ދިވެހި ތާރީޚުގައިވެސް ޢިލްމުވެރީން ދީނީ ޢިލްމު ހޯއްދެވުމަށް ތުއްޕުޅު އުމުރުގައި ވެވަޑައިގެންނެވި ޤުރްބާނީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޢިލްމަކީ ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަޞްލަޙަތު ކަމަށްވާތީ، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އަމާންކަން ދެމެހެއްޓުމަށް ދުލާއި ގަލަން ހިންގުމުގައި ޙިކްމަތްތެރިކަން އިސްކުރުމަށް ޒުވާން ޚަޠީބުންނަށް އިރުޝާދު ދެއްވިއެވެ.

Ad
df

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޚާއްސަ މަހާސިންތާއެކެވެ. ސަރުކާރުން މިހާތަނަށް ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ބުރެއް ހިންގައި، 700 އަށްވުރެ ގިނަ ޒުވާނުން ބިނާކޮށްފައިވާއިރު، މީގެ ސަބަބުން ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގެ ދަތިކަމަށް ވަނީ ޙައްލެއް ލިބިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި ވިސްނުންތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.